Roadha Mihaaru
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 6

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 6

17 ނޮވެމްބަރ 2016

(ނޮވެމްބަރު 10، 2016ގެ އަދަދާ ގުޅޭ)

(ނޮވެމްބަރު 10، 2016ގެ އަދަދާ ގުޅޭ)

އެންމެ ފަހުން، ބަލާލެވުނީ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ ފުރަތަމަ އާޔަތުގެ މައްޗަށެވެ. ވަކި ކުރެވިފައިވާ އަކުރުތަކުގެ މައްޗަށެވެ. ދެން މި ބައިގައި ހިމެނޭ އަނެއް ހަތަރު އާޔަތް، އާދެ، ދެ ވަނަ އާޔަތުން ފެށިގެން ފަސް ވަނަ އާޔާތުގެ ނިޔަލަށް، ބަލައިލާން ފަށަމާތޯ އެވެ.

ދެ ވަނަ އާޔަތުގައި ވަނީ "ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ"، މިފޮތަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތަޤުވާވެރިންނަށް އޮތް މަގު ދެއްކުމެކެވެ، މިހެންނެވެ. މި އާޔަތުގައި ހިމެނޭ މުހިއްމު ލަފްޒުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާ ތޯ އެވެ.

މިއާޔަތް ފެށިފައިވަނީ ذَٰلِكَ މިލަފްޒުންނެވެ. މާނައަކީ 'އެއީ' އެވެ. އަރަބި ބަހުގައި، މި ލަފްޒު ބޭނުން ކުރެވެނީ ދުރުގައިވާ އެއްޗަކަށް އިޝާރަތް ކުރުމަށެވެ. الْكِتَابُގެ ލަފްޒީ މާނައަކީ ލިޔެވިފައިވާ ލިޔުމެވެ. ފޮތެއް، ސިޓީއެއް، ލިޔެވިފައިވާ ޚިތާބެއް ފަދަ ކޮންމެ އެއްޗަކީ 'ކިތާބެ'ކެވެ. މި އާޔަތުގައިވާ 'އަލްކިތާބު'، 'ފޮތް' މިއިން އިޝާރަތް ކުރެވެނީ ކީރިތި ޤުރްއާނަށެވެ. އެ ފޮތުގައި ބަޔާން ކުރެވިފައިވާ ވާހަކަތަކަށެވެ.

ކީރިތި ޤުރްއާން، މި ފޮތް، 'ކައިރީގައި' އޮވެމެ، އެ ފޮތަށް ދުރުގައި އޮތް އެއްޗެއް ފަދައިން އިޝާރަތް ކުރެވިފައިވަނީ ފޮތުގެ ޤަދާސަތާއި ޢަޠަމަތްތެރިކަން، އާދެ، ފޮތުގެ މާތްކަމާއި މަތިވެރިކަން، ބަޔާންކުރުމުގެ ގޮތުންނެވެ. މި މާނަ އަށް ރިއާޔަތް ކޮށް، ذَٰلِكَ الْكِتَابُ އަށް ބަލައިލުމުން، މި އިބާރާތުން ދޭހަވާ މާނައަކީ 'މި މާތް މަތިވެރި ފޮތަކީ ...'، މިއެވެ.

އާދެ، ކީރިތި ޤުރްއާނަކީ މުސްލިމުން އިންތިހާ ދަރަޖަ އަށް ގަދަރު ކޮށް މާތްކޮށް ހިތާ ފޮތެކެވެ. އެ ފޮތުގައި ވަނީ، މާތްﷲގެ ކަލާމްފުޅެވެ.

رَيْبَގެ މާނައަކީ ޝައްކާއި ކުށް ހީތަކެވެ. ޝައްކަކީ ހިތުގައި ކަމެއްގެ ތެދުކަން ނުވަތަ އެކަމަކީ ހަގީގަތެއްކަން ޔަގީނުގެ ދަރަޖަ އަށް ގަބޫލު ކުރުމަށް ހުރަސް އަޅާ ހުރަސްތަކެވެ. لَا رَيْبَ ۛ فِيهِ (އޭގައި ޝައްކެއް ނެތެވެ) މި އިބާރަތް މާނަ ކުރުމުގައި މި އިބާރާތުގައިވާ އަކުރާއި ބަދަލު ނަން، 'فيه'، 'އޭގައި' – ކީރިތި ޤުރްއާނުގައި – އާޔަތުގެ ދެ ބަޔަކާ ގުޅުވާލެވިދާނެ އެވެ. އެއް ގޮތަކީ، 'އޭގައި ޝައްކު ނެތުން' އާޔަތުގެ ފުރަތަމަ ބަޔާ، އާދެ، 'ފޮތާއި' ގުޅުވާލުމެވެ.

އޭރުން ދޭހަވާ މާނައަކީ، 'އެ ފޮތުގައި، އެބަހީ، ކީރިތި ޤުރްއާނުގައި އެއްވެސް ޝައްކެއް ނެތެވެ، މި މާނަ އެވެ. އާދެ، ކީރިތި ޤުރްއާނުގައި އެއާ މެދު އެއްވެސް ޝައްކެއް އުފުދޭ ވާހަކައެއް، ބަޔާނެއް ނެތެވެ. އެ ފޮތުގައި އައިސްފައިވަނީ ތެދު ހަގީގަތެވެ. ހަގީގަތާ ޚިލާފު އެއްވެސް ދޮގު، ބާތިލު ވާހަކައެއް އެ ފޮތުގައި ނުވެ އެވެ. އެހެނީ އެފޮތަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މާތްﷲ ބާވައިލެއްވި ފޮތަކަށް ވާތީ އެވެ.

ދެ ވަނަ ގޮތަކީ މިކަން – ޝައްކެއް ނެތްކަން -، ޖުމްލައިގެ ނިމުމާއި - هُدًى لِّلْمُتَّقِينَ (ތަޤުވާވެރިންނަށް އޮތް މަގު ދެއްކުމެކެވެ) ގުޅުވާލުމެވެ. މި ގުޅުވާލުމުގެ މައްޗަށް ބިނާކޮށް لَا رَيْبَ ۛ فِيهِ މާނަ ކުރާއިރު ބުނެވޭނީ އެއްވެސް ޝައްކެއްނެތް ގޮތުގައި މި ފޮތަކީ، ކީރިތ ޤުރްއާނަކީ ތަޤުވާވެރިންނަށް އޮތް މަގުދެއްކުމެއް ކަމުގައެވެ. އެހެނީ، އެ މަގު ދައްކަވާ ފަރާތަކީ މާތްﷲ ކަމަށްވާތީ އެވެ. އެކަލާނގެ ބާވައިލެއްވި، ތެދު ހަގީގަތް ބަޔާން ކުރެވިފައިވާ ފޮތް، އާދެ، ކީރިތި ޤުރްއާން މެދުވެރި ކޮށެވެ.

ކީރިތި ޤުރްއާނުގެ ސޫރަތުލް ފާތިޙާ އާއި ބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތް.

ކީރިތި ޤުރްއާނުގެ ސޫރަތުލް ފާތިޙާ އާއި ބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތް.

هُدًىގެ މާނައަކީ 'މަގުދެއްކުން' މި އެވެ. އާދެ، ތެދުމަގު ނުވަތަ ހެޔޮ ގޮތް ބުނެ ބަޔާން ކޮށްދީ، އެ މަގަށް، މަގު ދެއްކުމެވެ. ތިމާގެ އަމިއްލަ ހަޔާތް ވޭތުކޮށްލާނޭ ހެޔޮ މަގަށާއި އަދި ތިމާގެ މުޖުތަމުއުގެ ކަންތައްތައް ހެޔޮ ގޮތުގައި ރާވައި ހިންގާނޭ މަގަށެވެ. (މީގެ ކުރީގެ ބައެއްގައި މި ތެދުމަގާ ބެހޭ ޚުލާސާއެއް ގެނެސް ދެވުނެވެ. އިތުރު ތަފްސީލު ލިބިގަތުމަށް އެބައި ބައްލަވާ ލައްވާށެވެ.)

لِّلْمُتَّقِينَގެ މާނައަކީ 'ތަޤުވާވެރިން' މިއެވެ. މިލަފްޒުގެ މަސްދަރަކީ، އަސްލަކީ، وقاية، 'ރައްކާތެރިކަން'، މިއެވެ. އެހެންވެ ތަޤުވާވެރިޔަކީ، ރައްކާތެރިކަން ހޯދާ މީހާ އެވެ. އާދެ، 'އަލް މުއްތަޤީން' (ތަޤުވާވެރިން) ނަކީ އެމީހުންގެ ނަފްސުތައް ގެއްލި ހަލާކުވެ ދިޔުމުން ރައްކާތެރިކަން ހޯދާ މީހުންނެވެ. މިކަން ފެށެނީ މާތް ﷲ އަށް އީމާންވުމުންނެވެ. އަދި އެ އަށް ފަހު، މި އީމާންކަން ނިޔާ ކުރާ ގޮތުގެ މަތިން ތިމާގެ އަމަލުތައް ބެހެއްޓިގެންނެވެ.

މާތްﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެ އަދި އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުހެލި ވެވިގެންނެވެ. އާދެ، ތަޤުވާވެރިންނަކީ މާތްﷲ އަށް އީމާންވެ، އެ ކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެ އަދި އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުހެލިވާ މީހުންނެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ، ނުބައި ކަންތައް ކުރުމުން ދުރުހެލިވެ، ހެޔޮ ކަންތައްތައް ކުރުންމަތީ ދެމި ތިބުމަށް މަސައްކަތްކުރާ މީހުންނެވެ.

ބައެއް ފަހަރު 'އަލް މުއްތަޤީން' ނުވަތަ 'ތަޤުވާވެރިން' މި ލަފްޒުގެ މާނައިގައި ﷲއަށް ބިރުވެތިވާ މީހުންނޭ ލިޔެވެ އެވެ. އެއީ ތަޤްވާގެ މަފްހޫމުގައި ހިމެނޭ މާނައިގެ މުހިއްމު އެއް އުންސުރަށް، ބާރުލެވިގެންނެވެ. މާތްﷲގެ ކޯފާ އަށް ބިރުވެތިވެ، އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަތުމުން ދުރުހެލިވުމުގެ މާނަ އަށް ބާރު ލެވިގެންނެވެ. ތަޤްވާގެ މަފްހޫމުގައި ހިމެނޭ މިމާނަ އާއި އަދި މަތީގައި ބަޔާން ކުރެވިދިޔަ އެހެން މާނަތައް ވެސް – އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަންކަން އަދާކުރުން – ހިމަނާލުމުގެ ގޮތުން، އަލްމުއްތަޤީންގެ މާނައިގައި އެ މީހުންނަކީ މާތްﷲ ހަނދުމަ ކުރުން މަތީގައި ދެމިތިބޭ މީހުންނޭ ލިޔެވެ އެވެ.

ސަބަބަކީ އެ ހަނދުމަ ކުރުން މަތީ ދެމިތިބުން، މާތްﷲ އަށް އުރެދުމުން ދުރުކުރުވައި އަދި އެކަލާނގެ އަމުރުފުޅުތައް އަދާ ކުރުމަށް އެހީވެދޭނެތީ އެވެ. އާދެ، ތަޤުވާވެރިންނަކީ މާތްﷲ އަށް އީމާންވެ، އެކަލާނގެ ހަނދުމަކުރުމުން އެ މީހުންގެ ނަފްސުތައް ހޭލައްވާލައިގެން ތިބޭ މީހުންނެވެ. އަދި މި ހަނދުމަކުރުން މަތީ ދެމިތިބުން ނިޔާ ކުރާ ގޮތުން، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އަދި އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިނުގަނެ ދެމިތިބުމަށް ގަދައަޅާ މަސައްކަތްކުރާ މީހުންނެވެ.

ދެންމެ މިބަޔާން ކުރެވުނު ލަފުޒުތަކުގެ މާނައިގެ އަލީގައި "ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ"، މި އާޔަތުގެ މާނައިގެ މައްޗަށް އަދި އެއް ފަހަރު ބަލައިލަމާތޯ އެވެ. އާދެ، މި މާތް ފޮތަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ތަޤުވާވެރިންނަށް، މާތްﷲ ހަނދުމަ ކުރުން މަތީ ދެމި ތިބޭ މީހުންނަށް، އެ މީހުންގެ ދުނިޔަވީ ހަޔާތް، ހެޔޮ ގޮތުގައި، ވޭތުކޮށްލާނީ ކިހިނެއްކަން ބަޔާންކޮށް، އެ މަގަށް، މަގު ދެއްކިފައިވާ ފޮތެކެވެ.

.

.

މި އާޔަތުން މުހިއްމު ދެކަމެއް ފާހަގަ ކުރެވެ އެވެ. ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނުގެ މައުޟޫއަކީ ހިދާޔަތުގެ ވާހަކަ ކަމެވެ. ކަނޑައަޅާލެވޭ ވަކި އަޚުލާގީ މިންތަކެއްގެ މައްޗަށް ބިނާކޮށް، ތިމާގެ އަމިއްލަ ހަޔާތް ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި، ހަމަހަމަކަމާއި އަދުލު އިންސާފުގެ އަގުތަކުގެ މައްޗަށް ބިނާކޮށް، ތިމާގެ މުޖުތަމައުގެ ކަންތައްތައް ރާވައި ހިންގާނީ ކިހިނެއްކަން ބަޔާން ކޮށްދިނުމުގެ ވާހަކަ އެވެ.

ޝައްކެއް ނެތް ގޮތުގައި، ކީރިތި ޤުރްއާނުގައި ތަފާތު މައުޟޫއުތަކާ ބެހޭ ވާހަކަތައް އައިސްފައިވެ އެވެ. އަޤީދާއާ ބެހޭ ވާހަކަތަކެވެ. އަޅުކަމުގެ ރަސްމުތަކުގެ ވާހަކަތަކެވެ. މާޒީވެ ގޮސްފައިވާ އުއްމަތްތަކާއި އަދި އެމީހުންނާ ބެހޭ ތާރީޚީ ބައެއް ވާހަކަތެކެވެ. އަދި، މިޒަމާނުގެ ބައެއް އިލްމީ ހޯދުންތަކާއި އިއްތިފާގުވާ އިލްމީ ބައެއް ހަގީގަތްތަކާ ގުޅުވައިލެވިދާނޭ ފަދަ ވާހަކަތައް ވެސް މެއެވެ.

ނަމަވެސް، މީގެ މާނައަކީ ކީރިތި ޤުރްއާނަކީ އުލޫހިއްޔާތުގެ (ތިއޯލޮޖީގެ) ފޮތަކަށް ވުމެއް ނޫނެވެ. ނުވަތަ ތާރީޚީ ނުވަތަ ސައިންސާ ބެހޭ ފޮތަކަށް ވުމެއް ވެސް ނޫނެވެ. މިފަދަ މައުޟޫއުތައް ވެސް ކީރިތި ޤުރްއާނުގައި އައިސްފައިވަނީ، ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއުގެ ޚިދުމަތުގަ އެވެ. މައިގަނޑު މައުޟޫއަށް އެހީވެދީ، އެކަމަށް ބާރު ދިނުމުގެ މަގުސަދުގަ އެވެ. ތެދުމަގުގައި ތިބުމަށް، އެހީވެދީ، އެމަގުގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ނުބައި ނުރަނގަޅު ކަންތައްތަކާ ދުރުވެ، ހެޔޮ ކަންތައްތައް ކޮށް، އަޚުލާގީ ގޮތުން މީހާ ރަނގަޅު މީހަކަށް ވުމަށް އެހީވެދިނުމުގެ ބޭނުމުގަ އެވެ. އެހެންވެ، ކީރިތި ޤުރްއާނަކީ، އެއްމެ ފުރަތަމަ ވެސް އަދި އެއްމެ ފަހުން ވެސް، ހިދާޔަތުގެ ފޮތެކެވެ.

މި އާޔަތުން ފާހަގަކޮށްލެވޭ ދެ ވަނަ ކަމަކީ، މަތީގައި ބަޔާން ކުރެވިދިޔަ ފަދައިން، ކީރިތި ޤުރްއާނުގެ ހިދާޔަތުގެ މަގު ބަޔާން ކުރެވިފައިވަނީ ތަޤުވާވެރިންނަށްޓަކައި ކަމެވެ. އާދެ، މާތް ﷲ އަށް އީމާންވާ، މި އީމާންކަމުގެ ނޫރުން، އެމީހުންގެ ހިތްތައް އަލިކުރެވި ފައިވާ މީހުންނަށްޓަކައި ކަމެވެ. އެހެނީ، ހެޔޮގޮތުގައި އެމީހުންގެ ހަޔާތުގެ ކަންތައްތައް ބަހައްޓާނީ ކިހިނެއްކަން ދެނެގަތުމުގެ އިލާހީ އިރުޝާދު އެދޭނީ މިމީހުން ކަމަށް ވާތީ އެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގުގެ ވާހަކަތަކުން ފައިދާ ލިބިގަނެވޭނޭ ބަޔަކީ މާތް ﷲ އަށް އީމާންވާ އަދި، އެކަލާނގެ އެންގެވި މަގު ގައި ހިނގަން ބޭނުންވާ މީހުންނަށެވެ. ތަޤުވާވެރި މުއުމިނުންނަށެވެ.

މިއާ އެކު ފާހަގަކޮށްލަން ޖެހެނީ ތަޤުވާވެރިކަމަކީ މުއުމިނާގެ އަމަލުތަކާއި ގުޅިފައިވާ ކަމެއްކަމެވެ. އިއުތިގާދީ ކަމެއް ނޫންކަމެވެ. އެހެންވެ، އެއީ އެއްފަހަރާ ހާސިލުކޮށް، ފުރިހަމަ ކޮށްލެވިދާނޭ ކަމެއް ނޫނެވެ. ތަޤުވާވެރިކަމުގެ ފުރަތަމަ ހަރުފަތަކީ މާތް ﷲ އަށް އީމާންވުމެވެ. ދެން، މުއުމިނާގެ އަމަލުތައް ބަހައްޓާ ގޮތެއްގެ މަތީން އޭނާގެ ތަޤުވާވެރިކަން އިތުރުވެ ދެއެވެ. ނަހީ ކުރެވިގެންވާ ކަންތައްތަކުން ދުރުވެ، އަމަރު ކުރެވިގެންވާ ކަންތައްތަކާއި ހެޔޮއަމަލުތައް ކުރަމުން ދިޔަދިޔަހެން، އޭނާގެ، ތަޤުވާވެރިކަން އިތުރުވެ ދެއެވެ. އަދި ތަޤުވާވެރިކަމުގެ ސިޑީގެ ހަރުފަތްތަކުން މައްޗަށް އަރައި ކުރިއަށް ދެވެ އެވެ.

އެހެންވެ، މުއުމިނާގެ އެއްމެ މުހިއްމު ފަރްދީ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ އޭނާގެ އަމިއްލަ ނަފްސު ހެޔޮ މަގަށް އަޅުވައި، އިސްލާހު ކުރުމުގެ މަސައްކަތަށް އިސްކަން ދިނުމެވެ. އޭނާގެ އަމިއްލަ ނަފްސު އިސްލާހުކުރުމުގައި މަޝްޣޫލުވެ، އަވަދިނެތި އުޅުމެވެ. އޭނާގެ ތަޤުވާވެރިކަން އިތުރުވެ ދިޔުމަށްޓަކަ އެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.