Roadha Mihaaru
އަވަހަށް އިއްދައިންކެނޑުމުން ހާޓް އެޓޭކް ނުރައްކާ ބޮޑު

އަވަހަށް އިއްދައިން ކެނޑޭ މީހުންނަށް ހާޓް އެޓޭކްގެ ނުރައްކާ ބޮޑު

18 ސެޕްޓެމްބަރ 2016

އަވަހަށް އިއްދައިން ކެނޑޭ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ 50 ޕަސެންޓް އިތުރުކަމަށް ސައިންސްވެރިން ބުނެފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އަވަހަށް އިއްދައިން ކެނޑޭ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ 50 ޕަސެންޓް އިތުރުކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނެފައިވަނީ އުމުރުން 45 އަހަރު ފުރުމުގެ ކުރިން އިއްދައިން ކެނޑޭ އަންހެނުންނަށް އެއުމުރަށް ވުރެ ލަހުން އިއްދައިން ކެނޑޭ މީހުންނަށްވުރެ ކޮރޮނަރީ ހާޓް ޑިޒީޒްގެ ތެރޭގައި ހިމެނޭ ހާޓް އެޓޭކާއި އެންޖައިނާ ފަދަ މައްސަލަތަކުގެ ނުރައްކާ މާބޮޑަށް އިތުރުވާ ކަމަށެވެ.

ނެދަލެންޑްގެ އިރަސްމުސް ޔުނިވަސިޓީ މެޑިކަލް ސެންޓަރުން ހަދާފައިވާ މި ރިސާޗްގައިވާ ގޮތުން އެސްޓްރޯޖަން ހޯމޯންސް އަކީ ހިތުގެ ބަލިތަކުން ދިފާއުކޮށްދޭ އެއްޗެކެވެ.

އަންހެނުން އިއްދައިން ކެނޑެނީ އެވްރެޖްކޮށް 51 އަހަރުގައި ކަމަށާއި މިގޮތަށް ދިމާވަނީ ހަށިގަނޑުން އެސްޓްރޯޖަން އާއި އެނޫންވެސް ސެކްސް ހޯމޯންސް އުފެއްދުން ގުދުރަތީގޮތުން ހުއްޓޭތީކަމަށް ސައިންސްވެރިން ބުނެ އެވެ.

އިނގިރޭސި ވިލާތަށް ބަލާއިރު، އިއްދައިން ކެނޑުމުގެ އެކި މަރުހަލާތަކުގައި އަބަދުވެސް 1.9 މިލިއަން އަންހެނުން އުޅެ އެވެ. މީގެ ތެރެއިން 80 ވަރަކަށް ޕަސެންޓް މީހުންނަށް އިއްދައިން ކެނޑެން ކައިރިވުމުން ދިމާވާ ބައެއް ކަހަލަ ސިއްހީ މައްސަލަތަކާ ކުރިމަތިވެ އެވެ. އިއްދައިން ކެނޑުމުގެ މަރުހަލާ ހަތަރު ވަރަކަށް އަހަރަށް ދެމިގެން ދިއުމަކީ ވަރަށް އާއްމުކަމެކެވެ.

އިއްދައިން ކެނޑެން ކައިރިވުމުން ފެންނަ ނިޝާންތަކުގެ ތެރޭގައި ޑިޕްރެޝަން، ކުއްލިއަކަށް ހަށިގަނޑަށް ހޫނުގަނޑެއް އެރުން، ބޮލުގައި ރިހުން އަދި ރޭގަނޑު ނިދާފައި އޮންނަ ވަގުތު މާގަދަޔަށް ދާހިއްލުން ހިމެނެ އެވެ.

ކޮންމެ 10 އަންހެނުންގެ ތެރެއިން އެކަކަށް އިއްދައިން ކެނޑުމުގެ މަރުހަލާ އަވަހަށް ފެށެ އެވެ. މީގެ ތެރެއިން ބައެއް މީހުންގެ މިމަރުހަލާ ފެށެނީ އުމުރުން 45 އަހަރު ވުމުގެ ކުރިންނެވެ. އަދި ކޮންމެ 100 މީހަކުން އެކަކީ އުމުރުން 40 އަހަރު ވުމުގެ ކުރިން މި މަރުހަލާ ފެށޭ ބައެކެވެ. އަދި 1000 މީހަކުން އެކަކަށް އުމުރުން 30 އަހަރު ފުރުމުން ވެސް މި މަރުހަލާ ފެށެ އެވެ.

އަންހެނުން ރޭގަނޑު އާދަޔާޚިލާފަށް ހޫނުވާތީ އުޅުމަކީ ވެސް އިއްދައިން ކެނޑުމުގެ އަލާމާތެއް

އަންހެނުން ރޭގަނޑު އާދަޔާޚިލާފަށް ހޫނުވާތީ އުޅުމަކީ ވެސް އިއްދައިން ކެނޑުމުގެ އަލާމާތެއް

ނެދަލެންޑްގެ ސައިންސްވެރިން މިފަހަރުކުރި ދިރާސާގައި މީގެ ކުރިން ހަދާފައިވާ 32 ދިރާސާއެއް އަލުން ދިރާސާ ކުރި އެވެ. މި 32 ދިރާސާގައި 310،000 އަންހެނުން ހިމެނެ އެވެ.

އުމުރުން 45 އަހަރު ނުވަނީސް އިއްދައިން ކެނޑޭ މީހުންނާއި 45 އަހަރުން މަތިވުމުން އިއްދައިން ކެނޑޭ މީހުން އަދި އެންމެ ލަހުން އިއްދައިން ކެނޑޭ މީހުންގެ ސިއްހީ ހާލަތު މި ދިރާސާގައި ވަޒަންކޮށްފައިވެ އެވެ.

ޖާމާ މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ރިޕޯޓްގައިވާ ގޮތުން އަވަހަށް އިއްދައިން ކެނޑޭ މިހުންނަށް ހިތުގެ ބަލިތަކުގެ ނުރައްކާ 50 ޕަސެންޓް އިތުރެވެ. އަދި މީގެ ތެރެއިން 11 ޕަސެންޓް މީހުން ހާޓް އެޓޭކެއް ޖެހިގެން މަރުވުމުގެ ފުރުސަތު އޮވެ އެވެ. އަދި 12 ޕަސެންޓް މީހުން އުމުރުން އެހާ ގިނަ ދުވަސް ނުވަނީސް ކޮންމެވެސް ބައްޔެއް ޖެހިގެން މަރުވުމުގެ ނުރައްކާ އޮވެ އެވެ.

ނަމަވެސް އަވަހަށް އިއްދައިން ކެނޑުމާއި ސްޓްރޯކް ޖެހުމާ އެއްވެސް ގުޅުމެއް ހުރި ކަމެއް ހޯދިފައި ނެތް ކަމަށް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ސައިންސްވެރިން ބުނަނީ އެސްޓްރޯޖަން އަކީ ވަރަށް މުހިންމު ދައުރެއް ކުޅޭ ހޯމޯންއެއްކަން ފާހަގަކުރެވޭ ކަމަށެވެ. އެއީ އެ ހޯމޯންއަކީ ލޭ ހޮޅިތަކަށް އަރާމު ލިއްބައިދޭ އެއްޗަކަށް ވާތީ އެވެ. އެސްޓްރޯޖަން ސަޕްލައި މަދުވާން ފެށުމުން އާޓްރީޒްތައް ހަރުވާން ފަށަ އެވެ. މިއީ ހާޓް އެޓޭކް ޖެހުމަށް މެދުވެރިވާ އެންމެ މުހިއްމު އެއް ސަބަބެވެ.

ލަހުން އިއްދައިން ކެނޑޭ އަންހެނުންގެ ހަށިގަނޑަށް މާގިނަ ދުވަސް ވަންދެން އެސްޓްރޯޖަން ލިބެ އެވެ. ނަތީޖާއަކަށް ވަތީ ހިތުގެ ބަލިތަކުގެ ނުރައްކާ ދަށްވުމެވެ.

ނަމަވެސް ހޯމޯން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ހޯމޯން އުފައްދާ ބޭސް ކައިގެން މި ނުރައްކާ ކުޑަ ކުރެވިދާނެތޯ އަދި ސާފުނުވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެ ކުރިން ކޮށްފައިވާ މިފަދަ ދިރާސާއަކުން ދައްކާފައިވާ ގޮތުން އިއްދައިން ކެނޑޭތާ ހަ އަހަރުދުވަހުގެ ތެރޭގައި އެސްޓްރޯޖަން ރިޕްލޭސްމަންޓް ޕިލްސް ކާ އަންހެނުންގެ އާޓްރީޒްތައް ބްލޮކްވުން ދުރުކޮށްދެ އެވެ. މިއީ ހާޓް އެޓޭކާއި ސްޓްރޯކްޖެހުމަށް ދިމާވާ މުހިއްމު ސަބަބެކެވެ.