Roadha Mihaaru
ފިހުނު މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން

ގޭސް ފުޅި ގޮވައިގެން ފިހުނު މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

15 ސެޕްޓެމްބަރ 2019

ނޯތު ހާބާރުގައި އޮތް ބޯޓެއްގައި މިދިޔަ ބުދަ ދުވަހު ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ތިން މީހަކަށް އައިޖީއެމްއެޗުން އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނޯތު ހާބާރުގައި އޮތް ބޯޓެއްގައި މިދިޔަ ބުދަ ދުވަހު ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ތިން މީހަކަށް އައިޖީއެމްއެޗުން އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ ފަރުވާ ދެމުން އަންނަ ތިން މީހުންގެ ހާލު ވެސް ސްޓޭބަލް ކަމަށެވެ.

އައްޑޫ މީދޫގެ ބޯޓެއް ކަމަށްވާ "ބެސްޓް ލައިން" ގައި ހިނގި މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވީ އުމުރުން 30-35 އަހަރާ ދެމެދުގެ ބަންގްލަދޭޝް ފިރިހެނެކަށެވެ. އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ފިހުނެވެ. އައިސީޔޫގައި ފަރުވާދެމުން އައި އެ މީހާ ހައިޑިޕެންޑެންސީ ވޯޑަށް މިއަދު ބަދަލުކުރާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ނޯތު ހާބާގައި އޮއްވައި، ގޭސް ފުޅިއެއް ގޮވައިގެން އަލިފާނުގެ ހާދިސާ ހިނގި ބޯޓު.---ފޮޓޯ: މިހާރު

ނޯތު ހާބާގައި އޮއްވައި، ގޭސް ފުޅިއެއް ގޮވައިގެން އަލިފާނުގެ ހާދިސާ ހިނގި ބޯޓު.---ފޮޓޯ: މިހާރު

މި ހާދިސާގައި އަނިޔާވި އެންމެންނަކީ ވެސް ބޯޓުގެ ފަޅުވެރިންނެވެ. ހާދިސާގައި އެ ބޯޓަކަށް ގެއްލުމެއް ނުވެ އެވެ.

ހަށިގަނޑުގެ 25-30 ޕަސެންޓާ ދެމެދުގެ ބައެއް ފިހުނު ދެ މީހުންނަކީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެ ދެ މީހުންނަށް ފަރުވާ ދެނީ ހައިޑިޕެންޑަންސީ ޔުނިޓުގަ އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ވިއްސަކަށް ޕަސެންޓް ފިހުނު ތިން ފިރިހެނުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ބޯޓުގެ ފަޅުވެރިން ބުނި ގޮތުގައި އަލިފާން ރޯވީ ގޭސް ލީކުވެގެންނެވެ.

ފުލުހުން ބުނާ ގޮތުގައި ބޯޓުގައި ހުރި ގޭސްފުޅިތަކުގެ ތެރެއިން 83 ފުޅިއަކުން ލީކުވި އެވެ. ހާދިސާ ހިނގި އިރު ގޭސްފުޅިތަކުގެ މަތީގައި ގިނަ އަދަދެއްގެ މުދާ ބަހައްޓާފައި ހުރި ކަމަށް ވެސް، ފުލުހުން ބުންޏެވެ.

ބެސްޓް ލައިން އަކީ އަައްޑު އާއި ހުވަދު އަތޮޅަށް މަހަކު ދެ ދަތުރު ކުރަމުން އަންނަ ބޯޓެކެވެ.