Roadha Mihaaru
ކެމިކަލް ގުދަންތައް މާލޭން ބޭރުކުރަން ހުށަހަޅަނީ

ކެމިކަލް ގުދަންތައް މާލޭން ބޭރުކުރަން ހުށަހަޅަނީ

21 ސެޕްޓެމްބަރ 2019

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކެމިކަލް ގުދަންތައް އެބަހުރި ކަމަށާއި އެތަންތަން ތިލަފުށި ފަދަ އިންޑަސްޓްރިއަލް ރަށްރަށަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކެމިކަލް ގުދަންތައް އެބަހުރި ކަމަށާއި އެތަންތަން ތިލަފުށި ފަދަ އިންޑަސްޓްރިއަލް ރަށްރަށަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޭ އަލިފާން ރޯވެ ހަތަރު ގުދަނަކާއި، ހަތް ގެއެއް އަނދައި ހުލިވި އެވެ. އަދި ހަތަރުސަތޭކައަށް ވުރެ ގިނަ މީހުން ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ރޯވިގެއެއްގައި ދިރިއުޅޭ ތ. ބުރުނީ ފެންފިޔާޒުގޭ އާއިޝަތު ޝައުނާ ވަނީ ފިހިގެން މަރުވެފަ އެވެ.

ވަޒީރުންގެ މަޖިލީހުން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ މާލޭގައި ނުރައްކާތެރި އެއްޗެހި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރުމުގެ ޕްްލޭން ވީހާ އަވަހަކަށް ނިންމުމަށެވެ.

އެމްއެންޑީއެފްގެ ހެޑް ކުއާޓަރު، ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަި މިނިސްޓަރު މާރިޔާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ފަހުން ވެސް މާލޭގެ ގުދަންތަކުގެ ހާލަތު ސިފައިން ބަލާފައިވާ ކަމަށެވެ. އެ ބެލުމުގައި މާލޭގައި 126 ގުދަނެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ގުދަންކުރަން ހުއްދަ ދޭ ކަމިކަލްގެ ބާވަތްތަކަކީ ފާހާނާ ސާފުކުރަން ބޭނުންކުރާ ސާމާނާއި ދަނޑުވެރިކަމަށް ބޭނުން ކުރާ ސާމާނު ފަދަ ތަކެތި ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ގުދަންތައް ތިލަފުށި ފަދަ ރަށްތަކަށް ބަދަލު ކުރުމަށް ލަފާ އަރުވައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން މަޝްވަރާކޮށްފައި ދެއްތޯ ގޮތެއް ނިންމޭނީ. އަޅުގަނޑުމެން ރެކޮމެންޑް މިކުރަނީ އެތަންތަން މާލޭން ބޭރު ކުރަން. ދެން ވިޔަފާރިވެރިންނާ ވެސް ވާހަކަ ދައްކައި ކަންކަން ބަލާފަތާ ގޮތެއް ނިންމޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ގޭގޭގައި ޕެޓްރޯލް ވިއްކާކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅު ކުރާތީ މިނިސްޓަރު ވިދާޅުވީ ޕެޓްރޯލް ޝެޑްތައް 24 ގަޑިއިރު ހުޅުވަން ފެށި ހިސާބުން އެކަން ހައްލުވެއްޖެ ކަމަށެވެ. އެގޮތަށް ސަރުކާރުން ނިންމީ ވެސް ގޭގޭގައި ޕެޓްރޯލް ވިއްކާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.