Roadha Mihaaru
ތިލަފުށިން ކެމިކަލް ގުދަން ކުއްޔަށްދޫކުރަން ހުޅުވާލައިފި

ތިލަފުށިން ކެމިކަލް ގުދަން ކުއްޔަށް ދޫކުރަން ހުޅުވާލައިފި

23 ސެޕްޓެމްބަރ 2019

މާލޭގައި ހުރި ކެމިކަލް ގުދަންތައް ކ. ތިލަފުއްޓަށް ބަދަލުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ހުރި ކެމިކަލް ގުދަންތައް ކ. ތިލަފުއްޓަށް ބަދަލުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ހުޅުވާލައިފި އެވެ.

ޖީއެމްއައިޒެޑުން ކުރި އިއުލާނެއް ގައި ބުނީ ކެމިކަލް ރައްކާކުރާ ގުދަންތަކެއް ތިލަފުށީގައި ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެ ތަންތަން ކުއްޔަށް ދޫކުރަނީ އެކަމަށް އެދި ފޯމު ހުށަހެޅުމުން ކަމަށް ޖީއެމްއައިޒެޑުން ބުނެ އެވެ.

ތިލަފުށިން ގުދަން ކުއްޔަން ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިއުލާނުގައިވާ ގޮތުން، މިވަގުތު އެންމެ ނުރައްކާތެރި މުދާ ގުދަން ކޮށްފައިވާ ފަރާތްތަކަށެވެ.

ޖީއެމްއައިޒެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު "މިހާރު" އަށް ކުރިން ވިދާޅުވެފައި ވަނީ ފަސޭހައިން ހުޅުހިފާ ޒާތުގެ މުދާ ރައްކާކޮށްފައިވާ 126 ގުދަނެއް މާލޭގައި އެބަހުރި ކަމަށެވެ. އޭގެ ތެރެއިން 26 ގުދަނެއް ވަރަށް އަވަހަށް ތިލަފުއްޓަށް ބަދަލުކުރަންޖެހޭކަން ސަރުކާރުން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، އާ ގުދަންތައް ހަދައި ކުރިއަށް އޮތް ދެ މަސްތެރޭގައި އެތަނަށް މުދާ ބަދަލުކުރެވޭނެ އެވެ.

ނުރައްކާތެރި މުދާ ރައްކާކުރާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމީ ހެންވޭރު އަބަދަށްފެހި މަގުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެންނެވެ. ތިލަފުށީގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، ފެތުރުނު އަލިފާން ނިންވައިލެވުނު އިރު އެކަކު މަރުވެ، އިތުރު ގުދަންތަކަކާއި ގެތަކެއް ވަނީ އަނދައިފަ އެވެ. މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު މި ހާދިސާގައި 400 ވަރަކަށް މީހުން ހާލުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.