Roadha Mihaaru
ކުއްލި މަރުތަކުގެ ފަހަތުގައި ކޮން ކަމެއް؟

ކުއްލި މަރުތަކުގެ ފަހަތުގައި ކޮން ކަމެއް؟

04 ފެބުރުއަރީ 2018

ހދ. ނޮޅިވަރަންފަރުގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު، ކުޅެ ނިންމިތާ އިރުކޮޅެއްގެ ތެރޭގައި މެ އަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް މަރުވި ޚަބަރު މިދިޔަ މަހު ނޫހުގައި ޖެހި އެވެ. ހަމަ އެ ދުވަހު އައްޑޫގައި ކަސްރަތު ކުރަން ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން މީހަކު މަރުވެފައިވެ އެވެ. އޮކްޓޯބަރު މަހު ފުޓްބޯޅަ ކުޅެ ނިންމާފައި މޫދަށް އެރުނު މ. މުލީ ޒުވާނަކު މަރުވީ މެޔަށް އެރި ތަދަކަށް ފަހު އެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު، ފުޓުބޯޅަ ކުޅެން ހުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފަކު ވެސް ވަނީ މަރުވެފަ އެވެ. ކުއްލި މަރުގެ މި ނޫން ވެސް ކިތަންމެ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ހދ. ނޮޅިވަރަންފަރުގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު، ކުޅެ ނިންމިތާ އިރުކޮޅެއްގެ ތެރޭގައި މެ އަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް މަރުވި ޚަބަރު މިދިޔަ މަހު ނޫހުގައި ޖެހި އެވެ. ހަމަ އެ ދުވަހު އައްޑޫގައި ކަސްރަތު ކުރަން ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން މީހަކު މަރުވެފައިވެ އެވެ. އޮކްޓޯބަރު މަހު ފުޓްބޯޅަ ކުޅެ ނިންމާފައި މޫދަށް އެރުނު މ. މުލީ ޒުވާނަކު މަރުވީ މެޔަށް އެރި ތަދަކަށް ފަހު އެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު، ފުޓުބޯޅަ ކުޅެން ހުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފަކު ވެސް ވަނީ މަރުވެފަ އެވެ. ކުއްލި މަރުގެ މި ނޫން ވެސް ކިތަންމެ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ.

ބައްޔެއްގެ އިންޒާރެއް ނުލިބި ޒުވާން އުމުރުގައި ކުއްލިއަކަށް މަރުވުން ރާއްޖޭގައި އާއްމުވަމުން ދާކަން މި ހާދިސާތަކުން އެނގޭ އިރު މީގެ އަސްލު ދެނެގަނެވިފައި ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޚާއްސަކޮށް، ފުޓްބޯޅަ ކުޅެނިކޮށް ނުވަތަ އެ ނޫން ވެސް ކަމެއްގައި ބޮޑަށް ހެލިފެލިވެ އުޅުމުގެ ތެރޭގައި މަރުވުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ހެއްޔެވެ؟

އެކަން ސީދާ އެނގޭނެ ދިރާސާއެއް ހަދާފައެއް ނެތެވެ. އެކަމަކު ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މައްސަލައަކީ ދެ އެއްޗެއް އާއްމުވުމެވެ؛ އެއީ ދުންފަތާއި އެނާޖީ ޑްރިންކެވެ.

"މި ފަހުން ރާއްޖޭގައި ހިނގި ކަސްރަތާ ގުޅުން ހުރި ކުއްލި މަރުގެ ގިނަ ހާދިސާތަކުގައި މަރުވެފައި ވަނީ ގަދަޔަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ނުވަތަ އެ ހާދިސާ ހިނގުމުގެ ވަގުތުކޮޅެއް ކުރިން އެނާޖީ ޑްރިންކް ބޭނުންކޮށްފައިވާ މީހުން،" ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ ވައިސް ޗެއާޕާސަން އަދި އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ހިތުގެ ބަލި ފަދަ ސިއްހީ ނުރައްކާތަކުގެ ތެރޭގައި އުޅޭ މީހުންނަށް ކަސްރަތު ނުވަތަ ޖިސްމާނީ ހަރަކާތްތެރިކަމަކީ މަރުގެ އެތިފަހަރަކަށް ބައެއް ފަހަރު ވެގެންދެ އެވެ. އަރޫނާ އޮޅުންފިލުވައިދެއްވި ގޮތުގައި އެފަދަ ހާދިސާތަކުގައި މަރުގެ އަސްލަކީ ކަސްރަތު ނުވަތަ ފުޓްބޯޅަ ކުޅުމެއް ނޫނެވެ؛ ސިނގިރޭޓް ބުއިން ފަދަ ކަންކަމެވެ. އެފަދަ މީހުންނަށް ކަސްރަތު ވެގެން ދަނީ މަރުގެ "ޓްރިގާ"އަކަށެވެ.

"ކުއްލިއަކަށް މަރުވުމަށް އެންމެ އާއްމުކޮށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ދުންފަތާއި އެނާޖީ ޑްރިންސް އަދި ޑްރަގްސް ބޭނުންކުރުން ހިމެނޭ،" އަރޫނާ ވިދާޅުވި އެވެ.

"ދުންފަތަކީ ވަރަށް ބޮޑު ސަބަބެއްކަން އެނގެން އެބަ އޮތް. އަދި އެނާޖީ ޑްރިންކްސްގައި ވަރަށް މަތީ އަދަދަކަށް މި އެކުލެވޭ ކެފެއިންއަކީ ވެސް (ކުއްލިއަކަށް މަރުވުމުގެ) ފުރުސަތު ވަރަށް ބޮޑުކޮށްފާނެ އެއްޗެއް، އެއިން ހިތަށާއި ލޭހޮޅިތަކަށް ކުރުވާ ކެމިކަލް އަސަރުތަކުގެ ސަބަބުން."

އޭގެ މިސާލުތައް ބައެއް ހާދިސާތަކުން އަރޫނާ ދެއްކެވި އެވެ.

އއ. އަތޮޅުގައި މަރުވި ޒުވާނަކު ގަދަޔަށް ސިނގިރޭޓާއި އެނާޖީ ޑްރިންކް ބޮއެ އުޅުނުކަން އަދި ކުރިން މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ އިރު އޭނާ މަރުވުމުގައި އެ ތިން ކަންތައް އެކުލެވިގެންވުން އެކަށީގެންވާ ކަމަށް އަރޫނާ ގަބޫލުކުރައްވަ އެވެ. އޭގެ އިތުރުން ސާޅީހުގެ އަހަރުތަކުގެ ކުރީކޮޅު ކުއްލިއަކަށް މަރުވެފައިވާ ފިރިހެނުންގެ ތެރެއިން ގިނަ ބަޔަކު ގަދަޔަށް ދުންފަތުގެ އިސްތިއުމާލުކޮށް އުޅުނުކަން އެނގެ އެވެ. އަދި ދިރާގު ރޯޑް ރޭސްގައި 2014 ވަނަ އަހަރު ދުވަނިކޮށް ސްޓްރޯކެއް ޖެހި ފަރުވާ ދެނިކޮށް މަރުވި އޭޑީކޭގެ ބިދޭސީ ޑޮކްޓަރު ދުވުން ފެށުމުގެ ކުރިން އެނާޖީ ޑްރިންކްސް ބޭނުންކުރިކަން ވެސް އަރޫނާ ފާހަގަކުރެއްވި އެވެ.

އެނާޖީ ޑްރިންކުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތައް ކުރިމަތިވޭ

އެނާޖީ ޑްރިންކުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތައް ކުރިމަތިވޭ

ދުންފަތުގެ ގޮންޖެހުމާ އެކުއެކީގައި އެނާޖީ ޑްރިންކްސް

ދުންފަތުގެ އިސްތިއުމާލުކުރުން އާއްމުވުމުގެ ބޮޑު ގޮންޖެހުމުން އަރައިނުގަނެވި އުޅެނިކޮށް އެނާޖީ ޑްރިންކްތަކުގެ ނުރައްކާ ވެސް އާއްމު ދިރިއުޅުމުގައި މި ވަނީ ވަކިހިއްޕާލައިފަ އެވެ. އަދި އޭގެ ތެރެއިން އައިސްގެން އުޅޭ، އެނާޖީ ޑްރިންކާއި އެހެން އެއްޗެހި އެއްކުރުމުގެ ވައްޓަފާޅިއަކީ ވަކިން ނުރައްކާތެރިކަން ބޮޑު ކަމެއްކަން އަރޫނާ ފާހަގަކުރެއްވި އެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މިދިޔަ އަހަރު ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރު، އެނާޖީ ޑްރިންކްސް އާއި ޕާޓީ ޑްރަގްސް މިކްސްކުރުމާ ގުޅިފައިވާ ކަމެވެ.

އެއާ އެކު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ދުންފަތެކޭ އެއްފަދައިން، އެނާޖީ ޑްރިންކްސް ވެސް ނުފޫޒުގަދަ ވިޔަފާރިއަކަށް ވެފައިވާ އިރު އެފަދަ ބުއިންތައް އިޝްތިހާރުކުރުން ފަދަ ކަންކަމުގައި ހިފެހެއްޓުމެއް ނެތުމެވެ.

"އެނާޖީ ޑްރިންކް ކޮކްޓެއިލްސް ޕްރޮމޯޓްކުރުމުގެ ހަރަކާތެއް ބޭއްވުމާ ގުޅިގެން ސިއްހީ ދާއިރާގެ އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރި. އޭގެ ދެ ހަފްތާ ފަހުން މި ދެ ޒުވާނުންގެ މަރު އައީ،" ހުޅުމާލޭގައި މިދިޔަ ސެޕްޓެމްބަރު މަހު ހިނގި ބޮޑު ހާދިސާ އަށް އިޝާރާތްކުރައްވައި އަރޫނާ ވިދާޅުވި އެވެ.

"ކުޅިވަރު ކުޅުމުގެ ކުރިން އެނާޖީ ޑްރިންކްސް ބޭނުން ނުކުރުން، ސްޕޯޓްސް ޑްރިންކްސްގެ ގޮތުގައި އެނާޖީ ޑްރިންކްސް ޕްރޮމޯޓް ނުކުރުން އަދި އެއްވެސް އެއްޗަކާ މިކްސްކޮށްގެން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އެނާޖީ ޑްރިންކްސް ޕްރޮމޯޓް ނުކުރުން މިއީ ވަރަށް މުހިއްމު ކަންތައްތައް. އެނާޖީ ޑްރިންކްސްގައި ކެފެއިން އާއި އެ ނޫން ވެސް ކެމިކަލްތައް އެކުލެވޭ މިންވަރު މާ މަތިވެފައި ރައްކާތެރިއެއް ނޫން."

އެނާޖީ ޑްރިންކްސްއާ ދެކޮޅަށް ސަރުކާރުން ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް މިހާރު އަންނަނީ އަޅަމުންނެވެ.

ރާއްޖޭގައި 2016-2017ގައި ވަނީ ސްކޫލްތަކާއި ސަރުކާރުން ހިންގާ ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި އެނާޖީ ޑްރިންކްސް ބޭނުންކުރުމާއި ގެންގުޅުން މަނާކޮށްފަ އެވެ. ސްކޫލުން ބާއްވާ ހަރަކާތްތަކުގައި އެނާޖީ ޑްރިންކާއި އެ ތަކެތީގެ ސްޕޮންސާ ބޭނުން ކުރުމާއި އެނާޖީ ޑްރިންކްގެ އިޝްތިހާރުތައް ސްކޫލުތަކުގެ ތެރޭގައި ތިބޭއިރު ފެންނަ ގޮތަށް، މަގުމަތިންނާއި އިމާރާތްތަކުގައި ހަރުކުރުން ވެސް މަނަ އެވެ.

"އެނާޖީ ޑްރިންކްސް އިޝްތިހާރުކުރުމާ ބެހޭ ގަވާއިދެއް ހަދަން އެޗްޕީއޭ އިން މަސައްކަތްކޮށްފައިވޭ. އެކަމަކު އެކަން އަދި ކާމިޔާބެއް ނުވޭ،" އަރޫނާ ވިދާޅުވި އެވެ.

އާއްމުންނަށް އިންޒާރެއް ދެވޭތަ؟

ކުއްލި މަރުތައް ތަކުރާރުވަމުން ދިޔަޔަސް މިހާތަނަށް ހަމައެކަނި އެނގެނީ މީޑިއާގައި ރިޕޯޓްކުރާ ވަކިވަކި ހާދިސާތަކެކެވެ. މި މައްސަލަ ޖުމްލަ ގޮތަކަށް އެނގޭނެ ތަފާސްހިސާބެއް ނެތެވެ. ނުވަތަ އާއްމުކޮށްފައެއް ނުވެ އެވެ. އަދި މިކަން ބަލައި ދިރާސާކޮށް ސަބަބުތައް ދެނެގަންނަން ސިއްހީ ދާއިރާ އިން މަސައްކަތްކުރާ ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.

"ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް ކުއްލި މަރުތައް މެޑިކަލީ އިންވެސްޓިގޭޓްކުރާ ހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ،" އަރޫނާ ވިދާޅުވި އެވެ.

"ޑޮކްޓަރުން މެޑިކޯލީގަލް ފޯމްތައް ފުރާ. އެކަމަކު ޑޮކްޓަރަށް ލިބެން ހުންނަ މައުލޫމާތު ވަރަށް މަދު. އަދި އަޅުގަނޑުމެންގެ ގިނަ ޑޮކްޓަރުންނަކީ މަރުގެ އެކަށީގެންވާ ސަބަބުތައް ދެނެގަންނަން ތަމްރީންކުރެވިފައިވާ ބައެއް ނޫން."

މިހާރުގެ ހާލަތަށް ބަލާ އިރު އެއީ މުހިއްމު ކަމެއް ކަމަށް ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކުއްލިއަކަށް މަރުވާ މިފަދަ މީހުންގެ ޕޯސްޓްމޯޓަމް ހެދޭނެ ގޮތެއް ތައާރަފްކުރަން އެބަ ޖެހޭ،" ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވި އެވެ.

"މިފަދަ މީހުންގެ ދިރިއުޅުމުގެ އާދަތައް ހުރީ ކިހިނެއްތޯ ބަލައި ދިރާސާކުރަން ޖެހޭ."

އެއީ ކުއްލި މަރަށް މަގުފަހިވާ ކަންކަމާ ދުރުވާން އާއްމުންނަށް ވަރަށް މުހިއްމު މައުލޫމާތަކަށް ވާނެ އެވެ.

އަރޫނާ ގަބޫލުކުރައްވާ ގޮތުގައި ދުންފަތް ބޭނުންކުރުން މަދުކޮށް އޭގެ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރިކަން ބޮޑުކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އޭނާ ވިދާޅުވީ އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ސިނގިރޭޓް ފޮށިތަކުގެ ބޭރުގައި އިންޒާރުގެ މަންޒަރުތައް ޖަހައިގެން ކަމަށެވެ. އެކަމަކު އެކަމަށް ހަދާފައިވާ ގަވާއިދު ދުންފަތުގެ ސިނާއަތުގެ ނުފޫޒާ އެކު ރައީސް އޮފީހުން ގެޒެޓް ނުކޮށްފާނެ ކަމުގެ ކަންބޮޑުވުން ސިއްހީ ދާއިރާ އާއި ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ.

ދުންފަތާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މީގެ ކުރިން ވެސް މިފަދަ ތަޖުރިބާތައް ކުރެވި ހުރަސްތައް ކުރިމަތިވެފައިވެ އެވެ. އަރޫނާ ވިދާޅުވި ފަދައިން އެނާޖީ ޑްރިންކްސްގެ މައްސަލައިގައި ވެސް އެ ގޮންޖެހުން އަންނާނެ އެވެ.

ކުއްލި މަރުތަކަށް މަގުފަހިކުރިޔަސް، ގިނަ ބައެއްގެ ދިރިއުޅުން ވަނީ ދުންފަތާއި އެނާޖީ ޑްރިންކްސްއާ ލާމެހިފަ އެވެ. އެކަމަށް މީހުން ހޭލުންތެރިކުރަން ދޭ މެސެޖުތަކާއި ސިއްހީ އިންޒާރުތަކުގެ އަޑަށް ވުރެ އެ އެއްޗެހީގެ ނުފޫޒު މާ ގަދައީ ކީއްވެގެންތޯ އެއީ ކުރަން ޖެހޭ ސުވާލެކެވެ.