Roadha Mihaaru
ސީރިއާގެ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ ރަޝިޔާ

ސީރިއާގެ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނީ ރަޝިޔާ: އެމެރިކާ

21 ސެޕްޓެމްބަރ 2016

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ސީރިއާގައި އެހީ ހިފައިގެން ދިޔަ އދ. ގެ ވެހިކަލްތަކަށް ހަލަބު ސިޓީއާ ކައިރިން ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ރަޝިޔާ އިން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ސެޕްޓެމްބަރު 21) - ސީރިއާގައި އެހީ ހިފައިގެން ދިޔަ އދ. ގެ ވެހިކަލްތަކަށް ހަލަބު ސިޓީއާ ކައިރިން ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ރަޝިޔާ އިން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ވައިޓްހައުސް އިން ބުނީ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނުމަކީ "ބޮޑު އިންސާނީ މުސީބާތެއް" ކުރިމަތިކުރުން ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ބުނީ އެހީ ހިފައިގެން ދަތުރުކުރި ވެހިކަލްތަކަށް ދިން ހަމަލާ އަށް ރަޝިޔާގެ ހަނގުރާމަ މަތީ ދެ މަތިންދާ ބޯޓުން ޒިންމާވާން ޖެހޭނެ ކަމަށެވެ.

އެކަމަކު ރަޝިޔާ އިން ބުނެފައި ވަނީ އެހީގެ އެއްވެސް ވެހިކަލަކަށް އެ ގައުމުން ނުވަތަ ސީރިއާގެ މަތިންދާ ބޯޓަކުން ވެސް ހަމަލާ ނުދޭ ކަމަށެވެ. އަދި ވެހިކަލްތަކަށް ދީފައި ވަނީ ވައިގެ ހަމަލާތަކެއް ނޫން ކަމަށާއި އެއީ ބިން މަތިން ދިން ހަމަލާތަކެއް ކަމަށް ރަޝިޔާ އިން ބުނެފައިވެ އެވެ.

"ވެހިކަލްތަކަށް ހަމަލާ ދިން ތަނުގައި ވަޅުގަނޑެއް ވެސް ނެތް ހެދިފައެއް. އަދި ބޮން އަޅައިގެން ލިބޭ ކަހަލަ ގެއްލުމެއް ވެހިކަލްތަކަށް ލިބިފައެއް ވެސް ނުވޭ،" ރަޝިޔާގެ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ބުނީ އެމެރިކާ އިން ދައްކާ ވާހަކަތަކުގައި އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އެކަމަކު އެމެރިކާގެ އޮފިޝަލަކު ބުނީ ރަޝިޔާގެ އެސްޔޫ-24 މަރުކާގެ ދެ މަތިންދާ ބޯޓު ވަނީ އެހީގެ ވެހިކަލްތަކަށް ހަމަލާ ދިނުމުގައި ބައިވެރިވެފައި ކަމަށެވެ. އަދި އެއީ ސީރިއާ ސިފައިންނަށް ދެވޭ ވަރުގެ ހަމަލާއެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެހީ ހިފައިގެން ދަތުރުކުރި 31 ވެހިކަލުގެ ތެރޭން 18 ވެހިކަލަށް ވަނީ ހަމަލާ އަރައިފަ އެވެ. ހަމަލާގައި ވަނީ 20 އޮފިޝަލުން މަރުވެފަ އެވެ. އޭގެ ތެރޭގައި ސީރިއަން އަރަބި ރެޑް ކްރެސެންޓުގެ ސީނިއާ އޮފިޝަލުން ވެސް ހިމެނެ އެވެ.

ހަމަލާއާ ގުޅިގެން އދ. އިން ވަނީ ސީރިއާ އަށް ފޮނުވާ އެހީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.