Roadha Mihaaru
ކުއްލި މަރުތަކުގެ ސަބަބު ހޯދޭތަ؟

ކުއްލި މަރުތަކުގެ ސަބަބު ހޯދޭތަ؟

20 ސެޕްޓެމްބަރ 2019

"ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ!"

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

"ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ!"

މިއީ މިހާރު އާންމުވަމުން ދާ ހެޑްލައިނެކެވެ. ކައިރިކައިރީގައި މިފަދަ ކަންކަން އެބަ ހިނގަ އެވެ. ހާއްސަކޮށް ގޮތް ނޭނގޭ މަރުތަކުގައި ޒުވާނުން މަރުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. ސަބަބެއް ކަމަށް ގިނައިން ބުނަނީ ގުދުރަތީ މަރެއް ކަމަށެވެ. އެކަން ކުރިމަތިވި ސަބަބު ރަނގަޅަށް ބެލިފައެއް ނުވެ އެވެ.

ޑަބްލިޔުއެޗްއޯ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު ރާއްޖޭން 81 ޕަސެންޓް މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގަ އެވެ. ހާއްސަކޮށް ޒުވާން އުމުރުގައި ބޮޑެތި ބަލިތައް ޖެހުމާއި މީހުން މަރުވުން ކުރިއާ ބަލާއިރު ބޮޑުތަން އާންމުވެއްޖެ އެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކާއި ނުރަނގަޅު އާދަތަކާ ގުޅިފައިވާ ކަންކަން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެނާޖީ ޑްރިންކް ބުއިން އިތުރުވުމަކީ، ބޮޑު ދިރާސާއެއް އަދި ހެދިފައި ނެތަސް، އޭގެ ސަބަބުތައް ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު މިފަދަ މައްސަލަތައް ގައުމީ ފެންވަރެއްގައި ބަލައި ތަހުގީގު ކުރެ އެވެ. ބޭނުމަކީ އެފަދަ ކަންކަން ދިމާވާ ސަބަބު ހޯދައި އެކަންކަން ތަކުރާރުވިޔަ ނުދިނުމެވެ. ފުއްޕާމޭގެ ކެންސަރު އާންމުވެ ޒުވާނުން މަރުވަމުން ދާތީ ވަރަށް ފަހުން ވެސް އދ. އިން ވަނީ ދިރާސާއެއް ހަދާފަ އެވެ. އެކަން އާންމު ވަމުން ދަނީ އީ-ސިގިރޭޓް ނުވަތަ ވޭޕް ކުރުން އިތުރުވާތީކަން، އެ ދިރާސާގެ އަލީގައި، ވަނީ ދެނެގަނެވިފަ އެވެ. އަދި އެކަން ހުއްޓުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްތައް ވެސް ފަށައިފި އެވެ. އެންމެ ފަހުން އިންޑިއާގައި ވެސް އީ-ސިނގިރޭޓް ވަނީ މަނާކޮށްފަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް

ދިރާސާތައް ހެދުމުގެ މުހިންމު ކަމަކީ އޭގެ ނަތީޖާއަށް ބަލައި ސިޔާސަތުތައް ކަނޑައަޅައި، އެ ތަންފީޒުކުރުމެވެ. ދިރާސާގެ އަލީގައި މައްސަލަތައް ދެނެގަނެވުމުން އެ ކަންކަމަށް އާންމުން ހޭލުންތެރިކުރަން ފެށެ އެވެ. މީޑިއާ އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ނުރަނގަޅު އާދަތަކަށް މީހުން އެލާޓް ކުރެވެ އެވެ. ނަތީޖާއަކީ ދިމާވަމުން އައި މައްސަލަތައް ހައްލުކުރެވުމެވެ.

ދިރާސާ ކުރުމުގައި ރާއްޖެ ފަހަތުގައި

ދިރާސާކުރުމުގެ ސަގާފަތެއް ރާއްޖޭގައި އަދި މާ ފުޅާކޮށް ނެތެވެ. އަދި އެކަށީގެންވާވަރުގެ ދިރާސާތައް ކުރުމުގައި ދަތިތައް ވެސް ގިނަ އެވެ. ފައިސާ އާއި ވަސީލަތްތަކެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި ކުއްލި މަރުތަކުގެ ހަގީގަތް ހޯދުމަށް ވެސް ރާއްޖޭގައި ގިނަ ދަތިތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު ދައްޗަކީ އެފަދަ މަރުތަކުގެ ހަގީގަތް ހޯދޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށް ވާއިރު އެކަން ރާއްޖޭގައި އަދި ނުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޯސްޓްމޯޓަމް ނުހަދާ ނަމަ ސީދާ އެވީ ކިހިނެއްކަން ބުނަން ދަތި. ދެން ޖެހެނީ ބައެއް ސަބަބުތަކަށް ބަލައި ވަކި ގޮތެއް ކަނޑައަޅަން. ސީދާ އެއްޗެއް ބުނަން ނޭނގޭނެ ޕޯސްޓްމޯޓަމް ނުހަދާ ނަމަ،" އަފްއާލް ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެފަދަ ދިރާސާތަކުގައި ގިނަ ބައެއްގެ މައުލޫމާތު އެއްކުރެ އެވެ. އެ މީހުންގެ އުމުރާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައިގެންނެވެ. ކެއިންބުއިމާއި ކުރާ ކަންކަން ވެސް ދިރާސާކޮށް ބަލައިގެންނެވެ. ބައެއް ބޮޑެތި ބަލިތައް އާންމުވުމުން ވެސް އެގޮތަށް ދިރާސާތައް ކުރެ އެވެ. އޭރުން ގިނަ ކަންތައްތަކެއް ދެނެގަނެވެ އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ދިރާސާތައް ހަދާފައިވަނީ ވަރަށް މަދުންނެވެ.

ބަލިމީހަކަށް އެމަޖެންސީގައި ފަރުވާ ދެނީ: ޅައުމުގައި ބޮޑެތި ބަލިތައް ޖެހުމާއި މަރުވުން އިތުރު---

ބަލިމީހަކަށް އެމަޖެންސީގައި ފަރުވާ ދެނީ: ޅައުމުގައި ބޮޑެތި ބަލިތައް ޖެހުމާއި މަރުވުން އިތުރު---

ރާއްޖޭގައި އުފަންވާ މީހުންނާއި މަރުވާ މީހުންގެ ރެކޯޑް، ވަރަށް ކުރިންސުރެ، ބަލަހައްޓަ އެވެ. މަރުވާ މީހުން މަރުވި ސަބަބު، އެނގޭ ނަމަ، ރެކޯޑް ކުރެ އެވެ. ނަމަވެސް ސަބަބު ހޯދަން މާ ގިނަ މަސައްކަތްތަކެއް ނުކުރެވޭތީ ގިނަ ފަހަރަށް ނިންމަނީ "ގުދުރަތީ މަރެއް" ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަ ޖެނެރަލް، އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވި ގޮތުގައި މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމުގެ ތެރޭގައި ފާހަގަވާ ސަބަބުތަކަށް ބަލައި ކަންކަން އިސްލާހު ކުރަމުން މިހާރު ވެސް ގެންދެ އެވެ.

"އެގޮތަށް ބެލޭތީ އެބަ އެނގޭ 75 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަން. އެ މައުލޫމާތު ބޭނުން ކުރޭ ޕޮލިސީ މޭކް ކުރަން،" ނިޝާން ވިދާޅުވި އެވެ.

ނަމަވެސް ސުވާލަކީ ޒުވާނަކު ރަނގަޅަށް ހުރެފައި ހަމަ ކުއްލިއަކަށް މަރުވުން ފަދަ، ހާދިސާތަކުގެ މައުލޫމާތު ނަގައި، ރައްކާކުރޭތޯ އެވެ؟ އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތާ ބެހޭ އެއްވެސް ސުވާލެއް، އާއިލާ، ނުވަތަ ރައްޓެހިންނާ ވެސް ކުރޭތޯ އެވެ. ހޮސްޕިޓަލްތަކުގައި އެ ބައެއްގެ މައުލޫމާތު ހުރި ނަމަ، އެ ހުރިހާ މައުލޫމާތެއް އެއްކޮށްގެން މައްސަލަ ދެނެގަތުމުގެ އެއްވެސް ކަމެއް ހިނގާތޯއެވެ؟

ކުއްލި މަރުތައް ރާއްޖޭގައި އިތުރުވާ ނިސްބަތަށް ބަލާ ނަމަ އާ ސިޔާސަތެއް ކަނޑައަޅަން އެކަށީގެންވާ ތެދު މައުލޫމާތު، ސިޔާސަތު ރާވާ ހިންގާ ވެރިންގެ މޭޒު މަތީގައި ހުންނާނެ ކަމަކަށެއް ނުބެލެވެ އެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ދިވެހިންނަށް ދިމާވާ އެފަދަ މައްސަލަތައް ހައްލުކުރެވޭނީ އެކަށީގެންވާ ދިރާސާތަކެއް ހެދިގެންނެވެ. އޭގެ މައްޗަށް ސިޔާސަތުތައް ބައްޓަން ކުރެވިގެންނެވެ. އެހެންކަމުން ސިއްހީ ދާއިރާއިން ދިރާސާތައް ހަދަމް އިސްކަން ދޭން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި ބަލިތަކާއި ކުއްލި މަރުތަކުގެ ފަހަތުގައި ގައިމު ވެސް ގިނަ ސަބަބުތަކެއް ވާނެ އެވެ. ހެދޭ ގޯސްތަކެއް ވާނެ އެވެ. އެކަންކަން އެނގޭނީ ރަނގަޅު ދިރާސާއެއްކޮށް ބެލީމަ އެވެ. އެޅޭނެ ފިޔަވަޅެއް ވެސް އެނގޭނީ އޭރުންނެވެ. ހާލަތު އެންމެ ގޯސްކޮށް ތިބި މީހުން ކަނޑައެޅޭނީ ވެސް އޭރުންނެވެ.