Roadha Mihaaru
ވަގަށް ތެޔޮ ބޭރުކުރި ޓޭންކަރެއް އީރާނުން ހިފަހައްޓައިފި

ވަގަށް ތެޔޮ ބޭރުކުރި ޓޭންކަރެއް އީރާނުން ހިފަހައްޓައިފި

21 ނޮވެމްބަރ 2021

އީރާނުން ޑީސަލްތަކެއް ވަގަށް ބޭރުކުރަން އުޅުނު، އެހެން ގައުމެއްގެ ތެޔޮ ޓޭންކަރެއް އީރާންގެ ކަނޑުގެ ސިފައިން ހުއްޓުވާފައިވާ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

އީރާނުން ޑީސަލްތަކެއް ވަގަށް ބޭރުކުރަން އުޅުނު، އެހެން ގައުމެއްގެ ތެޔޮ ޓޭންކަރެއް އީރާންގެ ކަނޑުގެ ސިފައިން ހުއްޓުވާފައިވާ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

އީރާންގެ ކަނޑުގެ ސިފައިންގެ މަނަވަރު ޒުލްފިގާރުގެ ކޮމާންޑަރު ކާނަލް އަހްމަދު ހަޖިއާންއާ ހަވާލާދީ އީރާންގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި، ވަގަށް ތެޔޮ ބޭރުކުރާ ކަމަށް ޝައްކުރެވިގެން ބަލައި ފާސްކުރި ޓޭންކަރުގައި 150،000 ލިޓަރުގެ ޑީސަލް ހުއްޓެވެ. އަދި އެއީ އެ ގައުމުގެ ރަސްމީ އެއްވެސް ވިޔަފާރިއެއްގައި ނުހިމެނޭ ގޮތަށް ވަގަށް ބޭރުކުރަން އުޅުނު ޑީސަލްތަކެއް ކަމަށް އީރާނުން ބުނެ އެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުގައި ހިމެނޭ ކަނޑުގެ ސިފައިންގެ ފައުޖުން ބުނި ގޮތުގައި، ވަގަށް ތެޔޮ ބޭރުކުރާކަން އެނގުނީ، އެހެން ގައުމުތަކާ އެކުގައި ބަދަލުކުރެވުނު ސިއްރު މައުލޫމާތުތަކުންނެވެ. އަދި އެ ޓޭންކަރު އޮތް ތަން ދެނެގަނެ، އެ ޓޭންކަރު ހިފަހައްޓައި އޭގައި ތިބި 11 ފަޅުވެރިން މިހާރު ވަނީ އީރާން ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފައި ކަމަށް އީރާން ސަރުކާރުން ބުނެ އެވެ.

އީރާނުގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި ބޯޓުގެ ފަޅުވެރިން މިހާރު ވަނީ، އެ ގައުމުގެ ޝަރުއީ ނިޒާމުގެ ތެރެއިން އެމީހުންގެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް، އީރާންގެ ކަމާ ބެހޭ އިދާރާއާ ހަވާލުކޮށްފަ އެވެ.

ތެޔޮ ޓޭންކަރެއް އަތުލައިގަތް ކަން ބުނުން ފިޔަވައި، އެއީ ކޮން ގައުމެއްގެ ޓޭންކަރެއް ކަމެއް، އަދި އެ ޓޭންކަރުގެ ނަމެއް ވެސް އަދި ޓޭންކަރުގައި ތިބި ފަޅުވެރިންގެ ގައުމެއް ވެސް އީރާނުން މިހާތަނަށް ނުބުނެ އެވެ. އަދި އެ ޓޭންކަރު އަތުލައިގަތީ ކޮން ދުވަހަކު ކަމެއް ވެސް އީރާނުން ނުބުނެ އެވެ.

އީރާނުން ބުނި ގޮތުގައި ކަނޑުމަގުން ވަގަށް ތެޔޮ ބޭރުކުރަން ކުރާ ހުރިހާ މަސައްކަތެއް އީރާނުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނެ އެވެ. އަދި އެކަން ކުރަނީ އީރާންގެ އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން ކަމަށް ވެސް އީރާނުން ބުނެ އެވެ.

ބޭރު ގައުމެއްގެ ތެޔޮ ޓޭންކަރެއް އީރާނުން މި އަތުލައިގަތީ، އޮމާން ކަނޑުގެ ސަރަހައްދުން، ވިއެޓްނާމުގެ ތެޔޮ ޓޭންކަރެއް، މިމަހު ކުރީކޮޅު އީރާނު ސިފައިން އަތުލައިގަތް މައްސަލައިގައި، އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. އީރާނުން އެ ޓޭންކަރު އަތުލައިގަތީ، އެމެރިކާގެ ކަނޑުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިންގުމަށް ފަހު އެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނި ގޮތުގައި، ވިއެޓްނާމުގެ އެ ޓޭންކަރަކީ އީރާނުގެ ތެޔޮ އެމެރިކާ އިން ވަގަށް ނެގުމަށް ބޭނުންކުރި ޓޭންކަރެކެވެ. އަދި އެމެރިކާގެ އެ އަމަލަކީ، އެ ގައުމުން އީރާނާ ދެކޮޅަށް 2018 ވަނަ އަހަރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް، އީރާނުގެ ތެޔޮ ބޭރުކުރުމަށް އެމެރިކާ އިން ކުރި މަސައްކަތެއް ކަމަށް ވެސް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެ އެވެ.