Roadha Mihaaru
ފްލެޓް ކޮމިޓީގެ މަސައްކަތް ޑިސެމްބަރުގައި ނިންމަނީ

ފްލެޓް ކޮމިޓީގެ މަސައްކަތް ޑިސެމްބަރު 15 ގައި ނިންމަނީ

19 ސެޕްޓެމްބަރ 2019

ނުހައްގުން ފްލެޓް ދޫކުރި މައްސަލަ ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް އަންނަ ޑިސެމްބަރު 15 ގައި ނިންމަން ހަމަޖައްސާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނުހައްގުން ފްލެޓް ދޫކުރި މައްސަލަ ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް އަންނަ ޑިސެމްބަރު 15 ގައި ނިންމަން ހަމަޖައްސާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުގައި ތިން މަޝްރޫއަކުން ފްލެޓް ދިން ގޮތް ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް ލަސްވެ، ތަފްސީލް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފްލެޓް ކޮމިޓީގެ ދެ މެމްބަރަކު ދާދި ފަހުން އިސްތިއުފާ ދެއްވީ ކޮމިޓީގެ މަސައްކަތް ނުހިނގައިގެން ނޫން ކަމަށެވެ. އެއީ ކޮމިޓީގެ މަސައްކަތަށް ދެ ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ނުދެއްވިގެން ކަމަށެވެ.

ފަސް މެމްބަރުން ތިއްބަވާ ކޮމިޓީން އިސްތިއުފާ ދެއްވީ މުހައްމަދު މުއިއްޒު އަދުނާނާއި އަހުމަދު ތޮލާލެވެ.

ކުރީގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެތެރެއިން ގިނަ ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރެ އެވެ.

ރައީސް ވިދާޅުވީ ކޮމިޓީން މިހާރު ކުރަމުން އަންނަނީ އެ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ފެށުމުގެ މަސައްކަތް ކަމަށެވެ. ފޯމު ހުށަހެޅި ކޮންމެ މީހެއްގެ ގެއަށް ގޮސް ހާލަތު ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އުނދަގޫ މަސައްކަތެއް އެ ކުރަނީ. އެކަމަކު އެކަން ކުރިއަށް ގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ފްލެޓް ކޮމިޓީގެ ޒިންމާއަކީ ތިން މަޝްރޫއަކުން ފްލެޓް ދޫކުރި ގޮތް ބެލުމެވެ. އެއީ ގުޅީފަޅާއި ގެދޮރުވެރިކަމުގެ އިތުރުން ހިޔާ މަޝްރޫއެވެ. މީގެ ތެރެއިން ގުޅީފަޅު މަޝްރޫއުގައި ދިމާވި މައްސަލަތައް ބަލައި ރިޕޯޓެއް އެ ކޮމިޓީން ވަނީ އެކުލަވާލައިފަ އެވެ. އޭގައި ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން ނިންމާފައި ވަނީ އެ ފަރާތްތަކަށް ހިޔާ މަޝްރޫއުން ފްލެޓް ދިނުމަށެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ގިނަ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިއުން ވެސް ދޫކޮށްފަ އެވެ. އޭރުގެ ހައުސިން މިނިސްޓަރު ސޮއި ކުރައްވައި ދެއްވާފައި އޮތީ ސަރުކާރުގެ ސައްހަ ލިއުމެކެވެ. އެކަމަކު އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޕޮއިންޓް ދޭން އާއްމުކުރި އުސޫލާ ވެސް އެއްގޮތަށް ނޫން ކަމަށާއި މިހާތަނަށް ބެލި އިރު ވެސް ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފަ އެވެ.