Roadha Mihaaru
ފެލިވަރު ފެށީ ވެސް 50 ޓަނުން، އަދިވެސް 50 ޓަނު!

ފެށީ ވެސް 50 ޓަނުން، އަދިވެސް 50 ޓަނު: ލިބުނު ކުރިއެރުމެއް ނެތް!

18 ސެޕްޓެމްބަރ 2019

ބަނދަރު ފުރިފައި އޮތީ ކިއޫގައި އަޅާފައި ހުރި ބިޔަ މަސްދޯނިފަހަރުންނެވެ. މަސްވެރިންގެ ހިތްހަމަނުޖެހުންތައް އޭރު ވެސް ދިޔައީ ފާޅުކުރަމުންނެވެ. މަސް ނުކުރި ގިނައިރު އޮންނަން ޖެހުމާއި ބޭނުންވާ ވަރަށް އައިސް ނުލިބުން ފަދަ ޝަކުވާތަކެވެ. އެކަމަކު މިފްކޯ އިން ހިންގަމުން އަންނަ ޒަމާންވީ ފެލިވަރު މަސް ފެކްޓަރީ އޭރު އޮތީ ފުރިފަ އެވެ. މަސް ގަތުން ކޮންޓްރޯލްކޮށްފަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފެލިވަރުން ފާތިމަތު ޝަނާ މުހައްމަދު

ބަނދަރު ފުރިފައި އޮތީ ކިއޫގައި އަޅާފައި ހުރި ބިޔަ މަސްދޯނިފަހަރުންނެވެ. މަސްވެރިންގެ ހިތްހަމަނުޖެހުންތައް އޭރު ވެސް ދިޔައީ ފާޅުކުރަމުންނެވެ. މަސް ނުކުރި ގިނައިރު އޮންނަން ޖެހުމާއި ބޭނުންވާ ވަރަށް އައިސް ނުލިބުން ފަދަ ޝަކުވާތަކެވެ. އެކަމަކު މިފްކޯ އިން ހިންގަމުން އަންނަ ޒަމާންވީ ފެލިވަރު މަސް ފެކްޓަރީ އޭރު އޮތީ ފުރިފަ އެވެ. މަސް ގަތުން ކޮންޓްރޯލްކޮށްފަ އެވެ.

ރާއްޖޭގެ މަސް އޮޑިވެރިން މަސް ދޯނިތަކަށް ޒަމާނީ ބަދަލުތައް ގެނެސްފި އެވެ. ދޯނިތައް ބޮޑުވެ، މަސް ބާނަން ނުކުންނަ ސަރަހައްދު ފުޅާކޮށްފި އެވެ. ރައްކާކުރެވޭ މަހުގެ އަދަދު ގިނަކޮށްފި އެވެ. އެކަމަކު މަސްވެރިކަން ތިޔާގިވާ ކޮންމެ ދުވަސްވަރެއްގައި ވެސް، ފެކްޓަރީތައް ފުރި، މަސްވެރިންގެ އަތުން މަސް ގަތުމުގައި ކޮންޓްރޯލް ބޯޑު އަޅުވާލަ އެވެ.

މިއީ އެކަހަލަ ދުވަސްވަރެކެވެ. މިފްކޯއާ ހަވާލުވެފައިވާ އެސްޓީއޯ އިން ނޫސްވެރިންގެ ޓީމެއް އިއްޔެ ފެލިވަރަަށް ގެންދިޔައީ، ހާލަތު ދައްކާލުމަށެވެ. ފެނުނީ ތަރައްގީއެއް ނެތް ފެކްޓަރީއެކެވެ.

ފެލިވަރު ފެކްޓަރީގެ އުމުރުން 40 އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު އިމާރާތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ދިވެހި ސަރުކާރާއި ޖަޕާނު ކުންފުންޏެއް ކަމަށް ވާ ނިޕޮން ސުއިޒާން ކައިޝާ ލިމިޑެޓް ގުޅިގެން 1978 ގައި އުފެއްދި ފެކްޓަރީން ދައްކައިދެނީ، ނިމިދިޔަ އެއްވެސް ސަރުކާރަކަށް، ރާއްޖޭގެ މަސްވެރިންގެ ކުރިއެރުމާ އެއްވަރުގެ ހައްލެއް އެތަނަށް ހޯދައިދެވިފައި ނުވާ މަންޒަރެވެ.

ފެލިވަރު މަސް ފެކްޓަރީއަށް މަސް ގެންދަނީ: ފުރިހަމަ ކެޕޭސީޓީއެއް ނެތް -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ފެލިވަރު މަސް ފެކްޓަރީއަށް މަސް ގެންދަނީ: ފުރިހަމަ ކެޕޭސީޓީއެއް ނެތް -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޖަޕާން ކުންފުނި ފޮނުވާލުމަށް ފަހު ސަރުކާރުން 1982 ގައި ފެލިވަރާ ހަވާލުވެ، ދުވާލަކު 50 ޓަނުގެ މަސް ދަޅުގައި ބަންދުކުރުމުގެ ކެޕޭސިޓީ ހޯދި ގޮތަށް އަދިވެސް ހިންގަމުން އަންނަނީ އެ ފެންވަރުގަ އެވެ.

ފެކްޓަރީގައި ކޮލިޓީ ކޮންޓްރޯލު ކުރުމާއި ފެންވަރު ހިފެހެއްޓުމަށް ހާއްސަ އުސޫލުތަކެއް ހަމަޖައްސާފައި އޮތަސް، މަސައްކަތް ފުޅާކޮށް، ތަނަށް ޒަމާނީ ތަރައްގީއެއް ގެނެވޭ ވަރަށް މިފްކޯއަށް ހިންދެމިލެވިފައެއް ނުވެ އެވެ.

މެއިންޓަނަންސް ހަރަދު ބޮޑު

ފެލިވަރު ފެކްޓްރީގެ މަސައްކަތް މަސް ސާފުކުރާ ބަޔަށް ވަންއިރު ފިލިޕީންސްގެ 100 އެއްހާ އަންހެން މުވައްޒަފުން ތިބީ ބިޒީކޮށް، މަސައްކަތުގަ އެވެ. ދުވާލަކު ގާތްގަނޑަކަށް 50 ޓަނުގެ މަސް އެމީހުން ސާފުކޮށް، ފަޅުގައި ބަންދުކުރަން ޖެހޭ މަސްތައް ވަކިކުރެ އެވެ.

ފެލިވަރުގައި މަސް ދޯންޏަކަށް އައިސް އަރުވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފެލިވަރުގައި މަސް ދޯންޏަކަށް އައިސް އަރުވަނީ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިތަނުގެ އެކި ވަޒީފާތަކުގައި އުޅޭ 390 މުވައްޒަފުންގެ ތެރެއިން 70 ޕަސެންޓަކީ ދިވެހިންނެވެ. ޓޮޕް މެނޭޖްމެންޓުގައި ވެސް އިސްކޮށް އުޅެނީ ހުސް ދިވެހިންނެވެ. ބިދޭސީން ގިނައިން ހަރަކާތްތެރިވަނީ މަސް ސާފުކުރުމާއި، އެކަހަލަ ބައެއް ކަންކަމުގަ އެވެ.

މި ހުރިހާ މުވައްޒަފުން، ދިވެހި މަސްވެރިކަމުގެ އެންމެ މަޝްހޫރު ބްރޭންޑް ދަމަހައްޓަން މަސައްކަތްކުރަމުން އަޔަސް އިމާރާތް ބާވުމާއި މެޝިނަރީތަކަށް ގިނަ ދުވަސްވުމުން މެއިންޓެނެންސަށް ކުރަން ޖެހޭ ހޭދަ ބޮޑެވެ. މިހާރު ހުރި ހާލަތުގައި ވެސް ތަނުގެ އުފެއްދުންތެރިކަން އޭގެ އެންމެ މަތީ ކެޕޭސިޓީގައި ކުރިއަށް ގެންދެވެނީ، ނޫސްވެރިންނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މުވައްޒަފުންގެ ހިތްވަރުންނެވެ.

މަސް ފެކްޓްރީގައި މަސް ކެނޑުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ:ހުސައިން ވަހީދު/މިހާރު

މަސް ފެކްޓްރީގައި މަސް ކެނޑުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ:ހުސައިން ވަހީދު/މިހާރު

ފެލިވަރު މަސް ފެކްޓްރީ ސަރުކާރުން އަލުން ހުޅުވި އިރު ވެސް ދުވާލަކު ބަންދުކުރެވެނީ 50 ޓަނުގެ މަހެވެ. މިހާރު ވެސް ހަމަ އެ ފެންވަރުގަ އެވެ.

ފެކްޓަރީއަށް ބޭނުންވާ މަސް ތާޒާ ކަންމަތީ ބަހައްޓަން ހަދާފައި ހުރި އައިސް ސްޓޯރޭޖް ފުލް ކެޕޭސިޓީގައި ހިންގޭ ގޮތެއް ނުވެ އެވެ. މަސް ރައްކާކުރަން ބޭނުންވާ ގިނަ މެޝިނަރީތަކެއް ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެހެންކަމުން އެތަނުގެ ކެޕޭސިޓީއަކީ 750 ޓަނު މަސް ކަމަށް ވިޔަސް މިހާރު އެތަނުގައި އެއްފަހަރާ ރައްކާކުރެވެނީ 600 ޓަނުގެ މަހެވެ.

މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ތިޔާގި މަސްވެރިކަމުގައި، ފެކްޓަރީގެ އެ ކެޕޭސިޓީ އެންމެ ދުވަހަކުން ވެސް ފުރެ އެވެ. އެހާ ހިސާބުން ޖެހޭނީ މަސް ގަތުން ކޮންޓްރޯލްކުރާށެވެ.

ނޫސްވެރިންނާ އެކު ފެލިވަރަށް ވަޑައިގެންނެވި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މަސް ފެކްޓްރީގެ ހަލާތު ހުރީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. އަދި އެއީ ކުއްލިއަކަށް ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ފެލިވަރުގައި މަސް ރައްކާކުރާ ސްޓޯރޭޖް: ތަން ވަނީ ފުރިފައި -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ފެލިވަރުގައި މަސް ރައްކާކުރާ ސްޓޯރޭޖް: ތަން ވަނީ ފުރިފައި -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އޭނާ ގަބޫލުކުރައްވާ ގޮތުގައި ފެލިވަރަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މާ ބޮޑު ޕްލޭނެއް ނެތުމެވެ. އެހެންކަމުން ދޭތެރެއަކުން ޖެހޭ މައްސަލަތަކަށް ހޯދާފައި ހުރީ ހަރަދު ކުޑަ ވަގުތީ ހައްލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަމްރު ސިފަކުރެއްވި ގޮތުގައި މިހާރު ތަނުގެ ހާލަތު ހުރީ ވަގުތީ ހައްލުތަކެއް ވެސް ނުގެނެވޭނެ ފެންވަރުގަ އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މަސްވެރިކަން ރަނގަޅު މި ދުވަސްވަރު ވެސް މަސްވެރިން ބާނާ މަސް އެއްވެސް ކޯޓާއެއް ނެތި ކިރޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ. ނަމަވެސް މަސްވެރިން ބޭނުންވާ އެންމެ އަވަހަށް އެކަން ކުރަން ދަތިތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.

"ރަނގަޅު މަސްވެރިކަމެއް ދިމާވި މި ދުވަސްވަރު އެއްވެސް ތަނެއްގައި އެވަރުގެ ކެޕޭސިޓީއެއް ވެސް ނެތް. ހުރި ބައެއް ފެސިލިޓީތައް ވެސް ހުރީ ހަލާކުވެފައި. ކޭނަރީ އަކީ ވެސް 1986 ވަނަ އަހަރު ހަދާފައި ހުރި ތަނެއް،" އަމްރު ވިދާޅުވި އެވެ.

މަސްވެރިންޓަކައި ފެލިވަރުގެ މަސައްކަތް މި ދުވަސްވަރު ވަނީ، ލެވެން އޮތް އެންމެ މަތީ ސްޕީޑަށް ލައިފަ އެވެ. އެއް ފަހަރާ އެތަނަށް ކިރެނީ ދުވާލަކު 100 ޓަނު ނަމަވެސް، މިފްކޯގެ އެހެން ބޯޓުފަހަރު ގެނެސް، ދުވާލަކު 200 ޓަނުގެ މަސް ކިރަ އެވެ.

ފެލިވަރުގައި 100 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް އޮވެ އެވެ. އެކަމަކު އެ ބޯޓަށް ވެސް ގިނަ ދުވަސް ވެ، ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ. އެހެންކަމުން މިހާރު ބޯޓުގައި ރައްކާކުރެވެނީ 30 ޓަނުގެ މަހެވެ.

އިތުރު މަސް ފެކްޓަރީއެއް ބޭނުން

އަމްރު ވިދާޅުވި ގޮތުގައި މަސްވެރިން ބާނާ މަސް ގަތުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރަން އިތުރު މަސް ފެކްޓްރީއެއް ވަރަށް އަވަހަށް ބޭނުންވެ އެވެ. އޭނާ މިސާލު ދެއްކެވީ 100 ޓަނުގެ މަސް ބޭނޭ ވަރަށް ރާއްޖޭގެ މަސްދޯނިފަހަރު ބޮޑުވި އިރު ފެލިވަރުގެ ކެޕޭސިޓީ އެއަށް ވުރެ ވެސް ދަށަށް ގޮސްފައި ވާތީ، އެ ހަގީގަތުންނެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވެސް ނޫސްވެރިންނާ އެކު ހުންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަން ހާއްސަ އިސްކަމެއް އަންނަނީ ދެމުންނެވެ.

މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅުވީ ދުވަސްވަރެވެ. އެހެންކަމުން މަސް ކިރުމުގެ ގާބިލްކަން މިފްކޯގައި ނެތުމުން މަސްވެރިން އަންނަނީ އެމީހުންގެ ޝަކުވާތައް އޮއްސަމުންނެވެ.

"ސަރުކާރާއި އެސްޓީއޯއާ އެކު ވެސް އަޅުގަނޑުމެން ޕްލޭންތަކެއް އެބަ ހަދަން. އިރާދަކުރެއްވިޔާ ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެ،" ފައުޒީ ވިދާޅުވި އެވެ.

"މިކަން ކުރުމަށް ވަގުތު ނަގާނެ. ހައްލު ގެންނަން ފަންޑު ވެސް ބޭނުންވޭ."

މިހާރު އޮތް ވަރުގެ ތިޔާގި މަސްވެރިކަމަކާ ކުރިމަތިލާ ކޮންމެ ފަހަރަކު ހެން، މިހާރުގެ މައްސަލަތައް ކުރިމަތިވެ، ސަރުކާރު ވެސް ޕްރެޝަރަށް ވެއްޓެ އެވެ. އެކަމަކު އެއްވެސް ސަރުކާރަކަށް ދާއިމީ ހައްލެއް ގެނެސްދެވިފައެއް ނުވެ އެވެ. އެކަން ކުރަން މިހާރު ޖެހިފައި މި އޮތީ މިހާރުގެ ސަރުކާރަށެވެ. އަދި ސަރުކާރުގެ ކުންފުނި އެސްޓީއޯއަށެވެ.