Roadha Mihaaru

ދީޕިކާ ޕަދްކޯންގެ މެންޓަލް ހެލްތު ފައުންޑޭޝަނުން ސިލްސިލާ ލެކްޗާތަކެއް ފަށައިފި

ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރަން މީގެ ހަތަރު އަހަރު ކުރިން، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އުފެއްދި ފައުންޑޭޝަން "ލިވް ލަވް، ލާފް ފައުންޑޭޝަން" ނަފުސާނީ އެކި ކަހަލަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ހާއްސަ ލެކްޗާ ސީރީޒެއް ފަށައިފި އެވެ.

ދީޕިކާގެ މެންޓަލް ހެލްތު ފައުންޑޭޝަނުން ލެކްޗާތަކެއް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

17 ސެޕްޓެމްބަރ 2019

ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރަން މީގެ ހަތަރު އަހަރު ކުރިން، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން އުފެއްދި ފައުންޑޭޝަން "ލިވް ލަވް، ލާފް ފައުންޑޭޝަން" ނަފުސާނީ އެކި ކަހަލަ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ހާއްސަ ލެކްޗާ ސީރީޒެއް ފަށައިފި އެވެ.

ނަފުސާނީ މައްސަލަތަކާ ގުޅޭ ތަޖުރިބާކާރުން ބައިވެރިކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތް އާދީއްތަ ދުވަހު ވަނީ ރަސްމީކޮށް ފަށައިފަ އެވެ. އެކަމަށް ބޭއްވި ހަފުލާގައި ދީޕިކާ ވެސް ބައިވެރިވި އެވެ.

އޭނާ ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ލެކްޗާ ސިލްސިލާގެ ދަށުން އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ނަފުސާނީ ބަލިތަކާ ބެހޭ ތަޖުރިބާކާރުން އިންޑިއާ އަށް ގޮސް، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި ހޭލުންތެރިކަން އުފައްދަން މަސައްކަތް ކުރާނެ ކަމަށެވެ.

"ނަފުސާނީ މައްސަލަތަކުން އަރައިގަތުމަށް އެންމެ މުހިއްމު ކަމަކީ އެކަމާ ބެހޭ ގޮތުން ވީހާ ވެސް ފުޅާކޮށް ވާހަކަ ދެއްކުން. އަަހަރެންގެ ފައުންޑޭޝަނުން ކުރަން ބޭނުންވާ ކަމަކީ އެއީ،" އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ބުންޏެވެ. "މި ފަހަކަށް އައިސް މެންޓަލް ހެލްތާ ބެހޭ ގޮތުން މީސްމީހުން ނުކުމެ ފާޅުގައި ވާހަކަ ދައްކާތަން ފެނުމަކީ ހަގީގަތުގައި ވެސް ވަރަށް އުންމީދީ މަންޒަރެއް. މިއީ ސިއްރުކޮށްގެން ތިބެންޖެހޭ ވަރަށް ވުރެ ސީރިިއަސް މައްސަލައެއް."

އޭނާ ބުނިގިތުގައި ލެކްޗާތަކުގައި ބައިވެރިވާ މީހުންނަށް ތަޖުރިބާކާރުންނާ ވާހަކަ ދައްކައި، ސުވާލުތަކަށް ޖަބާވު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެެ.

"ލިވް ލަވް، ލާފް ފައުންޑޭޝަން" އަކީ ގިނަ ދުވަސްތަކެއް ވަންދެން ދީޕިކާ އަމިއްލަ އަށް ތަޖުރިބާކުރަން ޖެހުނު ނަފުސާނީ މައްސަލަތަކާ ގުޅިގެން އެ ވާހަކަ ވަރަށް ފާޅުގައި މީޑިއާތަކުގައި ހިއްސާކުރުމަށް ފަހު، އެހީ ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އުފެއްދި ފައުންޑޭޝަނެކެވެ. އަދި އޭގެ ދަށުން އަންނަނީ އެކި ފެންވަރުގައި އެކި ކަހަލަ މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަ އެއް ޕްރޮގްރާމަކީ 2016 ގައި ފެށި "ޔޫ އާ ނޮޓް އެލޯން" އެވެ.