Roadha Mihaaru
އަދީބު ފިލުމުން އިމްރާން އިސްތިއުފާ ދޭން ޖެހޭ: ޝިޔާމް

އަދީބު ފިލުމުން އިމްރާނާއި ފުލުހުންގެ ވެރިން އިސްތިއުފާ ދޭން ޖެހޭ: ޝިޔާމް

05 އޯގަސްޓް 2019

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ވެރިން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވި މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ވެރިން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ގޮވާލައްވައިފި އެވެ.

ސިންގަޕޫރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓަގު ބޯޓެއްގައި ފިއްލަވައިގެން އަދީބު ރާއްޖެ ދޫކުރައްވައި ވަޑައިގެންފައި ވަނިކޮށް، އެމަނިކުފާނު އަނބުރާ ރާއްޖެ ގެނެސްފައިވާއިރު، އެކަމާ ގުޅުވައިގެން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، އަދީބުގެ މައްސަލައިގައި ސުވާލު އުފެދޭ އެތައް ކަމެއް ހިނގާފައިވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ އަހުމަދު އަދީބު ފިލީބާއޭ؟ ނޫނީ ބަޔަކު އަހުމަދު އަދީބު ފިލުވީބާއޭ އަޅުގަނޑު ހިތަށް އަރާ،" ނައިފަރު ދާއިރާގެ މެމްބަރު ކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

އަދީބަށް އެހާ ފަސޭހަ އިން ފިއްލެވުނު ގޮތަކާ މެދު ސުވާލު އުފައްދަވައި ޝިޔާމް ވަނީ އެމަނިކުފާނު އެކަން ކުރެއްވި އިރު، ފުލުހުންގެ އިންޓެލިޖެންސް ކޮބައިތޯ ވެސް ސުވާލު ކުރައްވައިފަ އެވެ. މަޖިލިހުގައި ބަހުސް ކުރެއްވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އަދީބުގެ މައްސަލައިގައި ފުލުހުންގެ އިންޓެލިޖެންސް އޮތީ ފެއިލްވެފަ އެވެ. އިންޓެލިޖަންސްގެ ކަންކަން މުރާޖައާ ކުރަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އަދީބު ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލަ ވެސް ބަލަން ޖެހެ އެވެ.

އަދޮ ވިދާޅުވީ ވަކި ގޮތަކަށް އަދީބުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދީބަކީ މުޖުރިމެއް ކަމަށް ވަނީ ނަމަ، އެމަނިކުފާނު ހުންނަވަން ޖެހޭނީ ހައްޔަރުކޮށްފައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ރޭ ގެންދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ރޭ ގެންދަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޑުއްވަރީ ދާއިރާގެ އިދިކޮޅު ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، އަދީބަކީ މީގެ ކުރިން ވަރަށް ގިނަ ބަޔަކު ބަލައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އެކަމަކު، އެމަނިކުފާނާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އިއްވި ޖަލު ހުކުމްތަކުގެ ސަބަބުން އެއީ ހިޔާނާތްތެރިވެފައިވާ ބޭފުޅެއް ކަން ސާފުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އަދީބު ފަދަ ބޭފުޅުންނަށް ފިލައިގެން ނުދެވޭ ވަރަށް ކަންކަން ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި އެ ނޫން ގޮތަކަށް ކަންކަން ދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

"މިހާރު އެބަޖެހޭ އަދީބަށް ދިމާވި މައްސަލަތަކަކީ ކޮބައިތޯ ބަލަން،" ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިގެން އަދީބުގެ މައްސަލަ ދިރާސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ޓަގް ބޯޓުގައި، ފިއްލަވައިގެން އަދީބު ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބޭރުން އިންޑިއާގެ ސިފައިން އަދީބު އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދީބު ފިއްލެވި މައްސަލައިގައި އިންޑިއާގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނާ ގިނަ އިރުތަކެއް ވަންދެން ޓަގް ބޯޓުގައި ހިފަހައްޓައި ސުވާލު ކުރި އެވެ.

އޭގެ ފަހުން، އިންޑިއާ އިން ވަނީ އަދީބު ރާއްޖޭގެ ސަލާމަތީ ބާރުތަކާ ހަވާލުކޮށްފަ އެވެ. ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން އަދީބު ރާއްޖެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

ކޯޓުން އަދީބުގެ ބަންދުގެ މުއްދަތު އިތުރު ނުކުރީ ޓަގް ބޯޓުގައި ފިއްލަވައިގެން ވަޑައިގަތުމުން، އަދީބު ފުރަތަމަ ހައްޔަރުކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ކަމަށް ވެފައި، އެ ސަރަހައްދަށް ރާއްޖޭގެ ގާނޫނުތައް ނުހިނގާނެތީ އެވެ. ފުލުހުން އަދީބު ހައްޔަރުކުރަން ދިޔައީ ކޯޓު އަމުރެއް ހިފައިގެން ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބޭރުން އަދީބު ހައްޔަރު ކުރުމުން އެ އަމުރަށް ރާއްޖޭގެ ގާނޫނީ ބާރެއް ނުހިނގާނެ އެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އޮންނަ އުޅަނދަކަށް ހިނގާނީ އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ގައުމެއްގެ ގާނޫނުތައް ކަމަށާއި އަދީބު ހައްޔަރުކުރީ އިންޑިއާ ދިދަ ނަގާފައިވާ އުޅަނދެއްގައި ހުއްޓާ ކަމަށް ފުލުހުންނާއި ޕީޖީން ކޯޓުގައި ބުނިކަން ގާޒީ ފާހަގަކުރެއްވި އެވެ.

އެހެންވެ އެއީ ގާނޫނާ ޚިލާފު ހައްޔަރެއް ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ރޭ ދަންވަރު އަމުރެއް ނުދިނެވެ. އެއާ އެކު، އަދީބު ވަނީ މިނިވަންވެފަ އެވެ. ނަމަވެސް އަދީބު ދޫކޮށްލިތާ މާ ގިނަ އިރުތަކެއް ނުވަނީސް ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްގެން މިހާރު ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު އަލުން ކޯޓަށް ހާޒިރު ކުރާނެ ކަމަށް ބެލެވެ އެވެ.