މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ފަހު ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ލިބިވަޑައިގަތީ ސިއްރު ހެކިންގެ ނަންތަކާ އެކުގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
05 ސެޕްޓެމްބަރ 2019
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ފަހު ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ލިބިވަޑައިގަތީ ސިއްރު ހެކިންގެ ނަންތަކާ އެކުގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންގެ ރިޕޯޓް ނަޝީދަށް އެރުއްވުމުން އެ ތަހުގީގަށް ހޯދި ސިއްރު ހެކިން ހާމަވެގެން އުޅޭ ކަމަށް ކުރިން އޮތީ އަޑު ފެތުރިފަ އެވެ. އެރިޕޯޓް މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް ނަޝީދު އެރުވުމުން އެކަމާ އެކި ފަރާތްތަކުން އަންނަނީ ބަހުސް ކުރަމުންނެވެ.
މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު އެ ސުވާލު ކުރިމަތި ކުރުމުން ވިދާޅުވީ ރިޕޯޓް އާއްމުކުރުމުން ތަހުގީގަށް އެއްވެސް ހުރަހެއް އެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ސިއްރު ހެކި ސިއްރު ކުރެވިފައިވާ ކަމަށެވެ.
"މި ރިޕޯޓްގައި ހުރި ސިއްރު ހެކި ހުރީ ސިއްރު ހެކީގެ ގޮތުގައި. ކޮމިޝަންގެ ރައީސް އަލްއުސްތާޒް ހުސްނުއް ސުއޫދު އަޅުގަނޑަށް ރިޕޯޓް ދެއްވި އިރުގައި ވެސް އެތަންތަން ފާހަގަކޮށްފައި އޮންނަނީ ސިއްރު ހެކި އެކެއް، ސިއްރު ހެކި ދޭއް، ސިއްރު ހެކި ތިނެއް މި ދެންނެވި ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.
ރިޕޯޓް އާއްމުކުރުމުން މުޅިން ވެސް ވާނީ ރަނގަޅު ކަަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރިޕޯޓްގައިވާ މައުލޫމާތަކީ އެކި ދުވަސްވަރު އެކި ފަރާތްތަކަށް އެނގިފައިވާ މައުލޫމާތު ކަމަށާއި އެ މައުލޫމާތު ސިއްރުކޮށްފައި ބާއްވައިގެން ތަހުގީގަށް ލިބޭނެ ކުރިއެރުމެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރިޕޯޓާ މެދު ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައި ވަނީ ތަހުޒީބު ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކާ ހަމަތަކުގެ މަތިން ކަމަށެވެ.
"މިސާލަކަށް އީވާން ނަސީމު މަރައިލުމާ ގުޅޭ ރިޕޯޓް. އެރިޕޯޓުން ވެސް ލިބުނު އެންމެ ބޮޑު ދެރަޔަކީ އޭގެން އެތައް ބައެއް އުނިކުރިކަން. އަދި އެހެންވީމާ ހަގީގީ ހޯދުންތަކަށް ރައްޔިތުންނަށް އިތުބާރު ނުކުރެވުނުކަން. ރިޕޯޓެއް އޭގެ ހޫނުކަންމަތީގައި ރައްޔިތުންނަށް ސާފުވާން ފެށީމާ ރައްޔިތުންނަށް ރިޕޯޓަކާ ގުޅޭ ގޮތުން ގަބޫލު ކުރެވި އިތުބާރު ހިފޭނީ،" ނަޝީދު ވިދާޅުވި އެވެ.
ރިޕޯޓް އާއްމުވުމުން ތަހުގީގަށް ހުރަސް އެޅޭނެ ކަމުގެ ވިސްނުމަކީ ރާއްޖޭގައި މިހާތަނަށް ޝަރީއަތް ކުރަމުން އައީ ހަމަ އެކަނި އިއުތިރާފުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ރިލްވާން ގެއްލުވައިލި މައްސަލައިގައި ނަގާފައިވާ ބަޔާންތަކަކީ ހަމަ އެކަނި އެބަޔާންތަކަށް ބިނާކޮށްގެން ދައުވާ އުފުލާނެ ބަޔާންތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރިޕޯޓް ބޭރަށް ނެރުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރުވެސް މާބޮޑަށް ލަސްވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ދެން ކުރާނީ ކޮން މަސައްކަތްތަކެއްތޯ އެހުމުން ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔަޔަސް 241 ކޮމިޓީން ކަމާ ބެހޭ ހުރިހާ ފަރާތްކާ މަޝްވަރާކޮށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
ރާއްޖޭގައި ހަރުކަށި ވިސްނުން އޮތް މިންވަރު ދުނިޔޭގެ ގައުމުތަކަށް ހާމަވުމުން ރާއްޖޭގެ ޓޫރިޒަމަށް އަސަރެއް ކޮށްފާނެ ކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު ދެންނެވުމުން ނަޝީދު ވިދާޅުވީ ރިޕޯޓްގައި ބުނެފައިވާ ފަދަ ކަންތައްތައް ރާއްޖޭގައި ހިނގާ ކަމަށް ސަރުކާރުން ގަބޫލުކުރުމިން ގައުމުތަކުން ރާއްޖެއަށް އިތުބާރު ކުރާނެ ކަމަށެވެ. އެކަންތައްތަކާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ގައުމުތަކަށް ސާފުވާނެކަމަށާއި ބަލަހައްޓަމުން އަންނަ މިންވަރު ވެސް މިހާރު އިނގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މީގެ ކުރީގައި އަޅުގަނޑުމެން ދެކިގެން މިތިބެނީ އަނދިރި އިންތިޒާމްތަކެއް، ހީލަތްތެރި ރޭވުންތަކެއް އަޅުގަނޑުމެންގެ ދައުލަތް ތެރެއަކު ނެތޭ. ހަމަ ސީދާ ސައްހަވެރިކަމުގެ ބާރާ އާރުގައި އެކަންޏޭ މިދައުލަތް ހިނގަމުން މިދަނީ. އެނޫން އެހެން އެއްވެސް ކަމެއް މިދައުލަތުގެ ތެރެއަކު ނުހިނގައޭ. އެއީ ސިޔާސީ ލީޑަރުން ވެސް އަދި އެހެން ވެސް ބައިވަރު ބޭފުޅުން ކަން ގަބޫލުކުރަމުން އައި ގޮތް. އެހެން ނަމަވެސް ބޭރު ގައުމުތަކުގެ ޖާސޫސީ އިދާރާތަކަށް އެބަ ވަރަށް ބޮޑަށް އެބަ ސާފުވޭ ރާއްޖޭގައި މިދަންނަވާ ބާވަތްތަކުގެ އިންތިޒާމްތަކެއް ހަރަކާތްތަކެއް އެބަހިނގާ ކަން،" ނަޝީދު ވިދާޅުވި އެވެ.
ތަހުގީގުތަކާ ގުޅިގެން ނަޝީދުގެ ކަންބޮޑުވުން ކޮމިޓީ އަށް
ނަޝީދުގެ ވާހަކަތައް މަރު ކޮމިޝަނުން ދޮގުކޮށްފި
ރިލްވާންގެ ރިޕޯޓް މަޖިލިހަށް ދޭން އަންގާފައެއް ނުވާނެ
ރިޕޯޓުގައި ނަން ހުރި ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ
ރިލްވާންގެ ރިޕޯޓުގެ ސިއްރު ހިފަހައްޓާނެ: ނަޝީދު
ރިއާސީ ކޮމިޝަންތައް ބޭކާރު؛ އުވާލަންޖެހޭ: ނަޝީދު
ނަތީޖާ ނުނެރެވި މަރު ކޮމިޝަން މަރުވެއްޖެ؟!
މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލައިފި: ނަޝީދު
އަފްރާޝީމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރެވޭކަށްނެތް
ރިޔާސީ ކޮމިޝަން މާދަމާ 241 ކޮޮމިޓީ އަށް