މީގެ ތިން އަހަރު ކުރިއަށް ބެލިކަމުގައި ވިޔަސް ވަޒީފާއެއް އަދާކުރުމުގެ އެއްވެސް ވިސްނުމެއް، އިސްމާއިލް ނާޒިފް ސައީދުގެ ނެތެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ ވަޒީފާއެއް ލިބޭނެ ކަމަށް ގަބޫލު ވެސް ނުކުރެވުނީ އެވެ. ދިރިއުޅުނީ މައިންބަފައިންގެ ހަރަދުގައި އެ މީހުންގެ އެހީގަ އެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ލިބުނު ވަޒީފާއިން އޭނާގެ ދިރިއުޅުން ބަދަލުކޮށްލައިފި އެވެ.
06 ސެޕްޓެމްބަރ 2019
މީގެ ތިން އަހަރު ކުރިއަށް ބެލިކަމުގައި ވިޔަސް ވަޒީފާއެއް އަދާކުރުމުގެ އެއްވެސް ވިސްނުމެއް، އިސްމާއިލް ނާޒިފް ސައީދުގެ ނެތެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ ވަޒީފާއެއް ލިބޭނެ ކަމަށް ގަބޫލު ވެސް ނުކުރެވުނީ އެވެ. ދިރިއުޅުނީ މައިންބަފައިންގެ ހަރަދުގައި އެ މީހުންގެ އެހީގަ އެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ލިބުނު ވަޒީފާއިން އޭނާގެ ދިރިއުޅުން ބަދަލުކޮށްލައިފި އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން، 27 އަހަރުގެ އެ ޒުވާނާ ބުނީ މިހާރު އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އަމިއްލައަށް އިހުސާސް ވެސް ނުވާ ކަމަށެވެ.
"ވަރަށް އިންޑިޕެންޑެންޓް މިހާރު. ލިބޭ މުސާރައިން އަމިއްލަ ހަރަދުތައް ކޮށްފައި މައިންބަފައިންނަށް އެހީވާން ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސްޓެލްކޯގެ ވިލިމާލޭ ބްރާންޗުގައި މަސައްކަތް ކުރާ ނާޒިފް ބުންޏެވެ.
ނާޒިފް ވިލިމާލޭ ބަނދަރު މަތީގައި: ނުކުޅެދުންތެރިކަން ހުރި ނަމަވެސް މަސައްކަތުގައި އޭނާއަކީ ނަމޫނާއެއް
ވަރަށް ތުއްތުއިރު ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ހިނގާބިނގާވެ ނޫޅެވޭ އެ ޒުވާނާ ބުނިގޮތުގައި ކުޑައިރު ކިޔެވުމުން އޭނާ މަހުރޫމް ވީ ވެސް، މަތީ ބުރީގައި ހުންނަ ކްލާސްރޫމުތަކަށް އެރޭނެ ގޮތެއް ނެތިގެންނެވެ. އެހެންވެ، މި ފަދަ މުޖުތަމައުއެއްގައި، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހިފައިވާ މީހަކަށް އަދާކުރެވިދާނެ ވަޒީފާއެއް އޮތް ކަމަށް އޭނާއަށް ކުރިން ގަބޫލެއް ނުކުރެވުނެވެ. އެހެންވެ، ކޮންމެ ކަމެއް ވެސް އޭނާ ކުރީ ހިލޭ ސާބަހަށެވެ.
ވަޒީފާއަކާ މެދު ނާޒިފް ވިސްނާލީ ވެސް އޭނާ ފަދަ ނުކުޅެދުންތެރިކަން ހުންނަ އެކުވެރިއަކު އެކަމަށް އެދުމުންނެވެ. އެ އެކުވެރިޔާއާ އެކު މަސައްކަތް ކުރުމަށް އެދުމުން، ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތުން އެ މީހުންނަށް ލިބުނީ އެމްޓީސީސީގެ ފެރީ ޓާމިނަލެއްގައި ޓިކެޓް ކަނޑަން އިންނާށެވެ. އެ ވެސް ހިލޭ ސާބަހަށެވެ. އެކަމަކު އެއަށް ވުރެ ކުރިން އެ މީހުންގެ ނަސީބު އަތުގައި ހިފައިފި އެވެ.
"އެ ވަޒީފާއަށް ނުނިކުމެވި އުޅެނިކޮށް، ސްޓެލްކޯއިން އަޅުގަނޑުމެންނަށް ޖޮބް ދިނީ،" ސްޓެލްކޯގެ ވިލިމާލޭ ބްރާންޗުގެ އެޑްމިން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ނާޒިފް ބުންޏެވެ.
ނާޒިފް (ވ) އޭނާގެ ބައެއް އެކުވެރިންނާ އެކު
މިހާރު އޭނާއަކީ ބުރަކޮށް ވަޒީފާ އަދާކުރާ ހީވާގި ޒުވާނެކެވެ. އޮފީހުގެ ސްޓޮކް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައިވާއިރު އެ ވަޒީފާ އިން ރަނގަޅު އާމްދަނީއެއް ވެސް ލިބެ އެވެ. ނާޒިފް ބުނިގޮތުގައި މިހާރު އޭނާގެ ދިރިއުޅުން ހުރީ ކުރިން ދުވަހަކު އުއްމީދު ވެސް ނުކުރާހާ ހިސާބެއްގަ އެވެ.
"ކޮންމެ ދުވަހަކު ވަޒީފާއަށް ނުކުމެ، ކުރަން ޖެހޭ މަސައްކަތް ބަރާބަރަށް އަދާކޮށް، ލިބޭ މުސާރައިން އާއިލާއަށް ހަރަދު ކުރަން ލިބުމަކީ ލިބޭ އެންމެ ބޮޑު އުފާ. މިހާރު މިއީ ޑިސްއޭބްލްޑް މީހެއް ކަމުގެ އިހުސާސް ވެސް ނުކުރެވޭ،" ދިވެހި ރެޑް ކްރެސެންޓްގައި ވޮލަންޓިއަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެ އުޅޭ ނާޒިފް ބުންޏެވެ.
އުމުރުން 27 އަހަރުގެ މަރިޔަމް ނޫރާ ރަޝާދު ވެސް މީގެ ކުރިން މުޅިން މަސައްކަތް ކުރީ ހިލޭސާބަހަށެވެ. އޯޓިޒަމް އެސޯސިއޭޝަނާއި އިމާދުއްދީން ސްކޫލު ފަދަ ތަންތަނުގައި ޓީޗަރުންނަށާއި ކުދިންނަށް އެހީވެ ދިނުމަށެވެ. މާ ބޮޑު ޒިންމާއެއް ނެތެވެ.
އެކަމަކު އޯޓިސްޓިކް މި ޒުވާނާ މިހާރު ވަޒީފާ އަދާކުރަނީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ވިލެޖުގަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިން ވަޒީފާ ނޫރާއަށް ވެސް ލިބުނީ، މަސައްކަތެއް ނެތި ގޭގައި ހުންނަތާ ދުވަސްތަކެއް ފަހުންނެވެ.
މުއާމަލާތު ކުރުމުގައި ދަތިތަކެއް ހުރުމުން، ނޫރާއާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަމުން އޭނާގެ މަންމަ އަމީނާ އަބްދުލްގާދިރު ބުނީ ވަޒީފާގެ ސަބަބުން އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ދިރިއުޅުމަށް ވެސް ބޮޑު ކުރިއެރުންތަކެއް އަތުވެއްޖެ ކަމަށެވެ. މީހުންގެ ތެރޭގައި އުޅެން ދަސްވެ، މުއާމަލާތު ކުރުން ވެސް ކުރިއަށް ވުރެ ރަނގަޅު ވެއްޖެ އެވެ. އަދި ޒިންމާތަކެއް ހަވާލުކުރުމުން، އޭގެ ހިތްހަމަޖެހުން ވެސް ނޫރާއަށް ލިބިއްޖެ ކަމަށް އަމީނާ ބުންޏެވެ.
ޑިސްއެބިލިޓީ އެމްބެސެޑަރު ޒިހުނަތު ހަސަންއާ އެކު ނޫރާ (ކަނާއަތުގައި)
ނޫރާއަށް އޮތް އެންމެ ބޮޑު އުފަލަކީ މުޖުތަމައުން އޭނާ ބަލައިގަނެ، ބޭނުންތެރި މީހެއްގެ ގޮތުގައި ދުށުމެވެ. އަދި އެފަދަ ކުދިންގެ ބެލެނިވެރިންނަށް އޭނާ ނަމޫނާއަކަށް ވެފައިވާތީ އެވެ.
ކުރިން ގުޅިފަޅު އޮފީހުގައި މަސައްކަތްކޮށް، ފަހުން އެ ދެ ތަން އެއްކޮށްލައި އެއް އޮފީހަކަށް ހެދުމުން ނޫރާގެ މާ ބޮޑު މަސްއޫލިއްޔަތެއް އަދި ނެތެވެ. އެކަމަކު ޓައިޕް ކުރުން ފަދަ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާގެ މަންމަ ބުންޏެވެ.
އަމީނާ ބުނީ އޯޓިސްޓިކް މީހެއް ނަމަވެސް ދަރިފުޅު ވަޒީފާއަށް ނުކުމެ، މީހުންގެ ތެރޭގައި އުޅެން ފެށުމުން، އެ ބަލި ހުންނަ އެހެން ކުދިންގެ މައިންބަފައިންނަށް ވެސް ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އޯޓިސްޓިކް ކުދިންނަށް ވުމުން ބައެއް ބެލެނިވެރިން އެ މީހުންގެ ދަރިން ވަޒީފާއަށް ފޮނުވަން ޖެހިލުންވާ ކަމަށާއި އެކަމަކު ނޫރާ ވަޒީފާ އަދާކުރާތަން ފެނި، އެކަން މަޑުމަޑުން ބަދަލުވަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.
"ނޫރާ ފެނުނީމައި ބައެއް ބެލެނިވެރިން ބޭނުންވޭ މިހާރު [ދަރިން] ވަޒީފާއަށް ފޮނުވަން. އެ މީހުންނަށް އެނގޭ ވަޒީފާއަށް ނޫނީ މީހުންގެ ތެރެއަށް ނެރެން ފެށީމައި އެ ކުދިންނަށް ކުރިއެރުންތައް ލިބޭނެކަން،" އަމީނާ ބުންޏެވެ.
ހދ. ނޮޅިވަރަމަށް އުފަން، އުމުރުން 38 އަހަރުގެ އަލީ ހުސެން އަކީ މިހާރު ޒިންމާދާރު ފިރިއެކެވެ. އެ ރަށު ފެނަކަ ބްރާންޗުގެ ޓެކްނީޝަނެކެވެ. ދިރިއުޅުން ވަރަށް އުފާވެރި އެވެ.
އެކަމަކު އޭނާގެ އެކަނިވެރި ދިރިއުޅުމަށް ނިމުމެއް އައީ، އަލީ ދެކޭ ގޮތުގައި، މީގެ ތިން އަހަރު ކުރިން ލިބުނު އެ ވަޒީފާއާ ގުޅިގެންނެވެ. އާމްދަނީ ހޯދުމަށް މީގެ ކުރިން އޭނާ އެކި ކަހަލަ މަސައްކަތް ކުރި ނަމަވެސް، އެއީ ދިރިއުޅުމެއް ފަށަން އެކަށީގެންވާ މިންވަރެއް ކަމަށް ބައެއް އަންހެނުން ގަބޫލު ނުކުރާ ކަމަށް އޭނާ ދެކެ އެވެ.
އަލީ ހުސެން އޭނާ ދުއްވާ ޕިކަޕުގައި
"އަޅުގަނޑު ރައްޓެހިވިޔަސް، ރައްޓެހިވާން އެހިޔަސް އަންހެން ކުދިން އަހާނެ ކުރަނީ ކޮން މަސައްކަތެއްތޯ އާއި ތިއީ އެންމެ އެކަށީގެންވާ އާމްދަނީ ލިބޭ ކަހަލަ މަސައްކަތެއް ނޫން ކަމަށް. އެހެން ކިޔާފައި ބްރޭކަޕް ވަނީ،" އޭނާ ބުންޏެވެ.
"އަޅުގަނޑު މި އަހަރު މީހަކާ މި އިނީ. އޭނާ ކައިވެނި ކުރީ އަޅުގަނޑު ވަޒީފާއެއްގައި އުޅޭތީއެއް ނޫން. އެކަމަކު އަޅުގަނޑަށް އެހީތެރިވުމުގެ ނިޔަތުގައި،" ހިނގުމުން މަހުރޫމްވެފައިވާތީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ އަލީ ބުންޏެވެ.
މީގެ ކުރިން އޭނާ، ބޭބެއެއްގެ ހޮޓަލުގެ ކޭޝިއަރު ކަމާއި ފިހާރައެއްގެ ސޭޓުކަން ވެސް ކުރި އެވެ. އަދި މިހާރު ވެސް، ރަށު ޕިކަޕެއްގައި ތަކެތި ވިއްކާ ހަދަ އެވެ. އެކަމަކު އެކަށީގެންވާ އާމްދަނީއެއް ލިބި، ދިރިއުޅުން ހަމަޖެހިލި މިހާރު އަދާކުރަމުން އަންނަ އިންޖީނުގޭގެ ވަޒީފާ ލިބުމުން ކަމަށް އަލީ ބުންޏެވެ.
އަލީ ހުސެން އޭނާގެ އޮފީހުގައި: ވަޒީފާގެ ސަބަބުން ދިރިއުޅުން ބަދަލުވެފައިވާ ކަމަށް ބުނި
އޭނާ ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ދިން އެ ވަޒީފާގެ އިތުރުން ޕިކަޕު ދުއްވައިގެން ވެސް އޭނާއަށް ރަނގަޅު އާމްދަނީއެއް މިހާރު ލިބޭ ކަމަށެވެ. އެކަމަކު ލައިސަންސް ނެތުމުގެ ސަބަބުން އޭނާއަށް އިތުރަށް އެ ދުއްވޭކަށް ނެތެވެ. ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ ލައިސަންސް ލިބޭ ގޮތެއް ނުވި އެވެ.
"ލައިސަންސް ނަގަން ދިޔައިމައި ޓެސްޓުގައި އަޅުގަނޑު ބައިވެރިއެއް ނުކުރި. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި ޕިކަޕުގެ މަސައްކަތްތައް ކުރެވި، ކޮންޓްރޯލް ކުރެވެންޏާ ނުދުއްވެންވީ ސަބަބެއް ނެތް،" އަލީ ބުންޏެވެ.
"އެ މީހެއްގެ ގާބިލްކަން ހުރި މިންވަރަކުން ފުރުސަތު ދޭންވީ ނޫންތޯ."
އަލީ ބުނީ ނުކުޅެދުންތެރިކަން ހުއްޓަސް މަސައްކަތް ކުރާތީ މީހުން އޭނާ ބަލައިގަންނަ ކަމަށާއި އެކަމާ އޭނާ ވެސް އުފާ ކުރާ ކަމަށެވެ. އަދި އޭނާގެ ނަސޭހަތަކީ ވެސް، ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އާމްދަނީ ލިބޭ ފަދަ ކޮންމެވެސް މަސައްކަތެއްކޮށް ދިރިއުޅުން ބިނާ ކުރުމެވެ.
ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނާ އެކު އެމްޕީއެލް
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ ކުރި ދަތުރު
"ޒުވާނުން ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭ"
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖޮބްސެންޓަރު ހާއްސަ
ދިވެހިންނަށް އިންޒާރެއް: ފަރުވާކުޑަކުރެވޭނެ ކަމެއް ނޫން
އިތުރު ވަޒީފާތައް ގެއްލި، ކުދި ވިޔަފާރިތައް ފުނޑިދާނެ
ވަޒީފާގެ ބާޒާރުން ފެންނަނީ ހިތްހަމަޖެހޭ މަންޒަރެއް ނޫން
ވަޒީފާ ނެތި، މައިންބަފައިންގެ އެހީގައި އުޅޭ ޒުވާނުން!
އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ ބޮޑު ކަންބޮޑުވުމެއް
އެންމެ ޒުވާނެއްގެ ވާހަކަ: "ބޭބޭ 20ރ ދީ!"