Roadha Mihaaru
ޕީއެސްޖީން ނޭމާ ވިއްކާލަން ތައްޔާރުވަނީ

ޕީއެސްޖީން ނޭމާ ވިއްކާލަން ތައްޔާރުވަނީ

11 އޯގަސްޓް 2019

ޕެރިސް (އޮގަސްޓް 11) - ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕީއެސްޖީގެ ތަރި ނޭމާ ގަންނަން ރެއާލް މެޑްރިޑުން ވެސް މަސައްކަތްކުރަމުން އަންނައިރު، އޭނާ ވިއްކާލަން ޕީއެސްޖީން ތައްޔާރުވަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮގަސްޓް 11) - ބާސެލޯނާ އަށް ބަދަލުވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޕީއެސްޖީގެ ތަރި ނޭމާ ގަންނަން ރެއާލް މެޑްރިޑުން ވެސް މަސައްކަތްކުރަމުން އަންނައިރު، އޭނާ ވިއްކާލަން ޕީއެސްޖީން ތައްޔާރުވަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ގެނައި ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވެފައިހުރިއިރު، މީގެ ކުރިން ޕީއެސްޖީގެ މެނޭޖްމަންޓުން އޭނާ ވިއްކާނުލައި ގަދަދެއްކީ އެންމެ އެކަށޭނެ ބިޑެއް އެއްވެސް ޓީމަކުން ނުކުރާތީ އާއި އެކަމާ މެދުގައި ކްލަބް ތެރޭގައި ހިޔާލުތަފާތުވުންތަކެއް އޮތުމުންނެވެ. އެކަމަކު ޕީއެސްޖީއާ އެކު ކުރިއަށް ދިއުމުގެ މާ ބޮޑު ވިސްނުމެއް ނޭމާގެ ނެތުމުން އެ ކްލަބުން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާ ދޫކޮށްލާށެވެ.

"ކުރިއަށް ވުރެ ބޮޑަށް މަޝްވަރާތައް ކުރިއަށް ގޮސްފި. އެކަމަކު އަދި ވެސް ހުރިހާ ކަމެއް އެއްކޮށް ހަމަނުޖެހޭ. މީގެ އެބަޖެހޭ ކުޅުންތެރިޔާގެ ވިސްނުމަށް ވެސް ބަލައި ކްލަބަށް ވެސް ރަނގަޅު ގޮތެއް ހޯދަން،" ޕީއެސްޖީގެ ޑިރެކްޓަރު ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ލިއޮނާޑޯ ބުންޏެވެ.

ނޭމާ ބޭނުންވަނީ ބާސެލޯނާއާ އަލުން ގުޅޭށެވެ. އެކަމަކު ޕީއެސްޖީން ބޭނުންވާ ވަރުގެ ބިޑެއް އަދި ބާސެލޯނާ އިން ނުކުރާއިރު އެ ޓީމަށް ނޭމާ ވިއްކާލަން ޕީއެސްޖީގެ ބައެއް ބޯޑު މެމްބަރުން ބޭނުމެއް ނުވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

މީގެ ހަފްތާއެއް ކުރިން ނޭމާގެ ޑީލް ހައިޖެކްކުރަން ރެއާލުން ވަނީ މަސައްކަތް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން ހުށަހެޅީ 130 މިލިއަން ޑޮލަރުގެ އިތުރުން އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ދީފައި ނޭމާ ގަންނާށެވެ. އަދި މި ޑީލުގެ ތެރެއިން ރެއާލުން އެ ޓީމަށް ކުޅޭ ބްރެޒިލްގެ ޒުވާން ވިންގް ވިނީޝިއުސް ޖޫނިއާ ދޫކޮށްލަފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ނޭމާ ވަނީ ދާދި ފަހުން އޭނާގެ ބައްޕަ އަދި އޭޖެންޓް މެދުވެރިކޮށް ބާސެލޯނާ އަށް މެސެޖެއް ދީފަ އެވެ. ނޭމާ އެދުނީ އޭނާ ހޯދަން ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލުމަށެވެ. އަދި މި މަހުގެ ނިޔަލަށް ހަމަވާ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ބާސެލޯނާއާ ގުޅެން ބޭނުންވާ ކަމަށް ޕީއެސްޖީގެ ބައެއް ކުޅުންތެރިން ގާތުގައި ނޭމާ ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.