Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

23 ނޮވެމްބަރ 2019

އަންނަ މަހުގެ 27 ގައި ރިލީޒްކުރާ، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުޒް" ގެ ޓްރެއިލާ ބަލާފައި ހީހީ ހަލާކުވެއްޖެ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 27 ގައި ރިލީޒްކުރާ، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުޒް" ގެ ޓްރެއިލާ ބަލާފައި ހީހީ ހަލާކުވެއްޖެ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފި އެވެ.

އާމިރަށް ފިލްމުގެ ޓްރެއިލާ ވަރަށް ކަމުގޮސްގެން އެ ވާހަކަ ޓްވީޓާގައި ހިއްސާކުރުމުން ކަރަން ވަނީ އާމިރަށް ޝުކުރު އަދާކޮށް ޓްވީޓްކޮށްފަ އެވެ. އޭނާ ބުނީ ވަރަށް އަވަހަށް އާމިރަށް ފިލްމު ދައްކައިލާނެ ކަމަށެވެ.

"ގުޑް ނިއުޒް" އަކީ އާމިރު މިހާރު ކުޅެމުން އަންނަ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ވެސް ބަތަލާގެ ރޯލް ކުޅޭ ކަރީނާ ކަޕޫރާއި އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީގެ އިތުރުން ދިލްޖީތު ދޮސަންޖް ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ކިޔައި ދެނީ އައިވީއެފް ހަދަން އުޅުމުގެ ތެރޭގައި ދަރިފަނި އޮޅުންބޮޅުންވެގެން ކުރިމަތިވާ ކަންތައްތަކެއްގެ ސަބަބުން ހިނގާ މަޖާ ހާދިސާތަކެވެ.

ސާނިއާގެ އާ ފިލްމަކީ "ޕަގްލައިތު"

ވިދިޔާ ބާލަން ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ޝަކުންތަލާ ދޭވީ" ގެ ކާސްޓާ ވެސް ދާދި ފަހުން ގުޅުނު ޒުވާން ބަތަލާ ސާނިޔާ މަލްއުތުރާ އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

އޭނާ މި ފަހަރު ކުޅެނީ ޕްރޮޑިއުސަރު ގުނީތު މޮންގާ އާއި އެކްތާ ކަޕޫރްް ގުޅިގެން ގެނެސްދޭ "ޕަގްލައިތު" އެވެ.

އުމޭޝް ބިސްޓް ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން މިހާރު ލަކްނޫގައި ކުރިއަށްދާ އިރު، ސާނިއާ ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ފިލްމު "ޑަންގަލް" އިން 2016 ގައި ބޮލީވުޑަށް ނުކުތް ސާނިއާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މެއި މަހު ރިލީޒްކުރި "ފޮޓޯގްރާފް" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުގެ ތެރޭގައި އަންނަ އަހަރު ޑައިރެކްޓަރު އަނޫރާގް ބާސޫ ގެނެސްދޭ ފިލްމެއް ހިމެނެ އެވެ.

"ޔޫ ކަރްކޭ" ގެ ވީޑިއޯ ދައްކާލައިފި

އަންނަ މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގެ ލަވަތަކުގެ ތެރެއިން "ޔޫ ކަރުކޭ" ގެ ވީޑިއޯ ދައްކާލައިފި އެވެ.

ސަލްމާނާއި ސޮނާކްޝީ ސިންހާ ފެނިގެންދާ މި ލަވައިގެ މިއުޒިކް ސާޖިދު-ވާޖިދު ހަދާފައިވާ އިރު، މި ލަވަކިޔާފައި ވަނީ ސަލްމާނާއި ޕާޔަލް ދޭވް އެވެ.

"ދަބަންގް 3" ހުރިހާ ލަވަތަކެއްގެ އޯޑިއޯ ކުރިން އާންމުކޮށްފައިވާ އިރު، ފިލްމު ރިލީޒްކުރުމުގެ ކުރިން ހުރިހާ ލަަވަތަކެއްގެ ވީޑިއޯ ވެސް އާންމުކުރާނެ އެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން އާ ބަތަލާއަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅު ސާއީ މުކަރްޖީ އެވެ.

"ދޯސްތާނާ 2" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ދޯސްތާނާ 2" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

އެގޮތުން ފިލްމުގެ މަންޒަރުތައް ފުރަތަމަ ނަގައި ނިންމައިލީ ޕަންޖާބުންނެވެ. މި މަހުގެ 9 ވަނަ ދުވަހު ޝޫޓިން ފެށީ ފިލްމުގެ މަންޒަރުތައް އުތުރު އިންޑިއާގެ އެކި ހިސާބުތަކުގެ އިިތުރުން އިންޑިއާ އިން ބޭރުގައި ވެސް ނަގާނެ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ "ދޯސްތާނާ 2" ގެ ލީޑް ރޯލް ކުޅެނީ ކާތިކް އާރިޔަން އާއި ޖާންވީ ކަޕޫރްގެ އިތުރުން އަލަށް ތައާރަފުވާ ލަކްޝް ލަލްވާނީ އެވެ.