Roadha Mihaaru
ލަފާކުރި ވަރާ ގާތަށް ވެސް އިގްތިސާދު ކުރިއެއް ނާރާ

ލަފާކުރި ވަރާ ގާތަށް ވެސް އިގްތިސާދު ކުރިއެއް ނާރާ

24 ސެޕްޓެމްބަރ 2019

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރާފައި ވަނީ 3.1 ޕަސެންޓަށް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިޕޯޓެއްގައި ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރާފައި ވަނީ 3.1 ޕަސެންޓަށް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެމްއެމްއޭގެ ކުއާޓާލީ ބުލެޓިންގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 4.7 ޕަސެންޓުގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިގްތިސާދު ތިން ޕަސެންޓަށް ކުރިއަށް ދިޔަ ނަމަވެސް މި އަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދު ކުރި އަރާނެ ކަމަށް ލަފާ ކުރަނީ 5.4 ޕަސެންޓަށެވެ. މިދިޔަ އަހަރު އިގްތިސާދު ކުރިއަރާފައި ވަނީ 7.5 ޕަސެންޓަށެވެ.

ފުރަތަމަ ހަ މަހުގެ އިގްތިސާދީ ކުރިއެރުން ދަށްވެފައިވާ އިރު ގިނަ ވިޔަފާރިތަކަކުން ވެސް އަންނަނީ އެކަން ފެންނަމުންނެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ ކުރިއެރުން މި އަހަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިތައް ދަށަށް ގޮސްފައިވެ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި އިގްތިސާދީ ތަޖުރިބާކާރު އަހުމަދު މުނައްވަރު ވިދާޅުވީ، އިގްތިސާދީ ދުވެލި ދައްވުމުން ދޭހަވަނީ އިގްތިސާދީ ހަރަކާތްތައް ހިނގި މިންވަރު މަދުވުން ކަމަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އިގްތިސާދީ ދުވެލި ދަށްވުމަކީ އިގްތިސާދީ ގޮތުން ބަލާ އިރު މާބޮޑު މައްސަލައެއް ނޫން ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމަށް މިކަން ވާނީ މިކަން ތަކުރާރުވާ ނަމަ ކަމަށެވެ.

"އަނެއްހެން ގްރޯތު ރޭޓް ނެގެޓިވްވީއެއް ނޫން. އެބަ ކުރިއަށްދޭ. އެހެންވީމަ، ކުއާޓާލީކޮށް އަންނަ މިފަދަ ބަދަލުތަކަކީ މާބޮޑު ކޮންސާނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރާ ދުވެލި ދައްވުމުގެ ސަބަބެއް ކަމަށް ބެލެނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާ އަށް އާއި ބޮޑު ކުރިއެރުން މަޑު ޖެހިލުމުން ކަމަށް އޭނާ ވިދާޅުވި އެވެ. މުނައްވަރު ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް މިހާރު ނިމިފައިވާ އިރު އިތުރު ބޮޑު މަޝްރޫއުތައް ކުރިއަށް ނުދާތީ އޭގެ އަސަރު ފެންނާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އިގްތިސާދަށް ބަލާ އިރު އެންމެ ބޮޑު ހިއްސާއެއް ކުރާ ޓޫރިޒަމް ދާއިރާ ކުރިއެރަމުން ދިޔުމަކީ ރަނގަޅު ބަދަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މި އަހަރު ނިމޭއިރު ޓޫރިޒަމް ދާއިރާ 18 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ޓޫރިޒަމް ދާއިރާގެ ހިއްސާ 27.9 ޕަސެންޓުގައި ހުރި އިރު ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް ހިއްސާކުރަނީ 13 ޕަސެންޓުގަ އެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގެ ހިއްސާ އަށް ޕަސެންޓުގައި ހުރި އިރު ކޮންސްޓްރަކްޝަން ދާއިރާގެ ހިއްސާ އަކީ ހަ ޕަސެންޓެވެ.