Roadha Mihaaru
ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ދޭންގޮވާލާ ގަރާރެއް

ރަށްރަށުގެ މުއްސަނދިކަން އެ ރަށަކަށް ދޭން ގޮވާލާ މަޖިލިހަށް ގަރާރެއް

25 އޯގަސްޓް 2019

ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ލިބިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ލިބިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ހުށަހެޅުއްވި ގަރާރުގައި ވަނީ ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މިއަދާ ހަމައަށް އަށް އަހަރު ފާއިތުވެގެން ދިޔަ އިރު، އެ ގާނޫނުގެ މަގްސަދުތަކާއި ބޭނުންތައް ހާސިލްވަމުން ނުދާ ކަމަށެވެ. އަދި އެ ގާނޫނުގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ ނަފާ އާއި މަންފާ ލިބެމުން ނުދާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

އެހެންވެ، ލާމަރުކަޒީ ގާނޫނުގެ ފައިދާ ރައްޔިތުންނަށް ލިއްބައިދެވޭނެ އުސޫލަކުން އެ ގާނޫނު ތަންފީޒު ކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލައި ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ޒަރީއާ އިން ރަށްރަށުގެ ސަރަހައްދާއި ކައުންސިލްގެ އިހްތިސާސްތައް ކަނޑައެޅުމަށް ގަރާރުގައިވެ އެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ އިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ސަރަހައްދަކީ އެ ރަށެއްގެ އުރަފަށުން ފެށިގެން 500 މީޓަރު ކަމުގައި ހަމަޖެއްސުމަށް ގަރާރުގައި ބުނެފައިވެ އެވެ.

އެއް ފަޅެއްގައި މީހުން ދިރިއުޅޭ ދެ ރަށް ހިމެނޭ ނަމަ، އެ ދެ ރަށުގެ ސަރަހައްދަކީ އެ ދެ ރަށުގެ ދެމެދުން ހަމަހަމަ އަށް ވަކިކޮށްލުމުން ކޮންމެ ރަށަކަށްމެ ޖެހޭ މިންވަރު ކަމަށް ކަނޑައަޅައި ކޮންމެ ރަށެއްގައި ހިމެނޭ ސަރަހައްދުގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރު ފަދަ ތަންތަނާއި އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ނިސްބަތް ވަނީ އެ ރަށެއްގެ ކައުންސިލަށް ކަމުގައި މަޖިލިހުން ކަނޑައަޅަންވާނެ ކަމަށް ގަރާރުގައިވެ އެވެ.

ކޮންމެ ރަށެއްގެ ސަރަހައްދީ އިހްތިސާސްގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނާއި އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީން ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ރަށުގެ އުމްރާނީ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ބަޔާން ކުރަން ގަރާރުގައި އެދިފައިވެ އެވެ.

ގަރާރުގައިވާ ގޮތުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމިގްރާތީ އަދި ޖަވާބުދާރީކުރުވަނިވި އުސޫލުން ރައްޔިތުން އަމިއްލަ އަށް ނިންމުމަށް މަގުފަހިކޮށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސަގާފީ ގޮތުން ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށެވެ.

އަދި ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދީ ރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމު ކުރުމަކީ އޭގެ ބޭނުމެއް ކަމަށް ގަރާރުގައިވެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބޭނުމަށް ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ފުރިހަމަ ގޮތުގައި ބާރުވެރިކުރުވައި އެކަމުގައި ކައުންސިލްތަކުގެ އިހްތިސާސާއި ބާރުތައް ގާނޫނީ ގޮތުން ސާފުކޮށް ކަނޑައަޅާފައި އޮންނަން ޖެހޭނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.

ގަރާރުގައިވާ ގޮތުން ރަށްރަށުގެ ސަރަހައްދީ ދާއިރާގައި ހިމެނޭ އެއްގަމާއި ފަޅާއި ކަނޑުގައި ހިމެނޭ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތަކާއި އެ ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންގެ ހައްގުތަކާއި ސީދާ ގޮތުން ގުޅިފައި އޮންނަ ރައްޔިތުންނަށް އޭގެ ލާބަ އާއި ނަފާ އެންމެ ފުރިހަމަ މާނައިގައި ލިބިގެންދާނެ ވަސީލަތްތަކެއް ކަމަށް ހަމަޖައްސަން ޖެހެ އެވެ.

މީގެއިތުރުން ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ގޮވާލައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ބަޖެޓުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމަށާއި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓު ދޫކޮށްލަން ގޮވާލައިފަ އެވެ.