Roadha Mihaaru
ގުދަން އެންމެ ފަހުން ޗެކުކުރި އިރު މައްސަލައެއް ނެތް

ކެމިކަލް ގުދަން އެންމެ ފަހުން ޗެކްކުރި އިރު މައްސަލައެއް ނެތް: އެމްއެންޑީއެފް

24 ސެޕްޓެމްބަރ 2019

ހ. ތިލަފުށި ގޭގައި ހިންގި ކެމިކަލް ގުދަން، ފަޔަ އެންޑް ރެސްކިއު ސާވިސް އިން އެންމެ ފަހުން ޗެކްކުރި އިރު ހުއްދައާ ޚިލާފު ކަމެއް ފާހަގަވެފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހ. ތިލަފުށި ގޭގައި ހިންގި ކެމިކަލް ގުދަން، ފަޔަ އެންޑް ރެސްކިއު ސާވިސް އިން އެންމެ ފަހުން ޗެކްކުރި އިރު ހުއްދައާ ޚިލާފު ކަމެއް ފާހަގަވެފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގުދަނުގައި ރޯވެ، އެކަކު މަރުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި، ހަތަރު ގުދަނާއި ހަ ގެއެއް ވެސް ވަނީ އަނދައި ހުލިވެފަ އެވެ.

ގުދަނުގައި ރޯވި އަލިފާން އިމާރާތްތަކުގައި ހިފާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގުދަނުގައި ރޯވި އަލިފާން އިމާރާތްތަކުގައި ހިފާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލެ އާއި ރިސޯޓްތަކަށް ފުޅާދާއިރާއެއްގައި ކެމިކަލް ވިއްކާ އެ ގުދަނަކީ ގްރީންޕާތު ކުންފުނީގެ ގުދަނެކެވެ. ތިލަފުށިގެއާ ޖެހިގެން ހުންނަ މާޓިން ގޭގައި ހިންގާ ކޯލްޑް ސްޓޯރޭޖު ވެސް ވަނީ އަނދައި ހުލިވެފަ އެވެ. އެއީ ވެސް ގްރީންޕާތުގެ ވެރިފަރާތުގެ ހިއްސާ އޮންނަ ތަނެކެވެ. ފިނިކުރި ކުކުޅާއި ތަރުކާރީ ފަދަ ތަކެތި ބަހައްޓާ އެ ގުދަން ހިންގަނީ ފިނޯ ކުންފުނިންނެވެ. އޭގެ އިތުރުން ވެސް ގްރީންޕާތުގެ މެނޭޖްމަންޓުގެ ދަށުން އެހެން ދެ ކުންފުންޏެއް ހިންގަ އެވެ. އެއީ، އެންޝުއާ އާއި ވޯޓާޑިވިޝަނެވެ.

ކެމިކަލް ގުދަން ހިންގާ ގްރީންޕާތުގެ ހިއްސާދާރުންނާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ލިސްޓެއް ދައުރުވި ނަމަވެސް އެ ލިސްޓު ސައްހައެއް ނޫނެވެ. ދައުރުވި ލިސްޓުގައި ތިއްބެވި ގިނަ ބޭފުޅުންގެ ހިއްސާ ދެ ކުންފުނީގައި ވެސް މިހާރަކު ނެތެވެ. "މިހާރު" އަށް ލިބިފައިވާ ރަސްމީ ލިއުންތަކުގައިވާ ގޮތުން، ގްރީންޕާތުގެ ހިއްސާދާރުންގެ ގޮތުގައި ތިއްބަވަނީ ދެ ބޭފުޅެކެވެ. ފިނޯ ކުންފުނީގައި ވެސް ދެ ހިއްސާދާރުން ތިއްބަވާ އިރު، ދެ ކުންފުނީގެ ވެސް އިސް ބޭފުޅަކީ، މއ. ފްރީޕާކު، މުހައްމަދު އާމިރެވެ.

ތިލަފުށިގޭގައި ރޯވި ހާދިސާއާ ގުޅިގެން އާމިރުގެ ބަހެއް ހޯދަން "މިހާރު"ން މަސައްކަތް ކުރި ނަމަވެސް ފޯނަށް އަދި މެސެޖަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބުނެވެ.

ތޮއްޖެހުންބޮޑު އަބަދަށްފެހި މަގުގައި، ކެމިކަލް ގުދަނެއް ހުރި އިރު ކަމާބެހޭ އިދާރާތަކުން އެންމެ ރަނގަޅަށް އިންސްޕެކްޓް ކުރިތޯ ސުވާލު އުފައްދަ އެވެ.

މިކަމާ ގުޅޭ ގޮތުން ފަޔަ އެންޑް ރެސްކިއު ސާވިސް އަށް "މިހާރު"ން ފޮނުވި ސުވާލުތަކަކަށް ދެއްވި ޖަވާބުގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ މިދިޔަ މެއި މަހު، ފަޔަ އެންޑް ރެސްކިއު ސާވިސް އިން ގުދަން ޗެކްކުރުމަށް ފަހު ކެމިކަލް ހުއްދަ ދިނުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ޑިފެންސް މިނިސްޓްރީ އަށް އެންގި ކަމަށެވެ. ކެމިކަލް ގުދަންތަކަށް ހުއްދަ ދެނީ ޑިފެންސް މިނިސްޓްރީންނެވެ.

"މެއި، 16، 2019 ގައި ޗެކްކުރި އިރު މި ސާވިސް އިން ބަލަމުންގެންދާ މިންގަނޑާ އެއްގޮތަށް އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމެއް ފާހަގަކުރެވިފައެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އިންސްޕެކްޝަނުން ފާހަގަވި ގޮތުގައި، އެތަނުގައި ހުރީ ސާފުކުރުމަށް ބޭނުންކުރާ ޒާތުގެ ކެމިކަލް އެވެ. އެތަނަށް ހުއްދަ ދޫކުރީ ވެސް ހައުސް ހޯލްޑް ކެމިކަލް ގުދަންކުރުމަށެވެ.

ރޯވި ގެތަކުގެ އެސެސްމަންޓް ހެދުމަށް ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރޯވި ގެތަކުގެ އެސެސްމަންޓް ހެދުމަށް ސިފައިން ހަރަކާތްތެރިވަނީ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ގުދަންތައް ޗެކްކުރާއިރު މިންގަނޑުތަކާ އެއްގޮތަށް ނުވަތަ ދޫކުރި ހުއްދައާ އެއްގޮތަށް ހުއްޓަސް ފަހުން ހުއްދައާ ޚިލާފުވާ ކަން ވެސް ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ. އެކަމަކު، ގްރީންޕާތުގެ އޮޕަރޭޝަންސް މެނޭޖަރު އިބްރާހިމް ނަޝީދު "މިހާރު" އަށް ވިދާޅުވެފައިވާ ގޮތުގައި ގުދަން ހިންގީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ކެމިކަލް ގުދަންކުރުމުގައި އޭރު ޑިފެންސް މިނިސްޓްރީން ގެންގުޅޭ މިންގަނޑުތަކާ ޚިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ގުދަނުގައި ރައްކާކުރަނީ ޕޫލަށް އަޅާ ކެމިކަލާއި ލޯންޑްރީ ކެމިކަލްގެ ތެރޭގައި ހިމެނޭ ޑިޓަޖެންޓާއި ސޮފްޓްނާ ފަދަ ދިޔާ ތަކެއްޗެވެ.

އަނދައިގެން ދިޔަ ކެމިކަލް ގުދަނަކީ ކަރަންޓް ވެސް ހުންނަ ތަނެއް ނޫން ކަމަށާއި އަދި އެތަނަކީ އަމިއްލަ ޒާތުން އަލިފާނުގެ ހާދިސާއެއް ހިނގައިގެން ވާނެ ތަނެއް ނޫން ކަމަށް ވެސް ގްރީންޕާތުން ބުންޏެވެ.

އެ ގުދަނުގައި ރޯވި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ އެކު ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ކެމިކަލް ގުދަންކުރުން މަނާކޮށް އިއްޔެ ވަނީ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން މާލޭގައި މިހާރު ހުރި ގުދަންތައް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ބަދަލު ކުރަން ޖެހެ އެވެ.