Roadha Mihaaru
ރިއާސީ ކޮމިޝަންތައް ބޭކާރު؛ އުވާލަންޖެހޭ: ނަޝީދު

މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ޖެހޭ: ނަޝީދު

14 ޖުލައި 2020

ރިއާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ގާނޫނުން ބާރު ދީފައިވާ ދެ ކޮމިޝަނުގެ ވެސް އެއްވެސް ބޭނުމެއް ނުހިފި ބޭކާރު ހަރަދަކަށް ވެފައިވާ ކަަމަށާއި އެ ދެ ކޮމިޝަން ވެސް އުވާލަންޖެހޭ ކަމަށް ރައްޔިތުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރިއާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ގާނޫނުން ބާރު ދީފައިވާ ދެ ކޮމިޝަނުގެ ވެސް އެއްވެސް ބޭނުމެއް ނުހިފި ބޭކާރު ހަރަދަކަށް ވެފައިވާ ކަަމަށާއި އެ ދެ ކޮމިޝަން ވެސް އުވާލަންޖެހޭ ކަމަށް ރައްޔިތުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ނިމިއްޖެކަން އިއުލާނުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ކޮމިޝަންތަކަށް ބާރު ދިން ގާނޫނުގައި ބުނާ މަސައްކަތް ކޮމިޝަންތަކުން ކުރަމުން އަންނަކަމަށް ދަންނަވަން ދަތި ކަަމަށެވެ.

ރިއާސީ ކޮމިޝަންތަކަށް ބާރު ދިނީ 2019 ވަނަ އަހަރު ފާސްކުރި ރިއާސީ ކޮމިޝަންތަކުގެ ގާނޫނުންނެވެ. އެ ގާނޫނުން ކޮމިޝަންތަކަަށް ދިން ބާރަކީ ތަހުގީގުކުރުމާއި ކޮމިޝަނުން އަމިއްލަ އަށް ދައުވާކުރުމުގެ ބާރެވެ. އެ ގާނޫނުން ބާރު ދިން ދެ ކޮމިޝަނަކީ މީހުން ގެއްލުވައިލުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަން (މަރު ކޮމިޝަން) އަދި އެސެޓް ރިކަވަރީ ކޮމިޝަނެވެ.

"އިއްޒަތްްތެރި މެމްބަރުންގެ ކުރިފުޅުމަތީގައި އޮތީ މިކަމުގައި ގޮތެއް ނިންމަވާނެ ގޮތް. އަޅުގަނޑުގެ ބުއްދި އަށް މިހާރު ފެންނަނީ މި ދެ ކޮމިޝަނަކީ ބޭނުންތެރި ކޮމިޝަންތަކެއް ނޫން ކަމަށް، އެތަންތަން މިހާރު އުވާލެވެން ޖެހޭ ކަމަށް. އަޅުގަނޑުމެން ބޭކާރު، ބޭނުމެއް ނެތް ހަރަދު ހާއްސަކޮށް މި ކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަަވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަަވަނީ.---ފޮޓޯ: މަޖިލިސް

ރާއްޖޭގައި ހިންގާފައިވާ ހަގީގަތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ސަރުކާރުން ވި ވައުދާ އެކު އުފައްދާފައިވާ މަރު ކޮމިޝަނުން މަސަައްކަތް ނުކުރާ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. މައްސަލަަތައް ބެލުމުގައި ހުރި ދަތިތައް ބަޔާންކޮށް ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީއެއް އެ މަނިކުފާނު މާނަކުރެެއްވީ ކޮމިޝަނުން މަސަައްކަތްތައް ހުއްޓައިލާފަައިވާ ކަމަށް އެންގި އެންގުމެއްގެ ގޮތުގަ އެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ނަޝީދު ކުރިން ވިދާޅުވި އެވެ.

އެ ވާހަކަޔާ ގުޅިގެން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަންގެ މަސައްކަތްތައް ނުހުއްޓޭ ކަމަށެވެ.