Roadha Mihaaru
އިނގިރޭސި ކްލަބްތަކަށް ޔޫރަޕްގައި ފަސޭހަނުވާނެ: ކްލޮޕް

އިނގިރޭސި ކްލަބްތަކަށް ޔޫރަޕްގައި ފަސޭހަނުވާނެ: ކްލޮޕް

29 އޯގަސްޓް 2019

ލަންޑަން (އޮގަސްޓް 29) - މިދިޔަ ސީޒަނުގައި ޔޫރަޕްގެ ކްލަބް ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި އިނގިރޭސި ޓީމުތައް ކާމިޔާބުކުރި ނަމަވެސް މި ފަހަރު އިނގިރޭސި ޓީމުތަކަށް ފަސޭހަނުވާނެ ކަމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 29) - މިދިޔަ ސީޒަނުގައި ޔޫރަޕްގެ ކްލަބް ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގައި އިނގިރޭސި ޓީމުތައް ކާމިޔާބުކުރި ނަމަވެސް މި ފަހަރު އިނގިރޭސި ޓީމުތަކަށް ފަސޭހަނުވާނެ ކަމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ކްލޮޕް ލިވަޕޫލް ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމު ވަނީ ޔޫރަޕްގެ ތިން ފައިނަލުގައި ކުޅެފަ އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލުގެ އިތުރުން އެންމެ ފަހުން ދެ ފަހަރު ޗެމްޕިއަންސް ލީގު ފައިނަލުގަ އެވެ. މިދިޔަ އަހަރު ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނީ އިނގިރޭސި ޓީމުތަކެވެ. ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން ޗެމްޕިއަންސް ލިގު ހަ ވަނަ ފަހަރަށް އުފުލާލިއިރު، ޗެލްސީން ދެ ވަނަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކުރީ އާސެނަލް ބަލިކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުނެގުން މިރޭ ބާއްވާއިރު، ކްލޮޕްގެ ނަޒަރުގައި އިނގިރޭސި ކްލަބްތަކަށް މިދިޔަ އަހަރުގެ ކާމިޔާބީ ތަކުރާރުކުރަން ފަސޭހަނުވާނެ އެވެ.

"މިސާލަކަށް ބަލާލަންވީ ޕޮޓް ދޭއްގައި އޮތް ޓީމުތައް. އެތުލެޓިކޯ މެޑްރިޑް. ރެއާލް މެޑްރިޑް. ބޮރޫޝިއާ ޑޯޓްމަންޑް. ޓޮޓެންހަމް. ބެންފީކާ. ފެންވަރަށް ބަލާއިރު މި ޓީމުތައް ވެސް އޮންނަން ޖެހޭނީ ޕޮޓް އެކެއްގައި. ހަގީގަތަކީ އިނގިރޭސި ޓީމުތަކަށް ލީގުގެ ވާދަވެރިކަމުގެ ތެރެއިން މި ފަހަރު ޔޫރަޕްގައި ފަސޭހައެއްނުވާނެ،" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ޕޮޓްތައް.

"ހަަމައެކަނި ޕޮޓް ދޭއްގެ ވާހަކައިން ނިންމާނުލައި ތިން ވަނަ ޕޮޓާއި ހަތަރު ވަނަ ޕޮޓުން ވެސް ވަރުގަދަ ޓީމުތައް ހުރީ. މިސާލަކަށް ޕޮޓް ހަތަރެއްގައި އާރްބީ ލިޕްޒިގު އޮތިއްޔާ ދެން އެނގޭ ކިހާ ފެންވަރެއްގެ ޓީމުތަކާ ދެކޮޅަށް ކަން ކުޅެން މި ޖެހެނީ."

ކްލޮޕް ބުނީ ކޮންމެ ގްރޫޕެއް ވެސް އޮންނާނީ ވަރަށް ވަރުގަދަކޮށް ކަމަށާއި މިދިޔަ އަހަރު ޔޫރަޕްގައި ދަށްކޮށް ދިޔަ ޓީމުތަކުން އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އެ ގޮތުން ޕީއެސްޖީ، ބާސެލޯނާ، ޔުވެންޓަސް، ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް އަދި ޑޯޓްމަންޑް ވަރުގަދަކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"ބަޔާނުން ކުޓީނިއޯ އާއި ޕެރިސިޗް ގެނެސްފި. އެއީ އެ މީހުން ވަރަށް ވަރުގަދަކުރުން. ޑޯޓްމަންޑަށް އެބައޮތް ހަމަޖެހިލައިގެން ފަސް ބަދަލުކޮށްލައިގެން ވެސް މެޗުތައް ކުޅެވެން. ދެން ފެންވަރަށް ބަލާއިރު ޔުވެންޓަސް އާއޮ ޕީއެސްޖީ ދެން ރެއާލް ކަހަލަ ޓީމެއް އޮތީ އެތައް ގުނައެއް ކުރިއަށްޖެހިލާފައި،" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުނެގުން އޮންނާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ. މިރޭ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ އާއި އެކި މަގާމުތަކުން އެންމެ މޮޅު ކުޅުންތެރިން ހޮވާނެ އެވެ. އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އާއި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ލިއޮނަލް މެސީ އެވެ.