Roadha Mihaaru
ލީބިޔާއިން 4000 އަށް ވުރެ ރެފިއުޖީން ހައްޔަރުކޮށްފި

ލީބިޔާއިން 4،000 އަށް ވުރެ ރެފިއުޖީން ހައްޔަރުކޮށްފި

03 އޮކްޓޯބަރ 2021

ލީބިޔާ އަށް ވަގަށް އެތެރެވެގެން އުޅޭ މީހުން ހިފައި ހައްޔަރުކުރުމަށް ލީބިޔާ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އެފަދަ 4،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ލީބިޔާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ލީބިޔާ އަށް ވަގަށް އެތެރެވެގެން އުޅޭ މީހުން ހިފައި ހައްޔަރުކުރުމަށް ލީބިޔާ ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އެފަދަ 4،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ލީބިޔާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހިންގި ހާއްސަ ހަރަކާތެއްގައި މި މީހުން އަތުލައިގަތީ، ވަގަށް އެތެރެވާ މީހުންނާއި މަސްތުވާތަކެތީގެ ވަގުފިޔަފާރިކުރާ މީހުން ހޯދުމަށް، ވެރިރަށް ޓްރިޕޮލީގެ ހުޅަނގު އަވަށެއް ކަމަށްވާ ޖަރްޖަރޭޝްގައި ހިންގި ހާއްސަ ހަރަކާތެއްގަ އެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ، އެ މީހުންގެ އަތުގައި، އެއީ ކާކުކަން އަންގައިދޭ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ލީބިޔާ ސަރުކާރުން ބުނާ ގޮތުގައި ޖަރްޖަރޭޝް އަކީ ވަގަށް އެތެރެވާ މީހުންނާއި ރެފިއުޖީންގެ ގޮތުގައި ލީބިޔާއަށް އެތެރެވާ ވަރަށް ގިނަ މީހުން ދިރިއުޅޭ ސަރަހައްދެކެވެ.

އެމީހުން ހައްޔަރުކުރުމާ ގުޅިގެން، ލީބިޔާގައި ހުންނަ ނޯވޭޖިއަން ރެފިއުޖީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ލީބިޔާ ސަރުކާރުން ހައްޔަރުކުރި މީހުންގެ ތެރޭގައި 500 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ. އެހެންކަމުން އެ މީހުންނާ މެދު އެކަށީގެންނުވާ ފަދަ ގޮތަކަށް އަމަލުކޮށްފާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ލީބިޔާ އަށް ވަގަށް އެތެރެވާ މީހުންނާއި ރެފިއުޖީންގެ ގޮތުގައި އުޅޭ މީހުންނަކީ، އަދި ހާއްސަކޮށް ލީބިޔާގައި ދިރިއުޅުން ހުއްދަކުރާ ގާނޫނީ އެއްވެސް ލިޔުމެއް ނެތި އުޅޭ މީހުންނަކީ، އެއްވެސް ހަމައެއް ނެތި ހިފައި ހައްޔަރުކުރުމުގެ ނުރައްކާ އަބަދުވެސް އޮންނަ ބައެއް. ލާއިންސާނީ އަނިޔާކުރުމާއި، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމަކީ، ލީބިޔާގެ ޖަލުތަކުގައި އާންމުކޮށް ހިނގާ ކަންކަން،" އެ ބަޔާނުގައިވެ އެވެ.

ލީބިޔާ އިން ބުނި ގޮތުގައި ހައްޔަރުކުރި މީހުން މިހާރު ތިބޭ، ވެރިރަށް ޓްރިޕޮލީގެ އެކި ޖަލުތަކުގަ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ލީބިޔާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، އޭގެ ތެރެއިން ވީހާ ގިނަ ބަޔަކު އެމީހުންގެ ގައުމަށް ފޮނުވައިލުމަށެވެ.