Roadha Mihaaru
ކަންބޮޑުވުން އުފެދޭ ކަހަލަ ވާހަކަ ނުދައްކާ!

އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން ކަންބޮޑުވުން އުފެދޭ ކަހަލަ ވާހަކަ ނުފަތުރާ: ހޯމް މިނިސްޓްރީ

24 ސެޕްޓެމްބަރ 2019

ހ. ތިލަފުށީ ގޭގައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ވާހަަކަތައް ނުފަތުރަން ހޯމް މިނިސްޓްރީން ގޮވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހ. ތިލަފުށީ ގޭގައި ހުރި ގުދަނެއްގައި ރޯވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ވާހަަކަތައް ނުފަތުރަން ހޯމް މިނިސްޓްރީން ގޮވާލައިފި އެވެ.

ހޯމް މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ކަންބޮޑުވުން އުފެދޭ ފަދަ ވާހަކަތައް ފެތުރުމަކީ ނުތަނަވަސްކަން އުފެދި، ތަހުގީގަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"...މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާ އެކު ފުލުހުން އަންނަނީ ހިންގަމުން. މި ތަހުގީގުގެ އެންމެހާ ކަންކަން މިނިސްޓަރ އޮފް ހޯމްއެފެއާޒް އާއި މިނިސްޓަރ އޮފް ޑިފެންސް އަންނަނީ ވަރަށް ގާތުން ބައްލަވަމުން،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ސިފައިންނާއި ފުލުހުންގެ އިސް ވެރިންނާ ބައްދަލުކުރައްވާ ފޮޓޯއަކާ އެކު ހޯމް މިނިސްޓްރީން ކުރި ޓްވީޓްގައި ބުންޏެވެ.

މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ރޯވި ގެތައް އަނދަނީ. ފައިލް ފޮޓޯ/މިހާރު

މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ރޯވި ގެތައް އަނދަނީ. ފައިލް ފޮޓޯ/މިހާރު

ހޯމް މިނިސްޓްރީން މިހެން ބުނެފައި މިވަނީ އަލިފާނުގެ ބޮޑު ހާދިސާއަކީ ބަޔަކު ގަސްދުގައި ރާވައިގެން ދިން "ޓެރަރިސްޓް ހަަމަލާއެއް" ކަަމަށް، އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވެފައި ވަނިކޮށެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހިމެނޭ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ފޭސްބުކްގައި ލިޔުއްވާފައި ވަނީ "އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ.

މުއިއްޒު ދެއްކެވި ވާހަކަ ފުލުހުން ތަހުގީގު ކުރިކަމެއް ނުވަތަ ނުކުރާ ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން މައުލޫމާތު ދޭން ފުލުހުން އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި ބުނީ އެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އިއްޔެގެ ނޫސް ކޮންފަރެންސްގައި ހެޑް އޮފް ސީިރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އެކަމަކު ތަހުގީގުކުރުމުގައި ހުރިހާ ދިމާލަކަށް ބަލާނެ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.

"މިހާތަނަށް ބެލި ބެލުމުން ސީދާ އެކަމާ ގުޅޭ ނޫނީ [ޓެރަރިޒަމް އަމަލެއް] އެގޮތަށް ބެލެވޭނެ އެއްވެސް ކަމެއް ފާހަގައެއް ނުވޭ. އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުން ތަހުގީގު މި ގެންދަނީ ހުރިހާ ޕޮސިބިލިޓީއެއް، އޭންގަލްއަކުން ބެލިގެން. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން،" ޝިފާއު ވިދާޅުވި އެވެ.

ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި ލިބުނު ގެއްލުން ފުލުހުންނާއި ސިފައިން އަންނަނީ ބަލަމުންނެވެ. އެ ހާދިސާގައި އެކަކު މަރުވި އިރު އަލިފާނުގެ އަސަރުކުރި ގެތަކުގެ އަދަދު ގާތްގަނޑަކަށް 30 އަށް އަރައެވެ. އޭގެ ތެރެއިން ބައެއް ގެތައް ވަނީ މުޅިން އަނދައި ބޭނުން ނުކުރެވޭ ވަރު ވެފަ އެވެ.