Roadha Mihaaru

ޓެރަރިސްޓު ހަމަލާއެއް ކަމަށް މުއިއްޒު ކުރެއްވި ތުހުމަތު ބަލަންޖެހޭ: އިދިކޮޅު

މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ކުރެއްވި ތުހުމަތު ބަލަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

"ރޯވުމާ ގުޅޭ ގޮތުން މުއިއްޒުގެ ތުހުމަތު ބަލަން ޖެހޭ"
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

23 ސެޕްޓެމްބަރ 2019

މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ކުރެއްވި ތުހުމަތު ބަލަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި ކަމެކެވެ. އެކަމަކު އެ ތުހުމަތާ ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް އޭނާ މިހާތަނަކަށް ނުދައްކަވަ އެވެ.

ފުލުހުން ވަނީ މި ތުހުމަތު ދޮގުކޮށްފަ އެވެ. އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް އެފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު އިދިކޮޅުން ބުނިގޮތުގައި، މުއިއްޒުގެ ތުހުމަތު ސީރިއަސް އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރަކު އެފަދަ ވާހަކައެއް ދައްކަވާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމަށެވެ. މުއިއްޒަކީ މަޖިލީހުގައި ވެސް ބަސް މަދު ބޭފުޅަކަށް ވާ އިރު، އެހާ ބޮޑު ތުހުމަތެއް އޭނާ ކުރައްވާނީ ކޮންމެވެސް ކަމަކާ ގުޅިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ދައުލަތުގެ މުއައްސަސާތަކުން އެމަނިކުފާނާ ސުވާލުކުރައްވައި އެކަމުގެ ހަގީގަތް ސާފުކުރައްވަން ޖެހިވަޑައިގަންނަވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެ ތުހުމަތާ ގުޅޭ މައުލޫމާތު ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ލިބިފައިވާ ނަމަ ތަހުގީގަށް ދަތިނުވާނެ އަދި ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެ މިންވަރަކަށް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަން ވެސް ޕީޕީއެމާއި ޕީއެންސީން ގޮވާލި އެވެ.

ފުލުހުން ބުނިގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ހުރިހާ ކަމެއް އެ މުއައްސަސާ އިން ބަލާނެ އެވެ. ތަހުގީގުގެ ކުރީކޮޅަށް ވުމާ އެކު އެކި އިމާރާތްތަކަށް ވަދެ ބަލަން ޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ރޯވި ސަބަބެއް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ. އެ ހާދިސާގައި ހާލުގައި ޖެހިގެން 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވި އިރު ގިނަ ބަޔަކު މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.