Roadha Mihaaru
އެތްތަކެއް ގެ ހަލާކުކޮށްލުމުން ދިރިއުޅުން ގަހެއްގައި

އެތްތަކެއް ގެ ހަލާކުކޮށްލުމުން ދިރިއުޅުން ގަހެއްގައި

14 އޯގަސްޓް 2019

ދިރިއުޅެމުން ދިޔަ ގެ އެތްތަކެއް ހަމަލާދީ ހަލާކުކޮށްލުމުން، އިންޑިއާގެ އޮޑިޝާގެ ފިރިހެނަކަށް ދަރިފުޅާ އެކު ގަހެއްގައި ދިރިއުޅެން މަޖުބޫރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިރިއުޅެމުން ދިޔަ ގެ އެތްތަކެއް ހަމަލާދީ ހަލާކުކޮށްލުމުން، އިންޑިއާގެ އޮޑިޝާގެ ފިރިހެނަކަށް ދަރިފުޅާ އެކު ގަހެއްގައި ދިރިއުޅެން މަޖުބޫރުވެއްޖެ އެވެ.

އޮޑިޝާގެ ކިއޮންޖާރު ޑިސްޓްރިކްޓްގެ ކުސުމިތާ ވިލެޖްގައި ދިރިއުޅޭ ސުދިއާ މަހްކޫދު ބުނީ މިދިޔަ ހަފުތާގެ ފަހުކޮޅު އެތްތަކެއް ގޮސް އޭނާގެ ގެ އެއްކޮށް ހަލާކުކޮށްލައި ބިމާ ހަމަކޮށްފައިވާ ކަމަށެވެ. އެހެންވެ މިހާރު ފިރިހެން ދަރިފުޅާ އެކު ގަހެއްގައި ގެ ހަދައިގެން ދިރިއުޅޭތާ ހަފުތާއެއް ވަނީ ކަމަށް ބުންޏެވެ.

ސުދިއާ އާއި ދަރިފުޅު ގަހުގެ ގޮފިތަކުގައި ސަތަރިގަނޑެއް އަޅައިގެން "ހާއްޔެއް" ގައި ދިރިއުޅެން ޖެހިފައިވާ އިރު، އޭނާ ބުނީ މިކަމަށް ސަރުކާރުން ވެސް އެހީވެދޭން ޖެހޭ ކަމަށެވެ. ގަހަށް އަރައި ފައިބަނީ ގަހަށް ލައްގާފައި ހުންނަ ހަރުގަނޑަކުންނެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް ހިތްފަސޭހަ ޓްރީ ހައުސްއެއް ނޫނެވެ.

"މި ސަރަހައްދުގައި އުޅޭ ބައެއް އެތްތަކުގެ އަމަލުތައް ހުންނަ ގޮތުން އަބަދުވެސް ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހެނީ. ރޭގަނޑަކު ރަނގަޅަކަށް ލޮލުފިޔަ ވެސް ނުޖެހޭ،" ސުދިއާ ބުންޏެވެ. "މިކަހަލަ ބިރުވެރިކަމެއްގެ ތެރޭގައި އުޅެނިކޮށް އެތްތައް ގެ ބިމާ ހަމަކޮށްލީ."

މިކަމާ ގުޅިގެން ސުދިއާ ވަނީ ސްޓޭޓް ސަރުކާރުގެ އެހީ އަށް ވެސް އެދިފަ އެވެ. އޭނާ ބުނީ އެތްތައް ހަލާކުކޮށްލި ގޭގެ ބަދަލުގައި ސަރުކާރުން އެ މީހުން ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

ކިއޮންޖާރު ފޮރެސްޓް ޑިޕާޓްމަންޓުން ބުނީ ސުދިއާ އަށް ލިބުނު ގެއްލުމަށް ބަދަލުދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް އަވަހަށް ބަދަލު ދެވޭނެ،" ރޭންޖް އޮފިސަރު ސުޝަންތާ ކުމާރު ޕްރަދާން ބުންޏެވެ. "އަދި އަހަރެމެން މި އަންނަނީ އެތްތަކުގެ ހަރަކާތްތައް ބަލައި އެއްޗެހި މޮނިޓާ ވެސް ކުރަމުން."

އޮޑިޝާގެ ގިނަ ރަށްވެހިން ބުނާ ގޮތުގައި އެ ތަނުގައި އުޅޭ އެތްތަކަކީ އާންމުކޮށް ދަނޑުބިންތަކާއި ގެތަކަށް ހަމަލާ ދޭ އެއްޗިއްސެވެ.