Roadha Mihaaru
އައްޑޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

އައްޑޫގައި މި ފަހަރު ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

06 އޯގަސްޓް 2019

މި އަހަރުގެ ބޮޑު އީދު، އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

މި އަހަރުގެ ބޮޑު އީދު، އައްޑޫގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލާ ވެސް ގުޅިގެން ހިތަދު އާއި މަރަދު އާއި ހުޅުމީދޫގައި "އައްޑޫ އީދި ސަމާ 1440" ގެ ނަމުގައި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި ސަގާފީ ގިނަ ކުޅިވަރުތައް ކުޅުން ވެސް ހިމެނެ އެވެ.

މީގެ ކުރިން އައްޑޫގައި އީދު ފާހަގަ ނުކުރާހާ ކުލަގަދަކޮށް، މި ފަހަރު އީދު ފާހަގަ ކުރަން ކައުންސިލުން ވަނީ އައްޑޫގެ ޖަމިއްޔާތަކާ ބައްދަލުކޮށް މަޝްވަރާ ކޮށްފަ އެވެ. އެހެންވެ، މި ފަހަރުގެ ހަރަކާތްތަކުގައި ގިނަ ބައެއްގެ ބައިވެރިވުމާއި ހިއްސާ އޮންނާނެ އެވެ. ހާއްސަކޮށް ޖަމިއްޔާތަކުން އީދު ކުޅިވަރުގެ ހަރަކާތްތައް ރޭވުމުގައި އިސް ދައުރެއް އަދާ ކުރެ އެވެ.

އީދު ކުޅިވަރު ހަރަކާތްތައް އައްޑޫގައި މި މަހުގެ 10-16 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަދި މީގެ ތެރޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އައްޑު އަކީ އީދު ތެރޭގައި ފެންކުޅި ވެސް މިހާރު ވަރަށް ފޯރީގައި ކުޅެމުން އަންނަ ތަނަކަށް ވާތީ ކައުންސިލުން ވަނީ އަވަށްތަކުގައި އެ ހަރަކާތް ބޭއްވުމަށް ސަރަހައްދުތަކެއް ވެސް ކަނޑައަޅައިފަ އެވެ. އެގޮތުން ކޮންމެ އަވަށަކުން ސަރަހައްދެއް ވަނީ ފެންފުޅި އަށް ހާއްސަކޮށްފަ އެވެ.

ކައުންސިލުން ބުނީ ކަނޑައަޅާފައިވާ ސަރަހައްދުތައް ނޫން ތަންތަނުގައި ފެންކުޅި ކުޅުން މަނާވާނެ ކަމަށެވެ. އަދި އީދު އުފާފާޅު ކުރުމުގަ އާއި ފެންކުޅި ކުޅުމުގައި އިސްލާމީ ރިވެތި އުސޫލުތައް ހިފަހެއްޓުމަށް ކައުންސިލުން އިލްތިމާސް ވެސް ކޮށްފައިވެ އެވެ.