Roadha Mihaaru
"އީރާނުގެ ޓޭންކަރަށް އެހީވާ ނަމަ ފިޔަވަޅު އަޅާނަން"

އީރާނުގެ ޓޭންކަރަށް އެހީވާ ގައުމުތަކަށް ފިޔަވަޅު އަޅާނަން: އެމެރިކާ

22 އޯގަސްޓް 2019

ވޮޝިންޓަން (އޮގަސްޓް 22) - އީރާނުގެ ތެޔޮ ހިފައިގެން ދަތުރުކުރާ ޓޭންކަރަށް އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްދީފި ނަމަ އެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިޕް ޕޮމްޕެއޯ ވިދާޅުވި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮގަސްޓް 22) - އީރާނުގެ ތެޔޮ ހިފައިގެން ދަތުރުކުރާ ޓޭންކަރަށް އެއްވެސް ގައުމަކުން އެހީތެރިކަން ފޯރުކޮށްދީފި ނަމަ އެ ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިޕް ޕޮމްޕެއޯ ވިދާޅުވި އެވެ.

ގްރޭސް1 ގެ ނަމުގައި ދަތުރުކުރި ސުޕަޓޭންކަރު ޖިބްރޯލްޓާ ބޭރުން އިނގިރޭސި ސިފައިން އަރައި މިދިޔަ މަހު 4 ވަނަ ދުވަހު ހިފެހެއްޓީ އެ ޓޭންކަރުގައި ހުރީ ސީރިއާ އަށް ގެންދާ ތެޔޮ ކަމަށް ބުނެ އެވެ. ޓޭންކަރު ދޫކޮށްލަން މި ހަފުތާގައި ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ނިންމުމުން ވެސް ޓޭންކަރު ހިފަހައްޓާފައި ބޭއްވޭތޯ އެމެރިކާ އިން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ހުށަހެޅުމަށް ބެލުމެއް ނެތި ތެޔޮ ޓޭންކަރު ޖިބްރޯލްޓާ އިން ދޫކޮށްލުމުން އެމެރިކާ އިން ދެން މަސައްކަތް ކުރީ އެއްވެސް ގައުމަކުން އެ ޓޭންކަރަށް އެހީތެރިވުން ހުއްޓުވުމަށެވެ. ޓޭންކަރު ފުރީ އެޑްރިއަން ޑަރިއާ-1 ގެ ނަމަށް ބަދަލުކޮށްފަ އެވެ. ޓޭންކަރުގެ މިސްރާބު ހުރީ ގްރީކުގެ ބަނދަރެއް ކަމަށްވާ ކަލަމަތާއާ ދިމާލަށެވެ.

ގްރީކުގެ ޚާރިޖީ ވަޒީރުގެ ނައިބް މިލްޓިއާޑިސް ވަރްވިޓްސިއޮޓިސް ވިދާޅުވީ އީރާނުގެ ޓޭންކަރު ސީރިއާ އަށް ގެންދަން އެހީތެރިކަން ނުދޭނެ ކަމަށެވެ. އަދި ޓޭންކަރަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭން އެމެރިކާ އިން ޕްރެޝަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ މިލިއަން ފީފާގެ ތެޔޮ ހުރި ޓޭންކަރު ކައިރިކުރެވޭވަރުގެ ބަނދަރެއް ގްރީސްގައި ނެތް،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ އިން ގަބޫލް ކުރަނީ އެޑްރިއަން ޑަރިއާ-1އާ އީރާނުގެ ރިވޮލިއުޝަނަރީ ގާޑާ ގުޅުން އޮންނަ ކަމަށެވެ.

"ވަރަށް ސާފުކޮށް އަންގާފައި ވާނީ ޓޭންކަރަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފި ނަމަ އެ ގައުމަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން،" ޕޮމްޕެއޯ ވިދާޅުވި އެވެ. "ޓޭންކަރު ސީރިއާ އަށް ދިއުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް އެމެރިކާ އިން ކުރާނަން."