Roadha Mihaaru
ސަރުކާރު ބަދުނާމުކުރުމުގެ ޖާގައެއް ނެތް: ގާސިމް

ލަސްކަމަށް ބުނެ ސަރުކާރު ބަދުނާމުކުރުމުގެ ޖާގައެއް ނެތް: ގާސިމް

22 އޯގަސްޓް 2019

އަލަށް ގިނަ މަޝްރޫއުތަކެއް ނުފަށާ ކަމަށާއި ޚިދުމަތްތައް ލަސް ކަމަށް ބުނެ މި ސަރުކާރު ކުޑައިމީސްކުރުމުގެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވާ ގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ތައުރީފް ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަލަށް ގިނަ މަޝްރޫއުތަކެއް ނުފަށާ ކަމަށާއި ޚިދުމަތްތައް ލަސް ކަމަށް ބުނެ މި ސަރުކާރު ކުޑައިމީސްކުރުމުގެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަން ކުރައްވާ ގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ތައުރީފް ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީ އަށް ބަޔަކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ފުރަތަމަ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކުން މާ ގިނަ މަޝްރޫއުތަކެއް ހިންގާފައި ނުވާ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މަޝްރޫއުތައް ފެށުނީ ދޮޅު އަހަރު ފަހުން ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެ ނިސްބަތަށް ބަލާއިރު މި ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރި ކަންކަން މާ ގިނަ އެވެ. އެތައް ބައެއްގެ ހައްގުތައް ކަށަވަރުކޮށްދީ، ބަންދުގައި ތިބި މީހުންނާއި އެ ނޫން ވެސް ފަރުދުންގެ ކަންކަމަށް ސަރުކާރުން އަޅާލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިއަދު އަދި ހަތް މަސް ވެގެން ދިޔައީމާ މިއަދުގެ ސަރުކާރުން ކަންތައްތަކެއް ރައްޔިތުންނަށް ނުކޮށްދެވުނޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ޖާގައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އަށް ސޮއިކުރި މީހަކު ގާސިމާ ފޯމު ހަވާލުކުރަނީ. --ފޮޓޯ/ޖޭޕީ

ޖުމްހޫރީ ޕާޓީ އަށް ސޮއިކުރި މީހަކު ގާސިމާ ފޯމު ހަވާލުކުރަނީ. --ފޮޓޯ/ޖޭޕީ

އޭނާ ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ޕްލޭންކޮށްގެން ކަމަށެވެ. ދެމެހެއްޓެނިވި ތަރައްގީ އަށް އެއީ ކަންކަން ކުރަން ޖެހޭ އުސޫލް ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރަށް ތުހުމަތުކުރި ފަދަ ޚިޔާނާތު ކަންކަން މި ސަރުކާރުގައި ނުހިނގާ ކަމަށާއި އެހެންވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކުރައްވައި އަޅުވަމުން ދަނީ ތާކުންތާކު ނުޖެހޭ އިލްޒާމްތަކެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރައީސް ކަމަށް އެމަނިކުފާނު ވަޑައިގަތީމަ އެ ވާހަކަތައް ދައްކަނީ. އޭގެކުރިން އެ ވާހަކަތަކެއް ދައްކާކަށެއް ނޭނގުނު،" ދައުލަތުގެ ފައިސާ އަށް ރައީސް ޚިޔާނާތްވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އޮތް މޭރަމަކުން ގާސިމް ވިދާޅުވި އެވެ.

"މޭވާ އަޅާ ގަހަކަށް ގަޅި އުކާނެ އަބަދުވެސް. އެއީ އެކަން އޮންނަ ގޮތް."

ސަރުކާރުން ރައްޔިތުންނަށްޓަކައި ވިސްނުންތައް ގެންގުޅޭ ކަމަށް ވިދާޅުވެ އެ ކަންކަން ކަމުގައި ކެތްތެރިވުން އިސްކުރަން ގާސިމް ގޮވާލެއްވި އެވެ. އެހެން އެއްވެސް ސަރުކާރަކުން ނުފެންނަހާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް އޮތް ތަނުގައި މި ސަރުކާރުން ކުރިއަށް ގެންދާނެ މަންޒަރު ފެންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންކަން ކުރައްވާ ގޮތް ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށާއި އެކަންކަން ކުރައްވަނީ "ވަރަށް ރަނގަޅަށް، ސިސްޓަމެޓިކްކޮށް" ގާސިމް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަތަރު އިމާރާތް ހެދޭނެ ފަދަ އަގުގައި ދަރުމަވަންތަ ހޮސްޕިޓަލް ކުރީގެ ސަރުކާރުން އިމާރާތް ކުރި ގޮތަށް މަޝްރޫއުތައް ހިންގަން މި ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. ރައްޔިތުންނަށް ފައިދާ އޮތީ އެ އުސޫލުން ނޫން ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ކުރިން، ނިމިދިޔަ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތާއި ރައްޔިތުންނަށް ވެފައިވާ ނާއިންސާފުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ އަނިޔާ އާއި ނިކަމެތި ކަން ނައްތާލައި ގައުމުގައި ހަމަޖެހުން ގާއިމްކުރުމަކީ ވެސް ކުރިއެރުމެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވި އެވެ.