Roadha Mihaaru
މިނިމަމް ވޭޖް އަވަހަށް ކަނޑައަޅަން ގޮވާލައި ގަރާރެއް

މިނިމަމް ވޭޖް އަވަހަށް ކަނޑައަޅަން ގޮވާލައި މަޖިލިހަށް ގަރާރެއް

28 އޯގަސްޓް 2019

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައެޅުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ލިބޭ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައެޅުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ގަރާރުގައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އުސޫލު ގާއިމުކޮށް އެ އުސޫލާ އެއްގޮތަށް ކަނޑައެޅުން ބޭނުންތެރި ކަމަށެވެ. އުޖޫރަ ކަނޑައަޅާ އިރު، ދާއިމީ ވަޒީފާތަކާއި ވަގުތީ ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

"އެކި ސިނާއަތްތަކަށް އެކި އަދަދު ކަނޑައެޅުން ނުވަތަ ހުރިހާ ސިނާއަތްތަކަށް އެއް އަދަދެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރަމެވެ. އަދި ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ ނުދޭ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތާއި ދެވޭނެ އަދަބުތައް ކަނޑައެޅިފައި އޮތުމަކީ ބޭނުންތެރި ކަމެކެވެ،" ގަރާރުގައިވެ އެވެ.

އެމްޑީޕީން މަސައްކަތްތެރިންނަށް ވެފައިވާ އެންމެ މުހިންމު އެއް ވައުދަކީ އެމީހުންގެ ވަޒީފާ އަދާކުރުމުގައި އެންމެ ދަށްވެގެން ލިބޭނެ އުޖޫރައިގެ މިންވަރު ކަށަވަރުވެފައި އޮތުމާއި ގާނޫނުން އެމީހުންގެ ހައްގުތައް ހިމާޔަތްވެފައި އޮތުމެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެމްޑީޕީގެ "އެޖެންޑާ 19" ގައި ހިމެނޭ ވައުދެކެވެ.

ގަރާރުގައި ބުނީ އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އަދަދެއް ކަނޑައެޅުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެކަށީގެންވާ ވަޒީފާއާ އެކު ވަޒީފާތައް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެކަމުން، ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ ޒުވާނުންނަށް ފުރުސަތު ތަނަވަސްވާނެ ކަމަށް ގަރާރުގައިވެ އެވެ.

ދިވެހިންނަށް ވަޒީފާ ލިބުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނުން ގެންގުޅުމަށް އެކަށީގެންވާ ތަންތަނުގައި ބިދޭސީން ގެންގުޅެ އާދަޔާ ހިލާފު ކުޑަ އުޖޫރައެއްގައި އެމީހުން ލައްވައި މަސައްކަތް ކުރުވާތީ ކަމަށް ވެސް އިސްމާއިލް އަހުމަދުގެ ގަރާރުގައި ބުނެފައިވެ އެވެ.

"އެމްޑީޕީގެ ވިސްނުމަކީ ދިވެހި ޒުވާނުން ކުރިއަރުވައި ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ދިވެހިން ޝާމިލްވެ އުޅުމުގެ ފުރުސަތު އެތައް ގުނައަކުން އިތުރު ކުރުމެވެ. ވަޒީފާ އަދާކުރަން ބޭނުންވާ ދިވެހިން ތިބި ނަމަ، އެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭ ގޮތަށް ގާނޫނު ލާޒިމް ކުރުމެވެ،" ގަރާރުގައިވެ އެވެ.

މި ގަރާރުގައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ސަރުކާރަށް މަރުހަބާ ކިޔައިފަ އެވެ. އެގޮތުން ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީއާ އެކު، ކަމާ ގުޅޭ ދިރާސާތަކާއި ސާވޭތައް ކުރަމުން އަންނަ ކަމަށް ވެސް ގަރާރުގައި ފާހަގަކުރި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ ކަމަށް މިނިމަމް ވޭޖް ކަނޑައަޅާ ބޯޑުން ވަނީ ބުނެފަ އެވެ. އެ ބޯޑުން ބުނި ގޮތުގައި އެންމެ ކުޑަ މިނުން ދެވޭނެ މުސާރަ އާއި އުޖޫރަ ކަނޑައެޅުމަކީ ރާއްޖޭގައި އާ ކަމަކަށް ވާތީ ފުރިހަމަ މައުލޫމާތު އެއްކޮށް ދިރާސާ ހެދުން މުހިންމެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް އެންމެ ކުޑަކޮށް ލިބޭ އުޖޫރައިގެ ގޮތުގައި 200ރ. ކަނޑައަޅައި އެމްޑީޕީން މީގެ ކުރިން އޮތީ ކަރުދާހެއް ތައްޔާރުކޮށްފަ އެވެ.