Roadha Mihaaru
ކަނޑުވެގެން 700 ރެފިއުޖީން ވަނީ މަރުވެފައި: އދ

ކަނޑުވެގެން 700 ރެފިއުޖީން ވަނީ މަރުވެފައި: އދ

29 މެއި 2016

ޔުނައިޓެޑް ނޭޝަންސް (މެއި 29) - ލީބިޔާގެ ސަރަހައްދުން ވޭތުވެދިޔަ ތިން ދުވަސްތެރޭ ފެތުނު ބޯޓުތަކުން 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (މެއި 29) - ލީބިޔާގެ ސަރަހައްދުން ވޭތުވެދިޔަ ތިން ދުވަސްތެރޭ ފެތުނު ބޯޓުތަކުން 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނެފި އެވެ.

ޔޫރަޕަށް އެތެރެވާން އުޅެނިކޮށް އިޓަލީގެ ދެކުނުން ކަނޑަށް ވަނީ ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހު ބައެއް ބޯޓުތައް ފެތިފަ އެވެ. އިޓަލީން ބުނެފައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ ބޯޓުތަކުން އެކަނި ވެސް ހަފުތާއެއްގެ ތެރޭގައި 13،000 ރެފިއުޖީން ކަނޑުމަތިން ސަލާމަތްކޮށްފައިވާ ކަމަށެެވެ.

އިޓަލީގެ ސިސިލީގެ ބޭރުން ކަނޑުމަތިން ރެފިއުޖީންތަކެއް ސަލާމަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

އިޓަލީގެ ސިސިލީގެ ބޭރުން ކަނޑުމަތިން ރެފިއުޖީންތަކެއް ސަލާމަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ލީބިއާގެ ބަނދަރަކުން ބުދަ ދުވަހު ފުރި ބޯޓެއް ފެތި 550 މީހުން ވަނީ ގެއްލިފަ އެވެ. ބޯޓު ފެތުމުގެ ހާދިސާއެއްގައި ހުކުރު ދުވަހު ވަނީ 135 މީހުން ސަލާމަތްކޮށްފަ އެވެ. އަދި 45 މީހެއްގެ ހަށިގަނޑު ވަނީ ކަނޑުމަތިން ނަގައިފަ އެވެ. މީގެ އިތުރުން ބޯޓު ފެތުމުގެ ހާދިސާގައި ގިނަ ބަޔަކު ވަނީ ގެއްލިފަ އެވެ. މި ދުވަސްވަރު ޔޫރަޕްގެ މޫސުން ރަނގަޅުވުމާ އެކު އެފްރިކާ މަގުން ޔޫރަޕަށް ހިޖުރަކުރުމަށް މަސައްކަތް ކުރާ ރެފިއުޖީންގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.

އިޓަލީގެ ކޯސްޓްގާޑުން ކަނޑުމަތިން ބަޔަކު ސަލާމަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

އިޓަލީގެ ކޯސްޓްގާޑުން ކަނޑުމަތިން ބަޔަކު ސަލާމަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

މިދިޔަ ބުދަ ދުވަހު އިޓަލީގެ ކަނޑުގެ ސިފައިން ވަނީ 500 އަށް ވުރެ ގިނަ ރެޖިއުޖީން ފެތެމުންދިޔަ އުޅަނދަކުން ސަލާމަތްކޮށްފަ އެވެ. އެ ހާދިސާގައި ފަސް މީހުން މަރުވިއިރު، އެ ހާދިސާ ހިނގަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. މެދު އިރުމައްޗާއި އެފްރިކާގެ ދާހިލީ ހަމަނުޖެހުމުން ސަލާމަތްވުމަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން 2015 ވަނަ އަހަރު ޔޫރަޕަށް ހިޖުރަކުރިކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.