Roadha Mihaaru
އޮޕަރޭޝަންކުރަން އަސީލް އިންޑިއާއަށް

ހާލު ސީރިއަސްވި އަސީލް އޮޕަރޭޝަންކުރަން އިންޑިއާއަށް ފޮނުވާލައިފި

17 ސެޕްޓެމްބަރ 2016

ހދ. ކުޅުދުއްފުށީގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އަސީލް އަލީ، އޮޕަރޭޝަން ކުރަން އިންޑިއާއަށް ފުރުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހދ. ކުޅުދުއްފުށީގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އަސީލް އަލީ، އޮޕަރޭޝަން ކުރަން އިންޑިއާއަށް ފުރުވާލައިފި އެވެ.

އަސީލަށް ފަރުވާ ދިނުމަށް މިއަދު ހަވީރު އިންޑިއާއަށް ފޮނުވާލީ އާއިލާގެ ބައެއް މެމްބަރުންނާއި ނަރުހަކާ ވެސް އެކުގަ އެވެ.

އާއިލާއިން ބުނި ގޮތުގައި އަސީލަށް ފަރުވާ ކުރުމުގެ އިންތިޒާމުތައް އާސަންދައިން ވަނީ ހަމަޖައްސައިފަ އެވެ.

އުމުރުން 18 އަހަރުގެ އަސީލް، މިދިޔަ އާދިއްތަ ދުވަހުގެރޭ ބާރަށް ސައިކަލްގައި ދަނިކޮށް ވެއްޓި އޭނާގެ މައިބަދަ އަށް ލިބުނު ގެއްލުންތަކުން ހާލު ސީރިއަސްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ. އަސީލަށް ނުތެދުވެވޭ ކަމަށް ޑޮކްޓަރުންގެ ގާތު ބުނުމުން، "އޭނާ މަކަރު ހަދަނީ" ކަމަށް ޑޮކްޓަރުން ބުނި ކަމަށް އާއިލާއިން ބުނެ އެވެ.

އޭގެ ތިން ދުވަސް ފަހުން، އާސަންދައިގެ ދަށުން މާލެ ގެނެސް އެކްސްރޭތައް ބެލުމުން އެނގުނީ އަސީލްގެ މައިބަދައިގެ ދެ ބަދައެއް ހަލާކުވެ އިތުރު ހަ ބަދަޔަކަށް ވެސް ގެއްލުން ލިބިފައި ހުރި ކަމެވެ. މާލެ ގެނައިއިރު އަސީލްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި މާ ބޮޑަށް ލަސްވުމުގެ ސަބަބުން އޭނާ ޕެރަލައިޒްވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުންޏެވެ.

އަސީލް އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ފަހު، ޑޮކްޓަރަށް ދެއްކުމުން އެންގެވީ ވީހާ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންގޮސް ސާޖަރީ ހެދުމަށެވެ.

އަސީލްގެ ބައްޕަ ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުން އޭނާގެ ދަރިފުޅާ މެދު "ވަރަށް ބޮޑު އިހުމާލެއް" ވެފައިވާ ކަމަށެވެ. ހޮސްޕިޓަލުން އިހުމާލްވި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.