Roadha Mihaaru
އެތަށް ހާއްސަ ހޮސްޕިޓަލެއް އިންޑިއާގައި ހުޅުވައިފި

އެތަށް ހާއްސަ ހޮސްޕިޓަލެއް އިންޑިއާގައި ހުޅުވައިފި

20 ނޮވެމްބަރ 2018

އިންޑިއާގައި ހާއްސަ ދަރަޖައެއް ދީފައިވާ އެތަށް ހާއްސަ ހޮސްޕިޓަލެއް ފުރަތަމަ ފަހަރަށް އެ ގައުމުގައި ހުޅުވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ހާއްސަ ދަރަޖައެއް ދީފައިވާ އެތަށް ހާއްސަ ހޮސްޕިޓަލެއް ފުރަތަމަ ފަހަރަށް އެ ގައުމުގައި ހުޅުވައިފި އެވެ.

އުއްތަރު ޕްރަދޭޝްގެ މަތޫރާ އަވަށުގައި "ވައިޑް ލައިފް އެސްއޯސް އިލެފަންޓް ހޮސްޕިޓަލް" ހުޅުވައި ހިދުމަތް ދޭން ފެށީ ހުކުރު ދުވަހު އެވެ.

އެތަށް ސިއްހީ ފަރުވާ ދެވޭނެ ހުރިހާ ވަސީލަތްތަކަކާ އެކު ގާއިމުކުރި ހޮސްޕިޓަލަކީ ޖަނަވާރުންގެ ހިމާޔަތަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވައިޑް ލައިފް އެސްއޯއެސްގެ މަަސައްކަތެކެވެ.

ހިލޭ ސާބަހަށް ހިންގާ ވައިޑް ލައިފް އެސްއޯއެސްގެ އެއް ބާނީ ގީތާ ސެޝަމާނީ ރޮއިޓާސް ޓީވީ އަށް ބުނީ މި ހޮސްޕިޓަލުން ޑިޖިޓަލް އެކްސް-ރޭ، ތާމަލް އިމޭޖިން އަދި އަލްޓްރާސޮނޯގްރަފީ ފަދަ ހިދުމަތްތައް ތަޖުރިބާކާރު ޑޮކްޓަރުންނާ އެކު ލިބޭނެ ކަމަށެވެ.

އިންޑިއާގައި އަލަށް ހުޅުވި އެތައް ހާއްސަ ހޮސްޕިޓަލް.

އިންޑިއާގައި އަލަށް ހުޅުވި އެތައް ހާއްސަ ހޮސްޕިޓަލް.

އެގޮތުން އެންމެ އާދައިގެ ޒަހަމްތަކުން ފެށިގެން އެތަށް ދިމާވާ ސިއްހީ ބޮޑެތި މައްސަލަތަކަށް ފަރުވާ ކުރެވޭނެ ކަމަށް ބުންޏެވެ.

"މިހާރު ވެސް މިތަނަށް ފަރުވާ އަށް ގެންނަން އެތުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަހަރެމެންގެ ބޮޑު ބޭނުމަކީ ވެސް އެހެން ޖަނަވާރުންނަށް ފަރުވާ ދެވޭނެ ވަސީލްތައް ހުންނަ ގޮތަށް އެތަށް ވެސް ސިއްހީ ފަރުވާ ދެވި ލޯތްބާއި އަޅާލުން މިހާރަށް ވުރެ ބޮޑަށް ދެވޭނެ ގޮތް މަގުފަހިކޮށް ދިނުން،" އޭނާ ބުންޏެވެ.

ގީތާ ބުނި ގޮތުގައި އިންޑިއާގެ އެތުގެ އާބާދީ ދަށްވަމުންދާ މައްސަލައަކީ ވެސް ކަންބޮޑުވުމެކެވެ.

އޭޝިއާގެ އެތުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އެތް ނިސްބަތް ވަނީ އިންޑިއާށެވެ. ނަމަވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން 2012 ގައި އިންޑިއާގެ އެތުގެ އާބާދީއަކީ ގާތްގަނޑަކަށް 30,711 ނަމަވެސް އެ އަދަދު މިދިޔަ އަހަރު ވަނީ 27,312 ދަށްވެފަ އެވެ.

އެހެންވެ މި ހޮސްޕިޓަލްގެ ފަރުވާތަކާ އެކު، ސިއްހީ އެކިއެކި މައްސަލަތަކުގައި މަރުވާ އެތުގެ އަދަދު ވެސް މަދު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

"ވައިޑް ލައިފް އެސްއޯސް އިލެފަންޓް ހޮސްޕިޓަލް" ހުޅުވައި ހިދުމަތް ދޭން ފެށުމާ އެކު، އިންޑިއާ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ވަރަށް ބޮޑު ސަމާލު ކަމެއް ވެސް އެތަނަށް ވަނީ ލިބިފަ އެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި އެ ހޮސްޕިޓަލްގެ މަސައްކަތްތައް ހިނގާ ގޮތް ބެލުމުގެ ޝައުގުވެރިކަން އުއްތަރު ޕްރަދޭޝްގެ ރައްޔިތުންގެ އިތުރުން ޓޫރިސްޓުންގެ މެދުގައި ވެސް އަންނަނީ ބޮޑުވަމުންނެވެ.