Roadha Mihaaru
ގޭސް ފުޅި ގޮވި ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

ގޭސް ފުޅިއެއް ގޮވި ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

12 ސެޕްޓެމްބަރ 2019

ނޯތު ހާބާރުގައި އޮތް ބޯޓެއްގައި ރޭ ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ބަންގްލަދޭޝްގެ މީހަކަށް ފަަރުވާ ދެމުން އަންނަނީ އައިސީޔޫގައި ބާއްވައިގެން ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނޯތު ހާބާރުގައި އޮތް ބޯޓެއްގައި ރޭ ގޭސް ފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ބަންގްލަދޭޝްގެ މީހަކަށް ފަަރުވާ ދެމުން އަންނަނީ އައިސީޔޫގައި ބާއްވައިގެން ކަމަށް، އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އިސްމާއިލް އަހްމަދު "މިހާރު" އަށް ވިދާޅުވީ އުމުރުން 30-35 އަހަރާ ދެމެދުގެ މީހާގެ ހަށިގަނޑުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ފިހިފައިވާ ކަމަށެވެ.

މި ނުރައްކާތެރި ހާދިސާ ހިނގީ އައްޑޫ މީދޫގެ ބޯޓެއް ކަމަށްވާ "ބެސްޓް ލައިން"ގަ އެވެ. އެ ބޯޓުގެ ވެރިޔާ އަހުމަދު ދީދީ ބުނީ އެންމެ ބޮޑަށް ޒަހަމްވި ފަޅުވެރިޔާގެ ހާލު ސީރިއަސް ކަމަށެވެ.

ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގީ ގޭސް ފުޅިއެއް ގޮވައިގެން ކަމަށް ފުލުހުން ބުނި ނަމަވެސް އަހުމަދު ބުނީ އެއްވެސް ގޭސް ފުޅިއެއް ގޮވާފައިނުވާ ކަމަށެވެ. އެކަމަކު އަލިފާން ރޯވީ ގޭސް ލީކުވުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގައި ބޯޓަށް ގެއްލުމެއް ނުލިބެ އެވެ.

އައްޑޫ މީދޫ "ބެސްޓް ލައިން" މާލޭގެ ނޯތު ހާބަރުގައި ބަނދަރުކޮށްފައި: މި ބޯޓުގައި ހުރި ގޭސްފުޅިއެއް ގޮވައިގެން ރޭ ހިނގި ހާދިސާގައި މީހެއްގެ ހަށިގަނޑުގެ 80 ޕަސެންޓު ވަނީ ފިހިފައި.---ފޮޓޯ: މިހާރު

އައްޑޫ މީދޫ "ބެސްޓް ލައިން" މާލޭގެ ނޯތު ހާބަރުގައި ބަނދަރުކޮށްފައި: މި ބޯޓުގައި ހުރި ގޭސްފުޅިއެއް ގޮވައިގެން ރޭ ހިނގި ހާދިސާގައި މީހެއްގެ ހަށިގަނޑުގެ 80 ޕަސެންޓު ވަނީ ފިހިފައި.---ފޮޓޯ: މިހާރު

ފިހިގެން އައިޖީއެމްއެޗަށް ގެންދިޔައީ މުޅިން ވެސް ފަޅުވެރިންނެވެ. އޭގެ ތެރެއިން 52 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ބަންގްލަދޭޝް މީހެއްގެ ހަށިގަނޑު 25-30 ޕަސެންޓް ފިހިފައިވެ އެވެ. އެ މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ ހައި ޑިޕެންޑެންސީ ޔުނިޓްގައި ބާއްވައިގެންނެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި އިތުރު ތިން ދިވެއްސަކަށް ވެސް އަންނަނީ ފަަރުވާ ދެމުންނެވެ. އެ މީހުންގެ ހަށިގަނޑުގެ ވިއްސަކަށް ޕަސެންޓް ފިހިފައިވެ އެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ދެ ދިވެއްސަކަށް ފަރުވާ ދިނެވެ. އެކަމަކު އެ މީހުންނަށް އެހެން އަނިޔާއެއް ލިބިފައި ނުވާތީ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ބޯޓުގައި ހުރި ގޭސްފުޅިތަކުގެ ތެރެއިން 83 ފުޅިއަކުން ލީކުވި އެވެ. ހާދިސާ ހިނގި އިރު ގޭސްފުޅިތައް މަތީގައި ގިނަ އަދަދެއްގެ މުދާ ބަހައްޓާފައި ހުރި ކަމަށް ވެސް، ފުލުހުން ބުންޏެވެ.

ބެސްޓް ލައިންއަކީ އަައްޑު އާއި ހުވަދު އަތޮޅަށް މަހަކު ދެ ދަތުރު ކުރަމުން އަންނަ ބޯޓެކެވެ. މި ހާދިސާ ހިނގީ އަންނަ ހޮނިހިރުދުވަހު ފުރަން ހަމަޖައްސައި، މުދާ ބަރުކަމުން ދަނިކޮށެވެ.