Roadha Mihaaru
ބަލި މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންގައި

ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހަކު ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންގައި

25 މާޗް 2021

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިރޭ އެޑްމިޓްކުރި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް އަރާފޭބުން މަނާކޮށްފި އެވެ. ހޮސްޕިޓަލުން ބުނިގޮތުގައި ފުރަތަމަ ޕޮޒިޓިވްވި މީހާއާ ގުޅިގެން އިތުރު ހަތަރު މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިރޭ އެޑްމިޓްކުރި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް އަރާފޭބުން މަނާކޮށްފި އެވެ. ހޮސްޕިޓަލުން ބުނިގޮތުގައި ފުރަތަމަ ޕޮޒިޓިވްވި މީހާއާ ގުޅިގެން އިތުރު ހަތަރު މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އުތުރުގެ ގިނަ ބަޔަކު އެކި ބޭނުންތަކަށް ދަތުރުކޮށް އުޅޭ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮއްވާ ޕޮޒިޓިވްވީ، ހެލްތު މިނިސްޓްރީން ބުނިގޮތުގައި، ފަރުވާ އަށް ޅ. އަތޮޅުން ފޮނުވި މީހެކެވެ.

އެ ކޭސް މި ފެނުނީ ޅ. ނައިފަރު ހޮސްޕިޓަލުގެ ނަރުހަކު ޕޮޒިޓިވްވެގެން އެ ހޮސްޕިޓަލް ބަންދުކޮށްފައި ވަނިކޮށެވެ. ނަރުހަކީ ރ. އުނގޫފާރާ ގުޅިފައިވާ ކޭހެކެވެ. ނަރުހަށް ކޮވިޑް ޖެހުނުކަން އެނގުނީ ޑޮކްޓަރަށް ދައްކަން އުނގޫފާރަށް ދަތުރުކޮށްފައިވާތީ ޓެސްޓުކުރުމުންނެވެ. އޭގެ ކުރިން ނަރުސް ވަނީ ހޮސްޕިޓަލުގެ ޑިއުޓީ އަށް ނުކުމެފަ އެވެ.

އުނގޫފާރަށް ދަތުރުކުރި އިތުރު އެތައް ރަށެއްގެ މީހުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ކުޅުދުއްފުށީގެ އިތުރުން ވެސް ގިނަ ރަށްތަކެއް އަރާފޭބުން މަނާ ހާލަތުގައި އެބަހުއްޓެވެ.

ކޮންޓެކްޓް ޓްރޭސިން އަށާއި ކޭސްތައް ތަހުގީގުކުރުމަށް މޮނިޓަރިން އަށް ލާފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކި ގޮތެއް އަންގަންދެން އެ ރަށްރަށުން ފުރުމާއި އެ އޭޖެންސީގެ ހުއްދަ ނެތި ރަށަށް އެރުން މަނާވާނެ އެވެ.

ކޮވިޑަށް މީހުން ޕޮޒިޓިވްވެގެން މީގެ ކުރިން ވެސް ދެ ފަހަރަކު ކުޅުދުއްފުށި މޮނިޓަރިން އަށް ލި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މިރޭ ވަނީ މި މަހު 21ގެ ފަހުން ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައިވާ މީހުން އެކަން އެންގުމަށާއި ރަށުގައި އެންމެން ވެސް މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އުޅެން އަންގައިފަ އެވެ.

"އަޅުގަނޑުމެން ކުރީ ފަހަރުތަކެކޭ ވެސް އެއްގޮތަށް މިކަމުން އަރައިގަންނާނީ އެންމެން ގުޅިގެން އެކަކު އަނެކަކަށް އޯގާތެރިވެ އެއްބާރުލުން ދީގެން،" އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި އާއްމުންނަށް ހިތްވަރުދީ ލިޔެފައިވެ އެވެ.