Roadha Mihaaru
"މިނިމަމް ވޭޖުގެ މަސައްކަތް ޑިސެމްބަރަށް ނިންމާނަން"

މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމައި ލަފާ އަރުވާނަން: މިނިސްޓްރީ

20 އޯގަސްޓް 2019

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ ކަމަށް މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ ކަމަށް މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން މިއަދު ބުނެފި އެވެ.

އެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ މިނުން ދެވޭނެ މުސާރަ އާއި އުޖޫރަ ކަނޑައެޅުމަކީ ރާއްޖޭގައި އާ ކަމަކަށް ވާތީ ފުރިހަމަ މައުލޫމާތު އެއްކޮށް ދިރާސާ ހެދުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ ރޯޑް މެޕެއް އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްކުރަނީ ފަސް މެމްބަރުންގެ ބޯޑަކުންނެވެ. އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، މަރިޔަމް ހާލިދާ، އިބްރާހިމް ނޫރައްދީން، އަލީ އާދަމް އަދި މައުރޫފް ޒާކިރާއި އަދުނާން ހަލީމެވެ.

ބަޔާނުގައި ބުނިގޮތުގައި މިނިމަމް ވޭޖްގެ މަސައްކަތްތަކަށް އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްއޯ)ގެ އެހީ އާއި ލަފާ އަންނަނީ ލިބެމުންނެވެ. އެގޮތުން މިދިޔަ މަހުގެ 8-10 އަށް އައިއެލްއޯގެ ވަފުދެއް ރާއްޖެ ޒިޔާރަތްކޮށް ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާފައި ވެ އެވެ. އޭގައި ސަރުކާރުގެ މުއައްސަސާތަކުންނާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ މަންދޫބުން ބައިވެރިވި އެވެ.

"މި ބައްދަލުވުމުގައި އެކިއެކި މުއައްސަސާތަކުގައި ލިބެންހުރި މައުލޫމާތުތައް ދެނެގަނެ، އިތުރަށް ބޭނުންވާނެ މައުލޫމާތުތައް ކަނޑައެޅުނެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވި، ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅާއިރު ބަލަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ވެސް ބައިވެރިންނާއެކު މަޝްވަރާކުރެވިފައި ވެ އެވެ،" ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ފަންނީ ލަފާދިނުމާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ ދިރާސާތަކުގައި އެހީތެރިވެ ދިނުމަށް އެކި ސިނާއަތްތައް ތަމްސީލުކުރާ ޓެކްނިކަލް ކޮމެޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ. އެ ބޯޑުން ކުރަމުން އަންނަ ކަމަކީ، ސަރުކާރުގެ މުއައްސަސާތަކާއި އެހެން ފަރާތްތަކުން ލިބެންހުރި މައުލޫމާތުތައް އެއްކުރުމެވެ.

މިހާރު ލިބިފައި ހުރި މައުލޫމާތުތަކުގެ އިތުރުން، ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި އެންޓަޕްރައިޒް ސާވޭއެއް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ބަޔާނުގައި ބުންޏެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.