Roadha Mihaaru
ނޭމާގެ ޓްރާންސްފާގައި ޕީއެސްޖީގެ ޝަރުތުތަކެއް

ނޭމާގެ ޓްރާންސްފާގައި ޕީއެސްޖީގެ ޝަރުތުތަކެއް

27 އޯގަސްޓް 2019

ޕެރިސް (އޮގަސްޓް 27) - ބްރެޒިލްގެ ތަރި ނޭމާ ގަންނަން ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނައިރު، އެ ޓްރާންސްފާ އެއްބަސްވުމުގައި ޝަރުތުތަކެއް ހިމަނަން، ނޭމާ މިހާރު ކުޅެމުން އަންނަ ޕީއެސްޖީން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮގަސްޓް 27) - ބްރެޒިލްގެ ތަރި ނޭމާ ގަންނަން ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން މަސައްކަތްކުރަމުން އަންނައިރު، އެ ޓްރާންސްފާ އެއްބަސްވުމުގައި ޝަރުތުތަކެއް ހިމަނަން، ނޭމާ މިހާރު ކުޅެމުން އަންނަ ޕީއެސްޖީން ނިންމައިފި އެވެ.

އަންނަ މަހު ދެ ވަނަ ދުވަހު ޔޫރަޕްގެ ގިނަ ގައުމުތަކަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު، އޭގެ ކުރިން ނޭމާގެ ޑީލް ނިންމަން ޕީއެސްޖީން ބޭނުންވެ އެވެ. އެވެ. އެކަމަކު ގޮތެއް ނުނިމި އޮތީ ނޭމާ ވިއްކާލާނެ ކްލަބަކާ މެދު ޕީއެސްޖީގެ ބޯޑުގެ ހިޔާލުތަފާތުވުންތަކެއް ހުރުމުންނެވެ.

ބާސެލޯނާ އާއި ރެއާލުން ހުށަހެޅި ޑީލްތަކަކަށް ޕީއެސްޖީން މިހާތަނަށް ނުނެކޭ ބުނެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން މިހާރު ޕީއެސްޖީގެ ޑިރެކްޓަރު ލިއޮނާޑޯ ވަނީ އެ ކްލަބްގެ ބޯޑުގެ ވަކި ޝަރުތުތަކެއް ޑީލްގައި ހިމަނަން ހުށަހަޅަން ނިންމައިފަ އެވެ. އަދި އެ ގޮތަށް އެންމެ ރަނގަޅަށް އެއްބަސްވާ ކްލަބަކަށް ނޭމާ ދޫކޮށްލަން ޕީއެސްޖީން ތައްޔާރުކަމަށް ފްރާންސްގެ ނޫސްތަކުން ބުނެ އެވެ.

މީގެ ދެ އަހަރު ކުރިން ޕީއެސްޖީން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ގެނައި ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވެފައިހުރި އިރު، ސީޒަނުގައި މިހާތަނަށް އޭނާ އަދި މެޗެއް ނުކުޅެ އެވެ. ޕީއެސްޖީގެ ސަޕޯޓަރުން އަންނަނީ ތަކުރާރުކޮށް އެ ޓީމުގެ މެޗުތަކުގައި ނޭމާއާ ދެކޮޅު ލިޔުންތަކެއް ހިމެނޭ ބެނާތައް ހިފައިގެން ޝުއޫރުފާޅުކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ނޭމާ ވިއްކާލާ އެއްބަސްވުމުގައި ހިމަަނަން ބޭނުންވާ ޝަރުތުތަކަކީ ދެ އަހަރު ކުރިން ނޭމާ ވިއްކާލިއިރު، އޭނާ އަށް ދޭން އޭރު ޕީއެސްޖީން އެއްބަސްވި ބައެއް ބޯނަސްތައް މި ޑީލްގެ ތެރެއިން އޭނާ ސޮއިކުރާ ކްލަބަކުން ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސައިދޭ ގޮތަށް އެއްބަސްވުމަށެވެ. އަދި ނޭމާ ސޮއިކުރާ ކްލަބަކާ ގުޅިން އޭނާ އަށް ހަމަޖެހިގެންދާ ބައެއް ސްޕޮންސަޝިޕް ޑީލްތަކުން ލިބޭ ފައިދާއެއް އަހަރު ވަންދެން ޕީއެސްޖީ އަށް ލިބޭގޮތަށް ހަމަޖެއްސުމަށް އެއްބަސްވުމުގައި ހުށަަހަޅަން އެދިފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ ޕީއެސްޖީން ނޭމާއާ އެކު ސޮއިކުރި ކޮންޓްރެކްޓްގައި ހިމަނާ މިހާތަނަށް ފުރިހަމަނުވެ ހުރި ކަންތައްތަކެއްގެ ބަދަލު ހޯދުމުގެ ގޮތުން އެއްބަސްވުމުގައި ހިމަނާ ބައިތަކެކެވެ. ޕީއެސްޖީން އަންދާޒާ ކުރާގޮތުގައި މި ދެ ބައި ހިމަނައިގެން އެ ކްލަބަށް 70 މިލިއަން ޑޮލަރުގެ ފައިދާއެއްކުރާނެ އެވެ.

ޕީއެސްޖީން މިހާރު ނޭމާ ހޯދަން ޑިމާންޑްކުރަނީ ބާސެލޯނާ އިން ނަމަ 112 މިލިއަން ޑޮލަރު އިތުރުން އޮސްމާން ޑެމްބެލޭ އަދި ނެލްސަން ސެމޭޑޯ އެވެ. އަދި ރެއާލުން ވެސް އެ ވަރުގެ ޓްރާންސްފާ ފީއެއްގެ އިތުރުން ލޫކަ މޮޑްރިޗާއި ހަމޭސް ރޮޑްރިގޭޒް އަދި ކޭލޯ ނަވާސް ތެރެއިން ދެ ކުޅުންތެރިއަކު ހިމަނަން އަންގައިފަ އެވެ. މީގެ ކުރިން ޕީއެސްޖީން ވަނީ ރެއާލުގެ ޑީލް ތެރޭގައި ބްރެޒިލްގެ ޒުވާން ވިންގް ވިނީޝިއުސް ޖޫނިއާ ހިމަނަން ނިންމައިފަ އެވެ. އެކަމަކު ރެއާލުން އެކަމާ ދެކޮޅު ހެދުމުން ފަހުން ޕީއެސްޖިން ޖެހުނީ އެ ވިސްނުން ދޫކޮށްލާށެވެ.

ބާސެލޯނާ އިން ނޭމާގެ ޑީލް ކުރިއަށް ގެންދަން މި ވަގުތު އެންމެ ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ގެނައުމަށް ފަހު އަންނަ އަހަރު ޓްރާންސްފާ ފީ ދެއްކުމަށެވެ. ލޯން ފީ އެއްގެ ގޮތުގައި މި ވަގުތު 35 މިލިއަން ޑޮލަރު ދޭން ވެސް ބާސެލޯނާ ތައްޔާރެވެ. އެކަމަކު ޕީއެސްޖީން ބޭނުންވަނީ 112 މިލިއަން ޑޮލަރު ހިމަނައިގެން ޑީލް ކުރިއަށްގެންދާނެ އެވެ.

ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާގެ ޑިރެކްޓަރު އެރިކް އަބިދާލް އާއި ލިއޮނާޑޯ މިރޭ ނޭމާގެ ޑީލްގެ މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ އެވެ. ރެއާލުން ވެސް ލިއޮނާޑޯއާ އެކު ފަހު ބައްދަލުވުމެއް ބާއްވަން އެދިފައިވާއިރު، އެ ފުރުސަތު ލިބެން އޮތީ ބާސެލޯނާއާ އެކު ބާއްވާ ބައްދަލުވުމަށް ފަހު ކަމަށް ޕީއެސްޖީން ވަނީ ރެއާލަށް އަންގައިފަ އެވެ.

ނޭމާއާ ހަވާލާދީ ބްރެޒިލްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ ބޭނުންވަނީ ކުރިން ލިބޭ ވަރަށް ވުރެ ކުޑަ މުސާރައެއްގައި ވެސް އަލުން ބާސެލޯނާ އަށް ބަދަލުވާށެވެ. އެކަމަކު އެ ފުރުސަތު ލިބެން ނެތް ނަމަ ރެއާލަށް ބަދަލުވުމަކީ ވެސް އޮތް ކަމެއް ކަމަށް ވެ އެވެ. ބްރެޒިލްގެ ސަންޓޯސް ދޫކޮށް ބާސެލޯނާ އަށް 2013 ވަނަ އަހަރު ނޭމާ ބަދަލުވީ އޭރު ރެއާލުން ލިބުނު ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.