Roadha Mihaaru
ރިލްވާންގެ މައްސަލާގައި ރައީސް ދޫދެއްވުމެއް ނެތް!

ރިލްވާންގެ މައްސަލާގައި ރައީސް ދޫދެއްވުމެއް ނެތް!

09 ސެޕްޓެމްބަރ 2019

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ދެ ޑްރާފްޓު ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު، ރައީސާ ހަވާލުކޮށްފަ އެވެ. އެއް ރިޕޯޓުގައި 62 ސަފްހާ ހިމެނޭ އިރު، ކޮމިޝަނުން އެންމެ ފަހުން ހަވާލުކުރީ 70 ސަފްހާގެ ރިޕޯޓެކެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަނެއް އެކުލަވާލި އެންމެ ބޮޑު މަގްސަދަކީ ގެއްލިފައިވާ ރިލްވާނަށް ވީގޮތެއް ހޯދައި، އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް، އެފަދަ ކަންކަން ހިންގިޔަ ނުދޭން ކުރަން ހުރި ކަންކަން ބަލައި، އެކަންކަން ހުއްޓުވުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިލްވާންގެ މައްސަލައިގައި ފަހަތަށް ޖެހުމެއް ނެތް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިލްވާންގެ މައްސަލައިގައި ފަހަތަށް ޖެހުމެއް ނެތް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އިސްކޮށް ހުންނެވި އެ ކޮމިޝަނުން މިހާތަނަށް އައި އިރު، ވަރަށް ބުރަ، ރަނގަޅު އަދި އުނދަގޫ މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރިލްވާންގެ މައްސަލަ ވީހާ ވެސް އަވަހަށް ބަލައި ނިމޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަން އާންމުވުމާ ގުޅިގެން އާއިލާގެ ފަރާތުންނާއި ރައްޓެހިންގެ ފަރާތުން ކަންބޮޑުވުންތައް ފާޅުކުރަމުންދާ ކަމަށެވެ. އެކަމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަން އެ މީހުން ފާހަގަ ކުރަމުންދާތީ ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތަކެއް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިލްވާނަށް ވީ ގޮތެއް ހާމަކުރުމަށް ގޮވާލާ ބަޔަކު އަޑު އުފުލަނީ: ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައި-- ފައިލް ފޮޓޯ: މިހާރު

ރިލްވާނަށް ވީ ގޮތެއް ހާމަކުރުމަށް ގޮވާލާ ބަޔަކު އަޑު އުފުލަނީ: ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައި-- ފައިލް ފޮޓޯ: މިހާރު

މަޝްވަރާތަކުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި އެމްއެންޑީއެފާއި ރިޔާސީ ކޮމިޝަން ހިމެނެ އެވެ. ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ތަހުގީގާ ގުޅިގެން ފިޔަވަޅުތައް އެޅެން އޮތީ ވެސް ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި އެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ކުރަން ޖެހޭ ކަންކަމަކީ ހުރިހާ މުއައްސަސާތަކާ ގުޅިފައި ހުރި ކަންކަން. އެއާ ގުޅިގެން ތަހުގީގަށް ހާޒިރު ކުރަން ޖެހޭ ފަރާތްތައް އެބަހުރި. ފުރުން މަނާ ކުރަން ޖެހޭ ފަރާތްތައް އެބަހުރި. ހައްޔަރު ކުރަން ޖެހިއްޖެ ނަމަ، ހައްޔަރު ކުރަން ޖެހޭ ފަރާތްތައް އެބަހުރި. މިކަންކަން ކުރެވެން އޮތީ ހުރިހާ މުއައްސަސާއެއް އެކުގައި މިކަން ކުރެވިގެން،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ބަންދު ކުރަން ޖެހޭ މީހެއް ހުރި ނަމަ، ބަންދުކޮށް ތަހުގީގު ކުރަން ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވެވުނު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ރިޕޯޓް ވީހާ ވެސް އަވަހަށް ފައިނަލް ކުރަން ރިޔާސީ ކޮމިޝަނުން އެއްބަސްވި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ތިޔަ ބޭފުޅުންނާއި ރިލްވާންގެ އާއިލާ އަށް ދަންނަވާލަން ބޭނުން ވަނީ މި ސަރުކާރުން، އަޅުގަނޑެއް ފަހަތަކަށް ނުޖެހޭނަން. މިތިބީ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން. އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" ޑްރާފްޓް ރިޕޯޓު ހިއްޕަވައިގެން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ދެ ގާނޫނަކަށް ބަދަލު ގެންނަން ޖެހޭ: ރައީސް

ރިލްވާން ގެއްލުވާލި މައްސަލައިގައި އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ އަށް އެޅުމަށް ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ، ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރުމެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހެނީ މިހާރު ގާނޫނު އޮތް ގޮތުން، އޭގެ އަސްލު ޓެރަރިސްޓުންނާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ހަމައަށް ދިއުމަށް ވުރެ ބޮޑަށް އެ ގާނޫނުގައި އެހެން ދިމާލަކަށް ދިއުމުގެ އަމާޒު ހިފާފައި އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ޓެރަރިޒަމް މާނަކޮށްދީ، އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހަ އިން ހައްޔަރު ކުރެވި، ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލު ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރިލްވާން މައްސަލައިގެ ތަފްސީލީ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ސުއޫދު (ވ) އަދި ކޮމިޝަންގެ މެމްބަރު މިސްބާހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރިލްވާން މައްސަލައިގެ ތަފްސީލީ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ސުއޫދު (ވ) އަދި ކޮމިޝަންގެ މެމްބަރު މިސްބާހު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހައްޔަރު ކުރަން ޖެހޭ މީހުން ބައި ތިއްބަން ވަކި މުއްދަތެއް އޮންނަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ކުށްވެރިވާ މީހާ އެންމެ ގިނަ ދުވަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓޭނީ ކިހާ މުއްދަތެއް ކަން ގާނޫނުން އެނގެން އޮންނަ ކަމަށެވެ.

ނަމަވެސް މިފަދަ ޓެރަރިޒަމްގެ ބޮޑު ކަމެއްގައި ހައްޔަރުކޮށް، އެ މީހުން އެއަށް ވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް އަތުވެދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ގާނޫނުގެ ތެރެއިން އެ ފުރުސަތު ފުލުހުންނާއި ކޯޓުތަކާއި ޕްރޮސެކިއުޓަ ޖެނެރަލަށް ލިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފިން. މިއަދު އެ ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އަޅުގަނޑާ ހިސާބަށް ގެނެވޭނެ ކަމަށް އަޅުގަނޑު ބަލަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ދެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތައް ރައްޔިތުންގެ މަޖިލިހަށް ފޮނުވުމުން، ވީހާ ވެސް އަވަހަކަށް ދެ ގާނޫނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށަން އެދިވަޑައިގެންފަ އެވެ.