Roadha Mihaaru
ފަހުން 18 އަހަރުފުރުނު  ޒުވާނުންނަށް ވޯޓުލެވެން ޖެހޭ

ފަހުން 18 އަހަރު ފުރުނު ޒުވާނުންނަށް ވޯޓުލެވެން ޖެހޭ: މެމްބަރުން

17 ޖެނުއަރީ 2021

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން އަހަރެއްހާ ދުވަހަށް ލަސްވެފައިވާއިރު، އެ މުއްދަތުގައި އަލަށް އުމުރުން 18 އަހަރު ފުރުނު ޒުވާނުންނަށް ވޯޓު ނުލެވޭ ގޮތަށް ވޯޓާސް ލިސްޓު އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުން އަހަރެއްހާ ދުވަހަށް ލަސްވެފައިވާއިރު، އެ މުއްދަތުގައި އަލަށް އުމުރުން 18 އަހަރު ފުރުނު ޒުވާނުންނަށް ވޯޓު ނުލެވޭ ގޮތަށް ވޯޓާސް ލިސްޓު އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ކަންބޮޑުން ފާޅުކުރައްވައިފި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އޮތަސް އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނު ބަދަލުކުރަން، ރައްޔިތުންގެ މަޖިލީހުގައި ބޭޭއްވި ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ފަހުން 18 އަހަރު ފުރުނު ޒުވާނުންނާ އެކު، ވޯޓާސް ލިސްޓުގެ ސައްހަކަން އަލުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް އެކަށީގެންވާ ވަގުތު ލިބެން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ވެސް އިންތިޚާބު ބޭއްވޭ ގޮތަށް، ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގައި އިންތިހާބާ ބެހޭ ބައެއް މުއްދަތުތައް އޮތީ ކުރުކޮށްފަ އެވެ. އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓު އާއްމު ކުރަން އިންތިޚާބާ ބެހޭ އާއްމު ގާނޫނުގައި އޮންނަ އޮތުން މި އިންތިޚާބުގައި 30 ދުވަހަށް ހަދަން ބިލުގައި އެބަ އޮތެވެ. ވޯޓުލާ މީހުންގެ ލިސްޓު އާއްމު ކުރުމަށް ފަހު، ޝަކުވާ ހުށަހަޅަން ގާނޫނުގައި އޮންނަ 10 ދުވަސް ފަސް ދުވަހަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އިދިކޮޅު ކޯލިޝަންގައި އިސްވެ މަސައްކަތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ބިލުގައިވާ ގޮތަށް މުއްދަތުތައް ކުރުކޮށްލުމަކީ އިންތިޚާބަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.

ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމު ވެސް ވިދާޅުވީ ވޯޓުލާ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ ކޮންމެ މީހަކަށް ވޯޓުލެވެން ޖެހޭ ކަަމަށް ގަބޫލުކުރައްވާ ކަމަށާއި އެ މައްސަލަ (އަމިއްލަ ފަރާތަކުން) މިހާރު ހައި ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ފުރުސަތު ލިބޭނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް

"އެ މަގަށް ގެންދިއުމަށް ހަމަ ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އެދެން،" ވިސާމު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ހުށަހެޅުއްވި ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އިންތިޚާބާ ގުޅޭ ތިން ޝަކުވާއެއް އެކި ފަތާތްތަކުން ހުށަހަޅާފައިވާ ކަމަށާއި އެ ކަންތައްތައް ނިންމަން އެދިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އަލަށް 18 އަަހަރު ފުރޭ މީހުންގެ ހައްގު ހޯދަންް އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައިގައި ދެ ޝަކުވާއެއް ހިމެނެ އެވެ. އެއް ޝަކުވާއަކީ އަލަށް 18 އަހަރު ފުރޭ މީހުންނަށް ވޯޓުލާނެ ފުރުސަތު ނުލިބުމެވެ. ދެވަނަ ޝަކުވާ އަކީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުން ކަމަށް ނިޔާޒު ވިދާޅުވި އެވެ.