Roadha Mihaaru
ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އެމެރިކާއަށް އިންޒާރުދީފި

ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އެމެރިކާ އަށް އީރާނުން އިންޒާރުދީފި

19 އޯގަސްޓް 2019

ތެހެރާން (އޮގަސްޓް 19) - އީރާނުގެ ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އެމެރިކާ އިން ދެން އެއްވެސް މަސައްކަތެއް ނުކުރުމަށް އެ ގައުމަށް އިންޒާރުދީފައިވާ ކަމަށް ތެހެރާނުން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (އޮގަސްޓް 19) - އީރާނުގެ ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އެމެރިކާ އިން ދެން އެއްވެސް މަސައްކަތެއް ނުކުރުމަށް އެ ގައުމަށް އިންޒާރުދީފައިވާ ކަމަށް ތެހެރާނުން މިއަދު ބުނެފި އެވެ.

އީރާނުގެ ތެޔޮ ހުރި ޓޭންކަރު ހިފެހެއްޓުމަށް އެމެރިކާ އިން ޑިމާންޑް ކުރި ނަމަވެސް އެ ހުށަހެޅުމަށް ޖިބްރޯލްޓާ އިން ދެކޮޅު ހެދުމާ އެކު ޓޭންކަރު އިއްޔެ ހަވީރު ފުރައިފަ އެވެ.

"ރަސްމީ ޗެނަލްތައް މެދުވެރިކޮށް އެމެރިކާ އަށް މިހާރު ވާނީ އީރާނުގެ ތެޔޮ ޓޭންކަރު ނުހިފެހެއްޓުމަށް އިންޒާރުދީފައި. އެފަދަ ގޯހެއް ދެން ހަދައިފި ނަމަ ހީވެސްނުކުރާވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް އަންގާފައިވާނީ،" އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އައްބާސް މުސަވީ ވިދާޅުވި އެވެ.

އީރާނުގެ ތެޔޮ ހުރި ޓޭންކަރު ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރައި ހިފެހެއްޓީ މިދިޔަ މަހު 4 ވަނަ ދުވަހު އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އީރާނުގެ ޓޭންކަރު ހިފެހެއްޓިތާ ދެ ހަފުތާ ފަހުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ.

ތެހެރާނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުސަވީ ވިދާޅުވީ އިނގިރޭސި ވިލާތުގެ ޓޭންކަރެއް ހިފެހެއްޓީ ޖިބްރޯލްޓާ ކައިރިން އީރާނުގެ ޓޭންކަރު ހިފެހެއްޓުމުން ނޫން ކަމަށެވެ.

"ދެ ހާދިސާއާ އެއްވެސް ގުޅުމެއް ނެތް. އިނގިރޭސިންގެ ޓޭންކަރުން ވަނީ ގަވާއިދާޚިލާފު ދެތިން ހާދިސާއެއް ހިންގާފައި،" އީރާނުން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ސްޓެނާ އިމްޕެރޯ އަށް އިޝާރާތް ކުރައްވައި މުސަވީ ވިދާޅުވި އެވެ. "އީރާނުގެ ޓޭންކަރުގެ މައްސަލަ ކޯޓުން މިހާރު ދަނީ ބަލަމުން."

މުސަވީ ވަނީ އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަތުމަށް ގައުމުތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވަނީ އެއްވެސް އިންސާފެއް ނެތް ގާނޫނާ ޚިލާފު ފިޔަވަޅުތަކެއް ކަމަށެވެ.

އީރާން ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ތެޔޮ ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާ ކޯޓުން ނިންމުމަކީ އެމެރިކާ އިން ގެންގުޅޭ އަތްގަދަކުރުމުގެ ސިޔާސަތަށް ލިބުނު ދެރައެއް ކަމަށެވެ.