Roadha Mihaaru
1،475 ވިޔަފާރި ބެލިއިރު 1،000 ތަން ރަނގަޅު

ކޮވިޑް-19: 1،475 ވިޔަފާރި ބެލިއިރު 1،000 ތަން ރަނގަޅު

15 ޖުލައި 2020

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކުރި ލޮކްޑައުންއަށް ލުއި ދިނުމުން ވިޔަފާރިކުރާ ތަންތަނުން އަމަލުކުރާ ގޮތް ބެލުމަށް ހިންގި އޮޕަރޭޝަނުގައި 1,475 ތަން ބެލިއިރު ހާހެއްހާ ތަނުން އަމަލު ކުރަނީ ރަނގަޅަށް ކަމަށް ސިޓީ ކައުންސިލުން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކުރި ލޮކްޑައުންއަށް ލުއި ދިނުމުން ވިޔަފާރިކުރާ ތަންތަނުން އަމަލުކުރާ ގޮތް ބެލުމަށް ހިންގި އޮޕަރޭޝަނުގައި 1,475 ތަން ބެލިއިރު ހާހެއްހާ ތަނުން އަމަލު ކުރަނީ ރަނގަޅަށް ކަމަށް ސިޓީ ކައުންސިލުން މިރޭ ބުނެފި އެވެ.

އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ، ޝަމާއު ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ގިނައިން ހިންގަނީ ދިވެހި މުވައްޒަފުން ތިބޭ ތަންތަން ކަމަށެވެ. ބިދޭސީ މުވައްޒަފުން ތިބޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑު ދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ވަނަ ކެޓަގަރީ ނުވަތަ ހުރިހާ ކަމެއް ފުރިހަމަ ވެފައި މިވަނީ ހާހެއްހާ ތަން. ދެން މެދު މިންގަނޑެއްގައި ގިނަ ތަންތަން ހުރި ކަމުގައި ވިޔަސް ވަރަށް ހާލަތު ގޯސްކޮށް ވެސް ވަރަށް ގިނަ ތަންތަން ހުރިކަން ފާހަގަ ކުރެވޭ،" އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާޅުވި އެވެ.

ބެލި ތަންތަނުގެ ތެރޭގައި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ސެލޫންތަކާއި ފިހާރަތަކާއި މާރުކޭޓްތައް ހިމެނޭ ކަމަށް ޝަމާއު ވިދާޅުވި އެވެ. އޭގެ ތެރެއިން ރަށުގެ އެކި ހިސާބުތަކުގައި ހިންގާ މާރުކޭޓްތަކުގައި ސާފު ތާހިރުކަން ދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ފިހާރަތަކުގައި ތިބި މުވައްޒަފުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނޭނގޭ ކަމަށެވެ.

މި އިންސްޕެކްޝަނަކީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ކަންކަން ހުރިގޮތް ބަލަން ހިންގާ ކަމަކަށް ވާތީ ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި އެތަންތަން އިތުރަށް ބަލައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރަން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް އެޗްޕީއޭ އިން ވެސް އޮޕަރޭޝަނެއް ފަށާފައިވާއިރު، ގިނަ ތަންތަނުގެ މިންގަނޑުތައް ހުރީ ހިތްހަމަޖެހޭ ގޮތަށް ނޫން އާދިއްތަ ދުވަހު އެ އިދާރާ އިން ބުންޏެވެ.

މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލޭ ސިޓީ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ވެމްކޯ ގުޅިގެން އެޗްޕީއޭ އިން ހިންގާ އިންސްޕެކްޝަނެކެވެ. ރީޓެއިލް ފިހާރަތަކާއި މާރުކޭޓުތަކާއި ކެފޭ އަދި ރެސްޓޯރަންޓްގެ އިތުރުން ސެލޫންތަކާއި ޖިމްތައް މި އިންސްޕެކްޝަންގައި ބަލާނެ އެވެ.

ކޮވިޑް-19 ގެ މީހުން ރާއްޖެ އިން ފެންނަ މިންވަރަށް ބަލައި، ދިން ލުޔާ އެކު، އާންމު ޚިދުމަތްތަކަށް ތަންތަން ހުޅުވާލިއިރު، އެއްފަހަރާ ފިހާރަތަކަށް ކަސްޓަމަރުން ވައްދަން ޖެހެނީ ވަކި އަދަދަކަށެވެ. ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ވެސް ބޮނޑިވެގެން ތިބެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހަނިކުރުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. މީގެ އިތުރުން މާސްކް އަޅައިގެން ތިބުމާއި އަތް ސެނިޓައިޒް ކުރެވޭނެ ގޮތް ހަމަޖައްސަން ވެސް ޖެހެ އެވެ.