Roadha Mihaaru
ވީޑިއޯ ސެލްފީން ވެސް ލޭގެ ޕްރެޝަރު ދެނެގަނެވިދާނެ

ވީޑިއޯ ސެލްފީން ވެސް ލޭގެ ޕްރެޝަރު ދެނެގަނެވިދާނެ

08 އޯގަސްޓް 2019

ކުރިއަށް އޮތް ތަނުގައި، ވީޑިއޯ ސެލްފީން ވެސް މީހުންގެ ލޭގެ ޕްރެޝަރު ދެނެގަނެވިދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިއަށް އޮތް ތަނުގައި، ވީޑިއޯ ސެލްފީން ވެސް މީހުންގެ ލޭގެ ޕްރެޝަރު ދެނެގަނެވިދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސާކިއުލޭޝަން: ކާޑިއޮވަސްކިއުލާ އިމޭޖިން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނީ ލޭގެ ޕްރެޝަރު ދެނެގުމަށް ފަހުގެ ޒަމާނީ ގޮތްތަކެއް ހޯދަމުން އަންނަ އިރު، ސްމާޓްފޯން ގެންގުޅޭ މީހުން އަމިއްލަ އަށް ނަގާ އެ މީހުންގެ ވީޑިއޯތަކުގެ އެހީގައި، ލޭގެ ޕްރެޝަރަށް އަންނަ ބަދަލު ދެނެގަނެވިދާނެ ކަމަށެވެ.

މި ދިރާސާ ހެދި މިޝިގަން ސްޓޭޓް ޔުނިވަސިޓީ އާއި ޓޮރޮންޓޯ ޔުނިވަސިޓީގެ ޓީމުން ވަނީ ލޭގެ ޕްރެޝަރު ދެނެގަތުމަށް ދިރާސާ އަށް ޓްރާންސްޑާމަލް އޮޕްޓިކަލް އިމޭޖިން ކިޔާ ޓެކްނޮލޮޖީއެއް ބޭނުންކޮށްފަ އެވެ. އޭގެ އެހީގައި ފާހަގަކުރެވުނު ކަމަކީ ސެލްފީ ވީޑިއޯތަކުން ދައްކުވައިދޭ މީހާގެ މޫނުގެ މަންޒަރާއި ހަރަކާތްތަކުން ސިސްޓޮލިކް ބްލަޑް ޕްރެޝަރު ދެނެގުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތަކެއް ލިބޭ ކަމަށެވެ.

"އެހެންވީމާ މިއީ ކުރިމަގުގައި ލޭގެ ޕްރެޝަރު ދެނެގަވޭނެ ފަސޭހަ ގޮތަކަށް ވާނެ،" ދިރާސާ ޓީމުގައި ހިމެނޭ މިޝިގަން ސްޓޭޓް ޔުނިވަސިޓީގެ ޕްރޮފެސަރު ރާމަކްރިޝްނާ މުއްކަމަލާ ވިދާޅުވި އެވެ. "އެކަމަކު މިއާ ގުޅޭ ގޮތުން އެބަޖެހޭ އަދި އިތުރު ހޯދުންތަކެއް ހޯދަން."

އޭނާ ފާހަގަކުރެއްވި ގޮތުގައި ސްމާޓްފޯނުތަކުގައި ބޭނުންކޮށްފައި ހުންނަ ޑިޖިޓަލް އޮޕްޓިކަލް ސެންސާތަކުގެ އެހީގައި ފޯނުން އެޅޭ އަލީގެ ސަބަބުން ހަށިގަނޑުގެ ލޭ ދައުރުވާ ގޮތް ވެސް ހޯދަން ފަސޭހަ ކަމަށެވެ. އެހެންވެ ދިރާސާގެ ނަތީޖާއަކީ އުންމީދީ މަސައްކަތެއް ކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބުންޏެވެ.

ލޭގެ ޕްރެޝަރު މަތިވުމަކީ އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތި ކުރުވާ ކަމެކެވެ. އޭގެ ތެރޭގައި ސްޓްރޯކާއި ހާޓްއެޓޭކް ޖެހުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެ އެވެ.

"ސްމާޓްފޯނު އެހާ ބޮޑަށް އާންމުވެފައިވާ ޒަމާނެއްގައި އެބަޖެހޭ އެއިން ސިއްހަތަށް ފައިދާ ހުރި ކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދަން،" ޓޮރޮންޓޯ ޔުނިވަސިޓީގެ ޕްރޮފެސަރު ކަންގް ލީ ވިދާޅުވި އެވެ. "ވީޑިއޯ ސެލްފީން ލޭގެ ޕްރެޝަރު މޮނިޓަ ކުރެވުމަކީ މީގެ ތެރެއިން ވަރަށް މުހިއްމު ކަމަކަށް ވާނެ."