Roadha Mihaaru
އަންނަ އަހަރަށް މިނިމަމްވޭޖު ކަނޑަނޭޅިދާނެ: ޣަފޫރު

އަންނަ އަހަރަށް ވެސް މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަކަށް ނުބެލެވޭ: ޣަފޫރު

27 އޯގަސްޓް 2019

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރު ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ އަންނަ އަހަރު ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މި އަހަރުގެ ތެރޭގައި މިނިމަމް ވޭޖެއް ކަނޑައަޅަން ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެކަމަކު، މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުގެ ވާހަކަތަކަށް ބަލާއިރު އެކަން ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ ކަމަށް މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން ވަނީ ބުނެފަ އެވެ. އެ ބޯޑުން ބުނި ގޮތުގައި އެންމެ ކުޑަ މިނުން ދެވޭނެ މުސާރަ އާއި އުޖޫރަ ކަނޑައެޅުމަކީ ރާއްޖޭގައި އާ ކަމަކަށް ވާތީ ފުރިހަމަ މައުލޫމާތު އެއްކޮށް ދިރާސާ ހެދުން މުހިންމެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި އަހަރުގެ ތެރޭގައި ބަޖެޓުގައި މިނިމަމް ވޭޖަށް ބޭނުންވާ ފައިސާ ހިމަނައިގެން 2020 ވަނަ އަހަރު މިނިމަމް ވޭޖެއް ކަނޑައަޅައިގެން ދޫކުރެވި، ރައްޔިތުންގެ މުސާރަ އަށް ގެންނަން ޖެހޭ ހެޔޮ ބަދަލު ގެނެވޭނެ ކަމަށް،" ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު އެގޮތަށް ވިދާޅުވި އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އަހަރު ނިމުމުގެ ދެ މަސް ދުވަސް ކުރިން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހެ އެވެ. އަދި އެހެން ގޮތަކަށް ކަނޑަނާޅާ ހިނދު، ނޮވެމްބަރު މަސް ނިމުމުގެ ކުރިން ދައުލަތުގެ ބަޖެޓާ މެދުގައި މަޖިލިހުން ގޮތެއް ނިންމަން ޖެހެ އެވެ.

މިނިމަމް ވޭޖް ކަނޑައަޅައި އިކޮނޮމިކް މިނިސްޓަރުގެ ލަފައަކަށް ޑިސެމްބަރު މަހު ފޮނުވައިފި ނަމަ، އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނިދާނެ ކަމަކަށް ނުބެލެވެ އެވެ. އެކަމަކު، އަހަރުގެ މެދުތެރެއިން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިގެން އެ ފައިސާ އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.

އެމްޑީޕީން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ބޭނުންވާ ގޮތް.

އެމްޑީޕީން އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ބޭނުންވާ ގޮތް.

"އަޅުގަނޑު ވަރަށް އަދަބުވެރިކަމާ އެކީގައި ފިނޭންސް މިނިސްޓަރަށް އެދެން މިނިމަމް ވޭޖް ކަނޑައެޅި، 2020 ވަނަ އަހަރު ރައްޔިތުންނަށް އެންމެ ދަށް މުސާރަ ކަނޑައެޅި އެކަން ހަމަޖެހިގެން ދިއުން އެދޭ ވާހަކަ ދަންނަވަން،" މިނިސްޓަރު އިބްރާހިމް އަމީރު އިންނެވި ބައްދަލުވުމުގައި ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް އައި އިރު، ދަރަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައި ނުވާތީ އުފާ ކުރައްވާ ކަމަށެވެ. އަދި މި އަހަރަކީ ދައުލަތުގެ ތެރޭގައި އެންމެ ކޮރަޕްޝަން މަދުކޮށް ހިނގަމުންދާ އަހަރު ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

"އެހެންވެގެން ދައުލަތް ދަރަނިވެރި ނުވެ ލިބުނު އެއްޗަކުން ކަންކަން ކުރަމުން ގޮސްފައި މިވަނީ. އެހެންވީމަ މިއީ ރައްޔިތުންނަށް އޮތް އުފާވެރި ޚަބަރެއް،" ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުމަށެވެ. މަޝްރޫއުތައް ހިންގުމުގައި ކޮންމެވެސް ވަރެއްގެ ލަސްކަމެއް ހުރެދާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއްގައި ސޮއިކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ހދ. އަދި ށ. އަތޮޅުގައި ޓޫރިޒަމް ފުޅާ ކުރެވިއްޖެ ނަމަ، ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށެވެ. އަދި ޓޫރިޒަމް ފުޅާ ކުރެވޭނީ ފުރަތަމަ ކަމަކަށް ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވިގެން ކަމަށާއި އެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.