Roadha Mihaaru
ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމައިފި

ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމައިފި

16 ނޮވެމްބަރ 2019

ކެމިކަލް ހިމެނޭ ބާވަތްތައް ރައްކާ ކުރުމަށްޓަކައި ހ. ތިލަފުށީގޭގައި ހަދާފައިވާ ކެމިކަލް ގުދަނެއްގައި މިދިޔަ ސެޕްޓެމްބަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތައްޔާރުކުރި ތަންތަނުގެ މަސައްކަތް ނިންމާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކެމިކަލް ހިމެނޭ ބާވަތްތައް ރައްކާ ކުރުމަށްޓަކައި ހ. ތިލަފުށީގޭގައި ހަދާފައިވާ ކެމިކަލް ގުދަނެއްގައި މިދިޔަ ސެޕްޓެމްބަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތައްޔާރުކުރި ތަންތަނުގެ މަސައްކަތް ނިންމާލައިފި އެވެ.

ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ ފެތުރި، އެތައް ގުދަނަކާއި ގިނަ އަދަދެއްގެ ގެތަކެއްގައި އަލިފާން ރޯވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އެހެންވެ، ސަރުކާރުން ނިންމީ މާލޭގައި ހުރި، ކެމިކަލް ގުދަންތައް ވީ އެންމެ އަވަހަކަށް ތިލަފުއްޓަށް ބަދަލުކުރުމަށެވެ.

ތިލަފުށި ބަލަހައްޓާ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ކެމިކަލް ގުދަންތައް ހަދަން ހަވާލު ކުރީ 9.5 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ.

އެ ކުންފުނިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގަދަ ވަޔާއި ވިއްސާރައިގައި، 37 ދުވަސް ތެރޭގައި ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމާފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ގުދަންތައް ޖީއެމްއައިޒެޑްއާ ހަވާލު ކުރާނެ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުންޏެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ކުރި ޓުވީޓު.

ތިލަފުށީގައި ކެމިކަލް ގުދަން ހެދުމުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އެއް ލައްކަ އަކަފޫޓުގެ ބޮޑު ބިމެއްގައި ގުދަންތައް ހެދީ ބޮޑު އެއް އިމާރާތެއްގެ ގޮތުގަ އެވެ. ގުދަންތައް ވަކި ކުރަނީ ކާގޯ ކޮންޓެއިނަރު ބަހައްޓައިގެންނެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނިން އެ މަސައްކަތް ހަވާލުކުރަން އެންމެ ފުރަތަމަ ނިންމީ އިއުލާން ކުރުމެއް ނެތި އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުންތަކާއެކު އެންމެ ފަހުން ވަނީ ގުދަންތައް ހަދައިދޭނެ ބަޔަކު ހޯދަން އާއްމުކޮށް އިއުލާން ކޮށްފަ އެވެ.

އެމްއެންޑީއެފުން ކުރިން ބުނީ މާލޭގައި ހުރި ގުދަންތަކުގެ ތެރެއިން މިހާރުން މިހާރަށް ތިލަފުއްޓަށް ބަދަލުކުރަންޖެހޭ 32 ގުދަނެއް އެބަހުރި ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ބައެއް މަޝްރޫއުތައް ހިންގި ބައެކެވެ.