Roadha Mihaaru
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު

ކޮލަމް ކޯދު: ފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބޭ ބައެއް ފިލާވަޅު

22 ސެޕްޓެމްބަރ 2016

(ސެޕްޓެމްބަރ 7، 2016 ދުވަހުގެ އަދަދާ ގުޅޭ)

(ސެޕްޓެމްބަރ 7، 2016 ދުވަހުގެ އަދަދާ ގުޅޭ)

އެންމެފަހުން ނިމިދިޔަ ބައިގައި، ދެން ގެނެސް ދެވޭނީ އަލްބަޤަރާ ސޫރަތުގެ ތަރުޖަމާ އާއި ތަފްސީރު ކަމުގައި ވާނީ ދެންނެވިފަ އެވެ. ނަމަވެސް، އެކަން ކުޑަކޮށް ފަސް ކޮށްލާފައި، ބައެއް ކިއުންތެރިން އެދިލެއްވުމުގެ މަތިން، އަލްފާތިޙާ ސޫރަތާ ގުޅޭ ދެތިން މައްސަލައެއް މިބައިގައި ހުށަހަޅާލަން ގަސްދު ކުރަމެވެ. އަލްފާތިޙާ ސޫރަތުގެ އިސްވެ ދިޔަ ވާހަކަތަކަށް އިތުރު ކޮށްލެވޭ އިސްތިދްރާކެއް ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގަ އެވެ. މިގޮތުން ބަލާލަން ގަސްދު ކުރަނީ އަޢޫޛުއާއި ބިސްމިއާއި އާމީންގެ މައްޗަށެވެ.

އަޢޫޛު މި ލަފްޒަކީ އަރަބި ބަހުގެ ތަޢައްވުޛުގެ ދިވެހި ތަރުޖަމާ އެވެ. އެއިން ގަސްދުކުރެވެނީ أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ މިހެން ކިޔައި މާތްﷲގެ ހަޟްރަތަށް ވެވޭ އިލްތިޖާ އެވެ. ޝައިތާނީ ވަސްވާސްތަކުން ރައްކާތެރި ކޮށްދެއްވައި، އެކަމުން ސަލާމަތްކަން އެދި މާތް ﷲ ހަޟްރަތުގައި ދެންނެވޭ ދެންނެވުމެވެ. އަލްފާތިޙާ ސޫރަތުގެ ތަފްސީރު ލިޔުއްވުމުގައި، އަޢޫޛާ ބެހޭ ގޮތުން މުފައްސިރުން ވާހަކަ ދައްކަވަ އެވެ. އަޢޫޛުގެ މާނައާއި އަދި ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރިން، އަޢޫޛު ކިޔެވުމުގެ ޙުކުމާ ބެހޭ ގޮތުންނެވެ.

މަތީގައިވާ އަޢޫޛުގެ ޞީޣާ އަށް، އިބާރަތް ކުރެވި ލިޔެވިފައިވާ ގޮތަށް ބަލައިލާއިރު، އެންމެ ފުރަތަމަ އޮތީ أَعُوذُ بِاللَّهِ، (މާތް)ﷲގެ ރައްކާތެރިކަން އަހުރެން ހޯދަމު އެވެ' މިހެންނެވެ. ބައެއް ފަހަރު މިބަޔަށް السَّمِيعِ الْعَلِيمِ، އައްސަވާ ވޮޑިގެންވާ، (އަދި) ދެނެވޮޑިގެންވާ، މި ދެ ސިފަފުޅު އިތުރު ކުރެވިފައިވެ އެވެ. އަނެއް ބައިގައި އޮތީ مِنَ الشَّيْطَانِ الرَّجِيمِ، '(މާތްﷲގެ ރަހުމަތުން) ބޭރުކުރެވިފައިވާ ޝައިތާނާގެ (ވަސްވާސް) ތަކުން (ސަލާމަތްވުން އެދި) އެވެ' މިފަދައިންނެވެ.

މާތްﷲގެ ރައްކާތެރިކަން ހޯދުމަކީ އެކަލާނގެ ޙަޟްރަތަށް ރުޖޫއަވެ، އެކަލާނގެ ހަޟްރަތުން ޢިޞްމަތްތެރިކަން، ލިބިދާނެ ދެރައަކުން ނޫނީ ގެއްލުމަކުން ސަލާމަތްކަން، ހޯދުމެވެ. ޝައިތާނާގެ ވަސްވާސްތަކަކީ ތިމާ ބޭނުންވާ ކަމަކާ ދޭތެރޭ ތިމާގެ ސަމާލުކަން ގެއްލުވާލައި، އެކަމުން ދުރުހެލި ކުރުވާ ފިކުރުތަކާއި ޚިޔާލުތަކެވެ.

ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަށް، ކީރިތި ޤުރްއާނުގައި، އިރުޝާދު ދެވިފައިވެއެވެ. އައްނަޙްލު ސޫރަތުގެ 98 ވަނަ އާޔަތުގައެވެ. فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ، ފަހެ، ކަލޭގެފާނު (ކީރިތި) ޤުރްއާން ކިޔަވައި ވިދާޅުވާ ހިނދު (އެބަހީ، ކިޔަވާ ވިދާޅުވާން ގަސްދު ކުރައްވައިފި ހިނދު، ކިޔަވައި ވިދާޅުވާން ފެއްޓެވުމުގެ ކުރިން) ޝައިތާނާ (ގެ ވަސްވާސްތަކުން ސަލާމަތް ވުމަށްޓަކައި) (މާތް)ﷲގެ ރައްކާތެރިކަން ކަލޭގެފާނު ހޯއްދަވާށެވެ. އެހެންވެ، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވާއިރު، ބިސްމި ކިޔުމުގެ ކުރިން، އަޢޫޛު ކިޔުން އޮވެއެވެ. އަދި މިއީ ކީރިތި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ކަމެކެވެ. ހަދީސްގައި އައިސްފައިވެ އެވެ. ސަލާމާތް ސަލަވާތް ލެއްވި ނަބިއްޔާ (އަލްފާތިހާ ސޫރަތް) ކިޔަވާ ވިދާޅުވުމުގެ ކުރިން أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ވިދާޅުވެއެވެ."

.

.

ފިޤުހުވެރިން ދެކިލައްވާ ގޮތުގައި ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. އައްޝަޥްކާނީ އޭނާގެ ނައިލުލް އަޥްޠާރުގައި ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ ރަކުޢަތުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ކުރިން އަޢޫޛު ކިޔުމުން ފުދެ އެވެ. އެހެން ރަކުޢަތްތަކުގައި އަޢޫޛު ކިޔުމެއް ނެތެވެ. އަދި އަޢޫޛު ކިޔާނީ ސިއްރުންކަން ވެސް ފިގުހުވެރިން ވިދާޅުވެ އެވެ. އިބްނު ޤުދާމާގެ އަލްމުޣްނީގައި، ނަމާދުގައި އައޫޛު ސިއްރުން ކިޔެވުމާ މެދު އިލްމުވެރިންގެ ޚިޔާލު ތަފާތުވުމެއް ނެތް ކަމަށް އިޝާރާތް ކުރައްވާފައިވެ އެވެ. ނަމަވެސް، އައްޝާފިޢީ މިކަން، އަޢޫޛު އަޑު ހަރުކޮށް ކިޔުމާއި ސިއްރުން ކިޔުން، ދޫކޮށްލައްވަނީ އިމާމާގެ އިޚްތިޔާރުގެ މައްޗަށެވެ. އިމާމު އައްޝާފިޢި ދެކިލައްވާ ގޮތުގައި، އަލްފާތިޙާ ސޫރަތް، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި، އިމާމާ އަޢޫޛު އަޑު ހަރުކޮށް ކިޔަން އެދޭނަމަ، އެގޮތް އެންމެ ރަނގަޅެވެ.

ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ކީރިތި ޤުރްއާން ކިޔެވުމުގެ ކުރިން އައޫޛު ކިޔުމުގެ ބޭނުމަކީ، ކީރިތި ޤުރްއާނުން ކިޔަވާ އެއްޗެއްގެ މައްޗަށް، އަޅުވެރިޔާގެ ހިތުގެ ސަމާލުކަން މުޅިން ދިނުމެވެ. ކީރިތި ޤުރްއާނުން، އޭނާ ކިޔަވާ އެއްޗެއްގެ މައްޗަށް، އޭނާގެ ވިސްނުމާއި ފިކުރު މުޅިން ހުއްޓުވާލުމެވެ. އޭނާ ކިޔަވާ އެއްޗެއްގެ މާނަ ފަހުމްކޮށް ދެނެގަނެ އޭގެ މައްޗަށް ތަދައްބުރު ކޮށް ފުންކޮށް ވިސްނުމަށްޓަކަ އެވެ. އަދި ނަމާދުގައި އަޢޫޛު ކިޔަވާ ނަމަ، ނަމާދުގެ އަޅުކަމުގައި މަޝްޣޫލުވެގެން ހުންނަ އިރު، ހިތު ތެރެ އަށް ވެރިވާ އެހެން ފިކުރުތަކާއި ޚިޔާލުތަކާއި ދުރުވެ، އޭނާގެ މުޅި ވިސްނުމާއި ފިކުރު މާތްﷲ ހަނދުމަކުރުމުގެ މައްޗަށް ހުއްޓުވާލުމަށް ޓަކައެވެ.

ދެ ވަނަ އަށް މިތާނގައި ބަލާލަން ގަސްދުކުރަނީ ބިސްމީގެ މައްޗަށެވެ. ކުރިން ހުށަހަޅާލެވުނު ޚުލާސާ، ކޮންމެވެސް ވަރަކަށް ނަމަވެސް، އިތުރަށް ތަފްސީލުކޮށްލަ ދިނުމުގެ ގޮތުންނެވެ. އެގޮތުން ބަލާލާނީ އަލްފާތިހާ ސޫރަތުގައި ބިސްމި ހިމެނޭތޯ އާއި އަދި ނަމާދުގައި އެސޫރަތް ކިޔަވާއިރު، ބިސްމި ކިޔަން ޖެހޭތޯ އާއި އަދި ކިޔަން ޖެހެނީ ކިހިނެއް ކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ މިވާހަކަތައް ގެނެސްދެވިފައިވާ ބައެއް މަސްދަރުތަކުގެ ވާހަކަ ލިޔެލާނަމެވެ. ދެން އިމާމުވެރި ބޭކަލުންގެ ރައުޔު ހުށަހަޅާލައި، އެ ބޭކަލުންގެ ރައުޔު ތަފާތުވުމުގެ ސަބަބު ބަޔާން ކޮށްދެވޭތޯ ބަލާނަމެވެ. މި ވާހަކަތައް ހުށަހަޅާލުމުގެ ބޭނުމަކީ މި މައްސަލަ ރަނގަޅަށް ފަހުމްކޮށް ދެނެގަތުމެވެ. އަދި، އެއަށް ފަހު، އަމިއްލަ ވިސްނުން ބޭނުން ކޮށްގެން، އެންމެ ބަރުދަން ބޮޑު ގޮތަކީ ކޮބައިތޯ ހޯދަން މަސައްކަތް ކުރުމެވެ. ތިމާ ދެކޭ ގޮތް ނޫން އެހެން ރައުޔުތަކަށް ވެސް އިހުތިރާމު ކުރުމާ އެކުގަ އެވެ.

މި މައްސަލައާ ބެހޭ ވާހަކަތައް، ތަފްސީރު ފޮތްތަކާއި ހަދީސް ފޮތްތަކާއި އަދި ފިގުހު ފޮތްތަކުގައި ވެސް ލިޔެވިފައި ވެއެވެ. އިހުގެ ލިޔުންތަކަށް ބަލައިލާ އިރު، މިމައްސަލައާ ބެހޭގޮތުން އެންމެ ތަފްސީލުކޮށް ލިޔުއްވާފައިވާ އެއް ބޭފުޅަކީ އިމާމު އައްރާޒީ، އޭނާގެ ތަފްސީރުގަ އެވެ. އޭނާގެ ތަފްސީރުގައި، މިމައްސަލައާ ބެހޭގޮތުން، ގާތްގަނޑަކަށް ވިއްސަކަށް ސަފުހާ ލިޔުއްވާފައި ވެއެވެ. އިމާމު އައްރާޒީގެ ވާހަކަތަކަށް ރައްދު ދެއްވައި އަލޫސީ އޭނާގެ ރޫހު އަލްމަޢާނީ، މިތަފްސީރު ފޮތުގައި ވެސް ބިސްމިއާ ބެހޭ ވާހަކަތައް ބަޔާން ކުރައްވާފައިވެ އެވެ.

މި ޒަމާނުގެ ތަފްސީރު ފޮތްތަކަށް ބަލައިލާއިރު، ކޮންމެވެސް ވަރަކަށް ތަފްސީލު ކުރައްވައި، މި މައްސަލަ، ޝައިޚް އަބްދުހޫ ތަފްސީރު އަލްމަނާރު ބަޔާންކޮށް ސާފުކޮށް ދެއްވާފައި ވެއެވެ. ފިގުހީ ފޮތްތަކަށް ބަލާލާއިރު، އިބްނު ރުޝްދު، އޭނާގެ ބިދާޔަތުލް މުޖްތަހިދުގައި، މިމައްސަލަ ވަރަށް ސާފުކޮށް ޚުލާސާކޮށް ހުށަހަޅުއްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ އަލްއުސްތާޛު ސައްދިޔު ސާބިޤު އޭނާގެ 'ފިޤުހުއް ސުންނަތު' މިފޮތުގައި ވަރަށް ސާފުކޮށް ޚުލާސާ ކޮށްދެއްވާފައިވެ އެވެ. އައްޝަޥްކާނީ އޭނާގެ ނައިލުލް އަޥްޠާރުގައި މިމައްސަލައާ ގުޅޭ ހަދީސްތައް ތަންގީދު ކުރައްވައިފައިވެ އެވެ. ބިސްމިއާ ބެހޭ، އަޅުގަނޑުގެ ވާހަކަކޮޅު، މައިގަނޑު ގޮތެއްގައި، ބިނާ ކުރެވިފައި ވަނީ މިދެންނެވި މަސާދިރުތަކުގެ މައްޗަށެވެ.

.

.

ބިސްމިއާ ބެހޭގޮތުން އިމާމުވެރި ބޭކަލުންގެ ރައުޔުތަކަށް ބަލައިލަމާތޯއެވެ. މިމައްސައިގައި މާލިކު ދެކެވަޑައިގަންވާ ގޮތުގައި ފަރްޟު ފަސް ނަމާދުގައި ސިއްރުން ވިޔަސް، ނޫނީ އަޑުހަރުކޮށް ވިޔަސް، އަލްފާތިޙާ ސޫރަތާއި އަދި އެހެނިހެން ސޫރަތް ކިޔެވުމުގައި ވެސް ބިސްމި ކިޔުމެއް ނެތެވެ. އަދި މާލިކު ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ނަމާދުގައި ބިސްމި ކިޔަސް އެންމެ ރަނގަޅެވެ. އިމާމު އަބޫ ޙަނީފާ އާއި އިމާމު އައް ޘަވްރީ އަދި އިމާމު އަޙްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދުގައި ކޮންމެ ރަކުޢަތެއްގައިމެ އަލްފާތިޙާ ސޫރަތް ކިޔަވާއިރު ބިސްމި ކިޔަން ޖެހޭނެ އެވެ. އަދި، މިބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމި ކިޔަން ޖެހޭނީ ސިއްރުންނެވެ. އިމާމުއް ޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔަން ޖެހޭނެއެވެ. އަދި ބިސްމި ކިޔަން ޖެހޭނީ، އަލްފާތިހާ އަޑު ހަރުކޮށް ކިޔާވާ ނަމާދުތަކުގައި އަޑު ހަރުކޮށެވެ. ސިއްރުން ކިޔަވާ ނަމާދު ތަކުގައި ސިއްރުންނެވެ.

ބިސްމި ކިޔުމުގެ މައްސަލައިގައި އިލްމުވެރިންގެ ރައުޔު ތަފާތުވުން، ބިނާވެފައި އޮތީ ދެކަމެއްގެ މައްޗަށެވެ. އެންމެ ފުރަތަމަ، ބިސްމިއަކީ އަލްފާތިހާ ސޫރަތާއި އަދި އެހެން ސޫރަތްތައްވެސް ފެށުމުގައި އޮންނަ، އެސޫރަތްތަކުގައި ހިމަނާލެވޭ އާޔަތެއްތޯ ނުވަތަ ނޫންތޯގެ މައްޗަށެވެ. ދެ ވަނަ ސަބަބަކީ މިމައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ހަދީސްތަކާއި އަޘަރުތައް (އަސްޙާބު ބޭކަލުންގެ ފަރާތުން އައިސްފައިވާ ވާހަކަތައް) ތަފާތުވުމެވެ.

އެންމެ ފުރަތަމަ މިމައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ބައެއް ހަދީސްތަކާއި އަޘަރުތަކުގެ މައްޗަށް ބަލާލާމާތޯ އެވެ. މިގޮތުން ވާހަކަ ދައްކާއިރު ހަދީސް އިލްމުގައި ބޭނުން ކުރެވޭ ބައެއް ޚާއްސަ އިސްޠިލާޙީ (ޓެކްނިކަލް) ލަފްޒު ބޭނުން ކުރަން ޖެހެ އެވެ. އެހެންވެ، އެންމެ ފުރަތަމަ އޭގެ ތެރެއިން އާއްމު ބައެއް ލަފުޒާއި އޭގެ މާނަ ލިޔެލާނަމެވެ. ބިސްމިއާ ބެހޭ ހަދީސްތައް ވިސްނި ފަހުމްވެ ދިޔުމަށްޓަކައެވެ.

ހަދީސްގެ ސޫރަ އަށް ބަލާލާއިރު ދެބައެއް އޮވެއެވެ. އެންމެ ފުރަތަމަ ހަދީސްގެ ރާވީންނެވެ. އާދެ، ހަދީސް ރިވާ ކުރެއްވި ބޭކަލުންނެވެ. ހަދީސެއް ރިވާކުރެއްވި ބޭކަލުންގެ ސިލްސިލާ އަށް ކިޔޭނަމަކީ 'ސަނަދެވެ'. ހަދީސްގެ ދެވަނަ ބަޔަކީ ހަދީސް ގެ 'ނައްޞު' (ނުވަތަ ޓެކްސްޓު) އެވެ. މިބަޔަށް ކިޔެނީ 'މަތުނު' އެވެ. އާދެ، ހަދީސްގެ ސޫރަ ބިނާވެފައި އޮންނަނީ ސަނަދަކާއި މަތުނެއްގެ މައްޗަށެވެ. 'ގިނަ' ސަނަދުތަކެއް އެކުލެވިގެން، އެއް ހަދީސެއް ރިވާ ކުރެވިފައިވާ ނަމަ އެހަދީސްއަކީ 'މުތަވާތިރު' (އެތައް ބަޔަކު ރިވާކޮށްފައިވާ) ހަދީސެއްކަމުގައި ބެލެވެއެވެ. ހަދީސެއް މުތަވާތިރު ވެއްޖެނަމަ އޭގެ ސައްހަ ކަމާމެދު ޚިލާފުވުމެއް ނެތެވެ. މަދު ބަޔަކު ރިވާ ކޮށްފައިވުމުން، މުތަވާތިރުގެ ދަރަޖަ އަށް ނުފޯރާ ހަދީސަކީ 'އާޙާދު' ހަދީސް އެވެ. އެކަކު ނުވަތަ ދެ މީހަކު ރިވާ ކޮށްފައިވާ 'އެކަހެރި' ހަދީސްއެވެ. ބިސްމިއާ ބެހޭ ގޮތުން އައިސްފައިވާ ހަދީސްތަކަކީ އާހާދު ހަދީސްތަކެވެ. އަދި މީގެ ތެރެއިން ބައެއް ހަދީސްތަކުގެ ސަނަދުގައި މައްސަލަތައް ހުރިކަން ހަދީސް އިލްމުވެރިން ފާހަގަ ކުރައްވައެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.