Roadha Mihaaru
އިމްޕޯޓާއި އެކްސްޕޯޓް މިިދިޔަ މަހު ވެސް ދަށަށް

އިމްޕޯޓާއި އެކްސްޕޯޓް މިދިޔަ މަހު ވެސް ދަށަށް

15 އޯގަސްޓް 2019

ރާއްޖެ އަށް މުދާ އިމްޕޯޓް ކުރި ވަރު މިދިޔަ ޖުލައި މަހު 16 ޕަސެންޓަށް ދަށްވި އިރު އެކްސްޕޯޓް 9 ޕަސެންޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް މުދާ އިމްޕޯޓް ކުރި ވަރު މިދިޔަ ޖުލައި މަހު 16 ޕަސެންޓަށް ދަށްވި އިރު އެކްސްޕޯޓް 9 ޕަސެންޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް މިދިޔަ ޖޫން މަހު ވެސް ދަށެވެ. އިމްޕޯޓު ކުރި ވަރު ފަސް ޕަސެންޓަށް ދަށްވި އިރު އެކްސްޕޯޓް ކުރި މިންވަރު ހަތް ޕަސެންޓް ދަށްވި އެވެ.

ކަސްޓަމްސް އިން މި ހަފުތާގައި ނެރުނު ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓްކުރީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. އެކަމަކު މިދިޔަ އަހަރުގެ މި މުއްދަތުގައި 4.1 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފަ އެވެ.

މިދިޔަ ޖުލައި މަހު އެކްސްޕޯޓް ކުރީ 165 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 196 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ.

އެކްސްޕޯޓާއި އިމްޕޯޓް ދަށްވިޔަސް މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ ދެ ޕަސެންޓް އިތުރުވެ، 287 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އަގުގެ ގޮތުން ރާއްޖެ އަށް އެންމެ ގިނަ މުދާ މިދިޔަ މަހު އިމްޕޯޓްކުރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގައުމުން އިމްޕޯޓްކުރި މުދަލުގެ އަދަދަކީ 21 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ ސިންގަޕޫރާއި ޗައިނާ އިންނެވެ. އެއީ 13 ޕަސެންޓެވެ. ހަތަރު ވަނައަށް އެންމެ ގިނަ މުދާ އިމްޕޯޓްކުރީ އިންޑިއާ އިންނެވެ. ފަސް ވަނަ އަކީ މެލޭޝިއާ އެވެ. އަގުގެ ގޮތުން ބަލާއިރު މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓްގެ 18 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓްކުރީ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތަށެވެ. އެ ދެ ގައުމަށް އެކްސްޕޯޓް ކުރީ 15 ޕަސެންޓްގެ މުދަލެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ އިނގިރޭސިވިލާތަށެވެ. ހަތަރު ވަނަ އަކީ އިޓަލީ އެވެ.