Roadha Mihaaru
ބަޖެޓް ހުހެއް ނުވޭ، މަޝްރޫއުތައް މަޑުޖެހެން ބޭނުންނުވީ

ސަޕްލިމެންޓަރީ ބަޖެޓެއް ފޮނުވީ ބަޖެޓް ހުސްވެގެން ނޫން: ފިނޭންސް މިނިސްޓްރީ

21 އޯގަސްޓް 2019

ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވީ މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި ބަޖެޓުގައި ކަނޑައަޅާފައި ހުރި މަޝްރޫއުތައް މަޑުޖެއްސުމެއް ނެތި ކުރިއަށް ގެންދެވޭނެ މަގުފަހި ކުރަން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވީ މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި ބަޖެޓުގައި ކަނޑައަޅާފައި ހުރި މަޝްރޫއުތައް މަޑުޖެއްސުމެއް ނެތި ކުރިއަށް ގެންދެވޭނެ މަގުފަހި ކުރަން ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ކުރީގެ ސަރުކާރުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުން މިހާތަނަށް ޚަރަދުކޮށްފައި ވަނީ 14.7 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ ފައިސާ ހުސްވެގެން ކަމަށް ބައެއް މީހުން މާނަކުރާ ކަމަށެވެ. އެގޮތަށް ދެކުނަސް މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ މި އަހަރަށް ރާވާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމާ އެކު މި ސަރުކާރުގެ މެނިފެސްޓޯގައި މި އަހަރަށް ތަންފީޒުކުރަން ހުރި ކަންކަން ވެސް ހިމެނުމަށް ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓް ފާސްކުރި ފަހުން ގިނަ އަދަދެއްގެ ހިލޭ އެހީ ލިބިފައިވެ އެވެ. މި އެހީގެ ބޭނުން ހިފޭނީ ވެސް ބަޖެޓުގައި މަޝްރޫއުތަކެއް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅީ އާ ސަރުކާރު އިންތިޚާބުވެގެން އުޅުނު ދުވަސްވަރަށްވާތީ މި ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް ބަޖެޓަށް ވެއްދޭ ގޮތެއް ނުވި އެވެ. މި ސަރުކާރުގެ މެނިފެސްޓޯ އެކުލަވާލީ ފަސް އަހަރުގެ ތެރޭގައި ތަންފީޒުކުރާނެ ވައުދުތަކަށް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެތެރެއިން ސަރުކާރުން އެންމެ އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަންކަން ކަނޑައެޅުނީ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ކަމަށެވެ.

"ސަތޭކަ ދުވަހުގެ ތެރޭގައި ހުރި ގިނަ ކަންކަން ބަޖެޓުގައި ހިމެނިފައެއް ނުވޭ. މިސާލަކަށް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރަން އައިލެންޑް އޭވިއޭޝަނާ ވާހަކަ ދައްކައި އެކަން ނިންމީ. ރައްޔިތުންގެ ލުއި ފަސޭހަ އަށް އެކަން ނިންމިއަސް އައިލެންޑް އޭވިއޭޝަނަށް ބޮޑު އަދަދެއް ގެއްލޭނެ،" ސަރުވަޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓުގައި ހުރި މަޝްރޫއުތައް ކުރިއަށް ނުގެންގޮސް އާ ކަންކަމަށް ޚަރަދުކުރަން ސަރުކާރުން ބޭނުން ނުވީ ކަމަށެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކުގެ ތެރޭގައި ގިނައިން ހުރީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކަން ސަރުވަޝް ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ ވިސްނުމަކަށް ވީ ބަޖެޓުގައި ހުރި ޕީއެސްއައިޕީގެ ހުރިހާ މަޝްރޫއުތަކެއް ފަށައި ތަންފީޒުކުރަން. އެހެންވީމަ އާ ކަންކަމަށް ބަޖެޓެއް ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.

ޕީއެސްއައިޕީގައި ހިމެނުނު ގިނަ މަޝްރޫއުތައް މިހާރު ވަނީ ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. ދެން ހުރި މަޝްރޫއުތައް ވެސް އުޅެނީ ޓެންޑަކުރުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.

"މި އަހަރު އަލަށް ފަށަން ހުރި ހުރިހާ މަޝްރޫއުތައް ވެސް ޓެންޑަކޮށްފައި އެވޯޑުކުރާނެ. އޭރަށް އެޑްވާންސް ޕޭމަންޓް ނިންމައި މަސައްކަތް ފެށުނީމަ އަންނަ އަހަރު ދައްކަން ޖެހޭނީ ޕްރޮގްރެސް ޕޭމަންޓްތަކެއް. ޕީއެސްއައިޕީ ބަޖެޓް މި އަހަރު ކޮމްޕްރޮމައިޒްކުރާކަށް ސަރުކާރުން ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވި ގޮތުގައި ކުރިން އާއްމުކޮށް އަމަލުކުރާ އުސޫލަކީ އާ މަޝްރޫއެއް ހިންގަން ސަރުކާރުތަކުން ބޭނުންވެ ބަޖެޓުގައި ފައިސާ ނެތް ނަމަ ކެޕިޓަލް މަޝްރޫއެއްގެ ބަޖެޓުން އެކަން ކުރުމެވެ. އޭރަށް އެ މަޝްރޫއު ހުއްޓުނީ އެވެ. މި ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އަމަލުކުރުން ނޫން ކަމަށް ވިދާޅުވި އެވެ.

ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތް ގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވުމުން އެކަންކަމަށް ބަޖެޓުން ޖާގަ ހޯދުމަކީ ވެސް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާ އެއް ސަބަބު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.