Roadha Mihaaru
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ

އެލްޖީއޭ އިން އުޅުނީ ވާދަވެރި ސިޔާސީ ނިޒާމު ނައްތާލަން: މަޖިލިސް ކޮމިޓީ

18 އޯގަސްޓް 2019

ގާނޫނުން ލިބިދީފައި ނުވާ ބާރުތައް ބޭނުންކޮށްގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ފަސް އަހަރެއްހާ ދުވަހު މަސައްކަތް ކުރީ ވާދަވެރި ސިޔާސީ ނިޒާމު ނައްތާލަން ކަމަށާއި އެކަން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާނޫނުން ލިބިދީފައި ނުވާ ބާރުތައް ބޭނުންކޮށްގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ފަސް އަހަރެއްހާ ދުވަހު މަސައްކަތް ކުރީ ވާދަވެރި ސިޔާސީ ނިޒާމު ނައްތާލަން ކަމަށާއި އެކަން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.

އެލްޖީއޭ އިން ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާ އުސޫލުތަކާއި މިންގަނޑުތައް ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު، ތައްޔާރުކުރި ރިޕޯޓުގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އެލްޖީއޭގެ ބާރުތައް ބަޔާންކޮށްފައިވާ އިރު، އެލްޖީއޭ އިން އަމަލުކޮށްފައި ވަނީ ގާނޫނުން ލިބިދޭ ބާރުތަކުގެ ބޭރުން ކަމަށެވެ. އަދި ގާނޫނުން ލިބިދީފައި ނުވާ ބާރުގެ ބޭނުންކޮށްގެން، ވަކި ހާދިސާއަކާއި ކަމަކާ ގުޅިގެން އުސޫލުތަކާއި ސާކިއުލާތައް އެލްޖީއޭ އިން ހަދާފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބައެއް މައްސަލަތައް ސީދާ އޭރުގެ ހޯމް މިނިސްޓަރު އެޖެންޑާކޮށްފައިވެ އެވެ. އެލްޖީއޭ އިން އެގޮތަށް އަމަލު ކުރީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަން ކުރެއްވީ، އުމަރު ނަސީރާއި އަހުމަދު ޒުހޫރު އަދި އަޒްލީން އަހުމަދެވެ.

އޭރުގެ އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކައުންސިލަރުން ސަސްޕެންޑް ކުރީ ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގަ އެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ، އެލްޖީއޭގެ އޭރުގެ ރައީސް ކަން ވެސް ކުރެއްވި އަޒްލީނެވެ.

ލާމަރުކަޒީ ކޮމިޓީން ފާސްކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ މެއި 18، 2014 އިން މިދިޔަ އަހަރުގެ ޖޫން 21 ގެ ނިޔަލަށް 106 ފަހަރު މަތިން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި މިއީ މުޅި ރާއްޖޭގެ ކައުންސިލަރުންގެ ނިސްބަތުން ކަންބޮޑުވާން ޖެހޭ އަދަދެއް ކަމަށެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުން ހައްޔަރުކުރާ ކައުންސިލަރުން އެލްޖީއޭގެ އަމިއްލަ އިސްނެގުމަށް ސަސްޕެންޑްކޮށްފައިވާ ކަމަށާއި މައިގަނޑު ގޮތެއްގައި ސަސްޕެންޑްކޮށްފައި ވަނީ އޭރުގެ ސަރުކާރާ ދެކޮޅު ކައުންސިލަރުން ކަމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ކަން ކުރެއްވި އަޒްލީން އަހުމަދު.--- ފޮޓޯ: މިހާރު

ކުރީގެ ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް ކަން ކުރެއްވި އަޒްލީން އަހުމަދު.--- ފޮޓޯ: މިހާރު

"އެލްޖީއޭގެ ޔައުމިއްޔާއެއް، ލިޔެކިޔުމެއް ފެންނާކަށް ނެތް!"

ކޮމިޓީން ބުނި ގޮތުގައި އެލްޖީއޭ އިން އަމަލުކުރީ ލާމަރުކަޒީ ނިޒާމްގެ މަހްފޫމާ ހިލާފަށް އަދި ކުރީގެ މަރުކަޒީ ސަގާފަތާ އެއްގޮތަށެވެ. ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތި ކުރުވައި އެމީހުންނަށް އަދަބު ދީ އެމީހުންނަކީ އެލްޖީއޭގެ ބެލުމުގެ ދަށުގައި ތިބޭ އެ އޮތޯރިޓީން އަންގާ ގޮތަށް އަމަލްކުރަން ޖެހޭ ބައެއްގެ ގޮތަށް ނިޒާމް ބައްޓަން ކުރަން މަސައްކަތް ކުރި ކަމަށް ރިޕޯޓުގައިވެ އެވެ.

ސިޔާސީ ވަކި ހަރަކާތްތަކާ ގުޅިގެން އެކަމަކަށް އަމާޒުކޮށް ވަގުތުން އުސޫލު ފާސްކޮށް އެ އުސޫލުގެ ދަށުން ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ކޮމިޓީ ރިޕޯޓުގައި ވަނީ ކައުންސިލަރުން ސަސްޕެންޑް ކުރުމަށް އެޖެންޑާ ކުރާ އުސޫލެއް އަދި ޝަކުވާ ހުށަހެޅި މީހެއްގެ ލިޔެކިޔުމެއް ވެސް އެނގެން ނޯންނަ ކަމަށެވެ. ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ މައްސަލަ ތަހުގީގުކޮށް އެ މެމްބަރުން ޖަވާބުދާރީ ކުރުވާފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ސަސްޕެންޑް ކުރި އެއްވެސް ކައުންސިލަރެއްގެ މައްސަލައިގެ ތަހުގީގު ރިޕޯޓު ތައްޔާރުކޮށް ބޯޑުގައި މަޝްވަރާކޮށްފައިވާކަން ޔައުމިއްޔާ އިން އެނގެން ނެތުމުގެ އިތުރުން ކައުންސިލަރުން ސަސްޕެންޑް ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ކޮމިޓީގެ ރިޕޯޓް ބުނާ ގޮތުން ކައުންސިލްތައް ހިންގަން ގާނޫނާ ހިލާފަށް އެލްޖީއޭ އިން މީހުން އައްޔަންކޮށްފައިވާ އިރު، ބޭނުމަކީ ކައުންސިލްތަކުގެ މަސްލަހަތަށް ވުރެ ސަރުކާރުގެ މަސްލަހަތު އިސްކުރުމެވެ. އަދި އެލްޖީއޭގެ ބޯޑުގެ ބައްދަލުވުންތަކުގައި ކޯރަމް ހަމަނުކޮށް ނިންމުންތައް ނިންމައި، ބައެއް ނިންމުންތަކުގައި ބޯޑުގެ އެއްވެސް މެމްބަރަކު ސޮއިކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

އެހެންވެ ކޮމިޓީން ހުށަހެޅީ ލާމަރުކަޒީ ގާނޫނު އިތުރަށް އިސްލާހު ކުރުމަށާއި އެލްޖީއޭ އަށް ލިބިފައި ނުވާ ބާރު ބޭނުންކޮށްގެން ކުރި ކަންކަން ބެލުމަށެވެ. ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓާ މެދު މި ހަފްތާގައި މަޖިލިހުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.