Roadha Mihaaru
ޑެފިސިޓް ކުޑަކުރުމަށް 506 މިލިއަން ރުފިޔާގެ ޓީބިލް

ޑެފިސިޓް ކުޑަކުރުމަށް 506 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާނެ

26 އޯގަސްޓް 2019

ސަޕްލިމެންޓްރީ ބަޖެޓުގައި ޑެފިސިޓްގެ ގޮތުގައި 986 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އެ އަދަދު ކުޑަކުރުމަށް 506 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަޕްލިމެންޓްރީ ބަޖެޓުގައި ޑެފިސިޓްގެ ގޮތުގައި 986 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އެ އަދަދު ކުޑަކުރުމަށް 506 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓުގައި އެމްޑަބްލިއުއެސްސީ އަށް ރެވެނިއު ލޮސްގެ ގޮތުގައި 130 މިލިއަން ރުފިޔާ ދިނުމަށް ހިމަނާފައިވާ އިރު އެ ފައިސާ އަކީ ސަރުކާރަށް އެ ކުންފުނިން ދޭ ޑިވިޑެންޑުން ކަނޑާނެ އަދަދެއް ކަމަށެވެ. އެހެންކަމުން މި އަދަދުގައި އެއްވެސް ކޭޝް ޓްރާންސެކްޝަނެއް ނުހިނގާނެ ކަމަށް ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އެސްއެމްއީތަކަށް ފައިނޭންސް ކުރުމަށް މި ބަޖެޓުގައި ހިމަނާފައިވާ 350 މިލިއަން ރުފިޔާ އަކީ ވެސް ކުރިން ހަމަޖެހިފައިވާ ފައިސާ ކަމަށް ވާތީ، ޑެފިސިޓުން އެ އަދަދު ފެނުނު ނަމަވެސް، އެއީ އިތުރަށް ހޯދަން ޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ދައުލަތުގެ ދަރަނި ކުޑަ ކުރުމަށްޓަކައި ގައުމީ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. މި ވަގުތު ދައުލަތުގެ ދަރަނި 49 ބިލިއަން ރުފިޔާގައި ހުރި އިރު މިއީ ޖީޑީޕީގެ ނިސްބަތުން 61.3 ޕަސެންޓެވެ. ސަރުކާރުގެ އަމާޒަކީ ޖީޑީޕީގެ ނިސްބަތުން ދަރަންޏަށް އަރާ މިންވަރު 60 ޕަސެންޓަށް ވުރެ ދަށް ކުރުމެވެ.

މިރޭގެ ޖަލްސާގައި މެންބަރުން ވަނީ ރިޒާވާއި، އަމިއްލަ ކުންފުނިތަކަށް ބުރޫ ނާރާނެ ގޮތަކަށް ދައުލަތުގެ ހިންގުން ބައްޓަން ކުރުމަށް އެދިވަޑައިގެންފަ އެވެ. މިކަމާ ގުޅިގެން އަމީރު ވިދާޅުވީ، ރިޒާވް ބޭންކް އޮފް އިންޑިޔާ (އާރްބީއައި) އިން ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕްއާ އެކު ރިޒާވަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލީސް ތަޅުމަށް ފޮނުވުމާ އެކު މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ ބަޖެޓާ ގުޅޭ ގޮތުން ހިޔާލުފާޅުކުރައްވައިފަ އެވެ.