Roadha Mihaaru
ނޭމާގެ ޑީލާ ހެދި ކުޅުންތެރިންތަކެއް ހިތްހަމަނުޖެހިއްޖެ

ނޭމާގެ ޑީލާ ހެދި ބާސާގެ ކުޅުންތެރިންތަކެއް ހިތްހަމަނުޖެހިއްޖެ

05 ސެޕްޓެމްބަރ 2019

ބާސެލޯނާ (ސެޕްޓެމްބަރު 5) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ނޭމާ އަލުން ބާސެލޯނާ އަށް ގެންނަން އެ ކްލަބްގެ ވެރިން މަސައްކަތްކުރި ގޮތުން އެ ޓީމުގެ ބައެއް ކުޅުންތެރިން ޓީމުގެ ވެރިންނާ މެދު ހިތްހަމަނުޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (ސެޕްޓެމްބަރު 5) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ނޭމާ އަލުން ބާސެލޯނާ އަށް ގެންނަން އެ ކްލަބްގެ ވެރިން މަސައްކަތްކުރި ގޮތުން އެ ޓީމުގެ ބައެއް ކުޅުންތެރިން ޓީމުގެ ވެރިންނާ މެދު ހިތްހަމަނުޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ ގެންނަން ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ތަފާތު ތިން ބިޑެއް ނޭމާ ހޯދަން ކޮށްފަ އެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ހަތަރު ކުޅުންތެރިއަކު ވެސް ހިމެނި އެވެ. އެއީ ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ޓޮޑީބޯ އާއި ވިންގް އޮސްމާން ޑެމްބެލޭގެ އިތުރުން ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އަދި ބަޔާން މިއުނިކަށް މި ފަހަރު ބަދަލުވި ފިލިއްޕޭ ކުޓީނިއޯ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ނޭމާ ޑީލްގެ ތެރެއިން މި ހަތަރު ކުޅުންތެރިން ވެސް ޕީއެސްޖީ އަށް ދޫކޮށްލަން ނިންމިއިރު، އެކަން އެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އޭޖެންޓުންނަށް ނާންގަ އެވެ. އޭގެ ސަބަބުން އެ ކުޅުންތެރިންނަށް މުސްތަގުބަލާ މެދު ސުވާލުއުފެދިފައި ތިބެން ޖެހުނު ކަމަށް އެ ކުޅުންތެރިންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މި ހަތަރު ކުޅުންތެރިންނަކީ ވެސް ބާސެލޯނާއާ އެކު ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނަށްވާއިރު، އެންމެ ފުރަތަމަ ވެސް އެ ކުޅުންތެރިން ވަނީ ބާސެލޯނާގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު ނިންމުން ބަދަލުކޮށް ކުޓީނިއޯ ބަޔާނާ ގުޅުނީ އޭނާގެ ކެރިއަރަށް އެންމެ ރަނގަޅު ގޮތްކަމަށް ބުނުމަށް ފަހު އެވެ.

ބާސެލޯނާ އަށް އަލުން ނޭމާ ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި ކުޅުންތެރިންނަކީ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި ޖެރާޑް ޕީކޭ އެވެ. މި ތިން ކުޅުންތެރިންނަކީ ނޭމާ އަލުން ބާސެލޯނާ އަށް އަންނަން ލަފާދެމުން ދިޔަ ކުޅުންތެރިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ދާދި ފަހުން ސުއަރޭޒް ބުނީ ނޭމާ އެނބުރި އަންނަން ކުރެވެން އޮތް ހުރިހާ ގޮތަކުން މަސައްކަތްކުރި ކަމަށާއި އެކަން ވާން ނެތީ އެކި ސަބަބުތަކެއް މެދުވެރިވެގެން ކަމަށް ބުނެ އެވެ.

ބާސެލޯނާގެ މެޗެއްގެ ތެރެއިން ނޭމާ (ކ) މެސީ އަށް ބަލަހައްޓައިގެން.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ މެޗެއްގެ ތެރެއިން ނޭމާ (ކ) މެސީ އަށް ބަލަހައްޓައިގެން.-- ފޮޓޯ: އޭއެފްޕީ

ސްޕެއިނުގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ނޭމާ އަލުން ގެންނަން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އެކަށީގެންވާ ވަރަށް އެއްބާރުލުން ނުދެ އެވެ. އެއީ ބާސެލޯނާ ދޫކޮށްދިޔައިރު ނޭމާ އެ ކްލަބްގެ ބޯޑާ މެދު ކުރި ހަގީގަތާ ހިލާފު ތުހުމަތުތަކެއްގެ ސަބަބުންނެވެ. އެ ފަހަރު ނޭމާ ވަނީ ދެ ފަހަރެއްގެ މަތިން ބާސެލޯނާގެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. ނޭމާގެ ޓްރާންސްފާގެ ކަންތައްތަކާ އެންމެ އިސްކޮށް އުޅުނު ޑިރެކްޓަރު އަދި ކުރީގެ ޑިފެންޑަރު އެރިކް އަބިދާލަށް ވެސް ބާސެލޯނާ ބޯޑުގެ އެންމެ ފުރިހަމަ އެއްބާރުލުން ނުލިބުނު ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނާގޮތުގައި ބާސެލޯނާ އަށް ނޭމާ ޑީލް ފުރިހަމަ ނުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންޓޮއިން ގްރީޒްމަން ގަތުމެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އޭނާ ގަތީ 135 މިލިއަން ޑޮލަރަށެވެ. އަދި ދެން ބާސެލޯނާ އަށް ބޮޑު އަގުގައި ކުޅުންތެރިއަކު ގަނެވެން އޮތީ ކުޅުންތެރިން ވިއްކައިގެން 160 މިލިއަން ޑޮލަރު މަދުވެގެން ހޯދައިގެންނެވެ. އެހެން ނޫން ގޮތަކަށް ނޭމާ ގަންނަން ބޮޑު ބިޑެއް ކުރާނަމަ ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވާނެ އެވެ. މީގެ ކުރިން ވެސް ޒުވާން ކުޅުންތެރިން ގަތުމުގައި ގަވައިދާ ހިލާފުވެފައިވާތީ އެ ޓީމަށް ވަނީ ފިޔަވަޅު އަޅައިފައިވާތީ މި ފަދަ މައްސަލައެއްގައި ދެން ބާސެލޯނާ އަށް އަންނާނީ ބޮޑު އަަދަބެކެވެ. އެހެންވެ އެ ޓީމުން އެ ފަދަ ރިސްކެއް ނުނަގާނެ ކަމަށްވެ އެވެ.

އެއްވެސް ކުޅުންތެރިއަކު ޑީލް ތެރޭގައި ނުހިމަނައި ބާސެލޯނާ އިން ނޭމާ ގަންނަ ނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓް ތެރޭގައި އެކަން ކުރެވެން އޮތް މަގަކީ 246 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިގެންނެވެ. އެކަމަކު ގަވާއިދުގެ ތެރެއިން ބާސެލޯނާ އަށް އެކަން ކުރެވެން ނެތެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް މި ސީޒަނުގައި އަދި އެ ޓީމު ކުޅުނު އެއްވެސް މެޗެއްގައި ނޭމާ ނުހިމަނަ އެވެ. އެކަމަކު ކުރިއަށް އޮތް އެކުވެރިކަމުގެ މެޗުތަކަށް ބްރެޒިލުން ނެގި ސްކޮޑުގައި ނޭމާ ހިމެނެ އެވެ. ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ނޭމާ ބުނެފައިވާތީ ޕީއެސްޖީ ސަޕޯޓަރުންގެ ނުރުހުން ވަނީ ނޭމާ އަށް އަމާޒުވެފަ އެވެ. އެހެންވެ ކުރިން އެ ކްލަބްގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ވަރުގެ ސަޕޯޓެއް ނޭމާ އަށް ލިބޭނެ ކަމަށް ނުބެލެވެ އެވެ.

ނޭމާ ހޯދުމުގެ މަސައްކަތް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ބާސެލޯނާ އިން ކުރާނެ ކަމަށް ބެލެވޭއިރު، އެކަން ވުމުގެ ފުރުސަތު މިހާރު އޮތްގޮތުން އެންމެ ބޮޑީ އަންނަ އަހަރުގެ ޖޫން މަހު އެވެ. އެއީ އޭރު ނޭމާ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުންނަތާ ތިން އަހަރު ފުރިހަމަވާއިރު، ނޭމާ ވިއްކާލާން ޕީއެސްޖީން ކިޔާނެ އަގެއް ކޯޓު މެދުވެރިކޮށް ކަނޑައެޅުމުގެ އިހުތިޔާރު ނޭމާ އަށް އޮތުމުންނެވެ. ޕީއެސްޖީއާ އެކު މިހާރު ނޭމާ ހަދާފައިވާ އެއްބަސްވުމުގައި ކޮންޓްރެކްޓް އުވާލަން ދައްކަންޖެހޭ އަދަދެއް ހިމަނާފައިނުވެ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެސް ޕީއެސްޖީ އަށް ނޭމާ ވިއްކާނުލައި ފަރުޖެއްސުނީ ވެސް އެ ސަބަބާ ހުރެ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ދެން ނޭމާ ވިއްކާލާނީ 290 މިިލިއަން ޑޮލަރާ ގާތްކުރާ ބިޑެއް އަތުވެއްޖެނަމަ އެވެ.